ބޮލީވުޑްގެ އެކްޓަރު ރަންބީރް ކަޕޫރް.
29 ސެޕްޓެމްބަރ 2024 - 06:15
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް)ގެ ކާމިޔާބު ފްރެންޗައިޒް "ދޫމް"ގެ ހަތަރުވަނަ ފިލްމުގެ ލީޑު ރޯލަށް ރަންބީރް ކަޕޫރް ހަމަޖައްސައިފި އެވެ.
"ދޫމް 4"ގެ ވާހަކަ ދެކެވޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެ ފިލްމުގައި ލީޑު ރޯލު ކުޅޭނެ އެކި އެކްޓަރުންގެ ވާހަކަ ވެސް އެކި ދުވަސް މަތިން ދެކެވުނެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ފިލްމުގެ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އެވެ.
ޕިންކް ވިލާއިން އިއްޔެ ރިޕޯޓްކުރި ގޮތުގައި، "ދޫމް 4" ގެނެސްދޭނީ އެ ފްރެންޗައިޒްގެ ރީބޫޓެއްގެ ގޮތުގަ އެވެ. އަދި އެ ފިލްމު ފްރެންޗައިޒްގައި ދެން ލީޑު ރޯލު ކުޅޭނީ ރަންބީރެވެ.
އެ ރޯލަށް ރަންބީރް ހަމަޖެއްސީ، އެ ރޯލަށް މިހާރު އެންމެ ފިޓުވާނެ އެކްޓަރަކަށް ބޮލީވުޑްގައި ހުރީ އޭނާ ކަމަށް ވައިއާރްއެފްގެ ވެރިޔާ އަދި ޕްރޮޑިއުސަރު އަދިތުޔަ ޗޯޕްރާއަށް ފެނިގެން ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
"ދޫމް 4" ވާނީ ރަންބީރްގެ ކެރިއަރުގައި އޭނާ ކުޅޭނެ 25 ވަނަ ފިލްމަށެވެ.
"ދޫމް" ކޮންމެ ފިލްމެއްގެ ވެސް އެންމެ ހާއްސަ ކެރެކްޓާއަކީ އެ ފިލްމުގެ ވިލަން އެވެ. އެ ރޯލު ކޮންމެ ފަހަރަކު ވެސް ކުޅެނީ މަޝްހޫރު އެކްޓަރެކެވެ. އެންމެފަހުން 2013 ގައި ރިލީޒްކުރި "ދޫމް 3"ގެ ވިލަންއަކީ އާމިރް ހާނެވެ. ރިތިކް ރޯޝަންއަކީ 2006 ގެ "ދޫމް 2"ގެ ވިލަން އެވެ. އަދި 2004 ގައި ރިލީޒްކުރި "ދޫމް"ގެ ފުރަތަމަ ފިލްމުގެ ވިލަންއަކީ ޖޯން އަބްރަހަމެވެ.
"ދޫމް"ގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކުރީ ސަންޖޭ ގަދުވީ އެވެ. އަދި ތިންވަނަ ފިލްމު ޑައިރެކްޓް ކުރީ ތިން ފިލްމުގެ ވެސް ސްކްރީންޕްލޭ ލިޔުނު ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗާރިިއާ އެވެ. ކުރިއަށް އޮތް ފިލްމުގެ ޑައިރެކްޓުކުރަނީ ކާކު ކަމެއް އަދި ނޭނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް ދޫމް ފޯއް.
29 September 2024
ވަރަށް ފައްކާވާނެ މަނިކު ވިލަން ރޯލަކަށް ލާން. ރަންބީރު ޖެހިލުންވާނެ ރާއްޖޭގެ އެންމެ މޮޅު ލީޑިން އެކްޓާރ އާއި ފައި ހަމަ ކޮށްލަން.