ފުލުހަކު އިއްޔެ މާލޭގެ މަގުމަތީގެ ޓްރެފިކް ބަލަހައްޓަނީ: މިހާރު މަގުމަތިން ފުލުހުން ފެންނަ ވަރު ގިނަވެއްޖެ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
29 ސެޕްޓެމްބަރ 2024 - 09:43
މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާ ގޮތަށް ފުލުހުންގެ އޮޕަރޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
މާލެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތަށް ގެންނަ ބަދަލާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިއްޔެ ވިދާޅުވީ، މާލެ އާއި ހުޅުމާލޭގައި މި ފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.
އެހެންވެ، ފުލުހުން މީގެ ކުރިން މަގުތަކުގައި ހަރަކާތްތެރިވަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެ ފިޔަވަޅުތައް އެންމެ ފުރިހަމަ އަށް ތަންފީޒު ވާން ފެށުމުން މާލޭގެ މަގުތަކުގައި ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑުމެން މި ފައްޓަނީ މާލެ އިން. ރައްޔިތަކު ނުކުމެގެން މާލޭގެ އެއްވެސް ތަނަކަށް ދާއިރު އެންމެ ގިނަވެގެން ފަސް މިނިޓުން ފުލުހަކު ފެންނަން ޖެހޭނެ. އެކަން ހާސިލް ކުރުމަށް މިހާރު މަސައްކަތް މި ކުރަނީ،" ސީޕީ ވިދާޅުވި އެވެ.
އެ މަގްސަދު ހާސިލް ކުރުމަށްޓަކައި ތަމްރީންތަކުގައި މިހާރު ތިބި ފުލުހުންގެ ބެޗު ނިމުމުން މަގުތަކަށް ނެރޭނެ ކަމަށާއި ދުވާލުގެ ގިނަ ވަގުތުގައި ބޮޑު ބައެއް ފުލުހުން ބަލަމުން ދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވިގޮތުގައި، މިހާރަށް ބަލާ ނަމަ މާލޭގެ މަގުތަކުގައި ބާރުބޮޑުވާ ގަޑިތަކުގައި 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވާނެ އެވެ.
ފުލުހުންގެ ހަރަކާތްތައް މޮނިޓާ ކުރާނެ ގޮތް އިއްޔެ ކިޔައިދެނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މީގެ ކުރިން މި ގޮތަށް ގިނަ އަދަދެއްގެ ފުލުހުން ނެރެގެން ހަރަކާތްތެރިވަނީ ހާއްސަ އޮޕަރޭޝަންތަކުގައި އެކަންޏެވެ. ނަމަވެސް ޝުޖާއު ވިދާޅުވީ، މިހާރު މިއީ ވަކި ދުވަސްވަރަކަށް ކުރިޔަށް ގެންދާނެ ކަމެއް ނޫން ކަމަށާއި ކުރިމަގުގައި ފުލުހުން އޮޕަރޭޓް ކުރާނެ މޮޑެލް އެ ގޮތަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
"ރައްޔިތުން އެންމެ ބޭނުން ވާނެ ހެން ހީވާ ތަންތަނުގައި ފުލުހުން ދެން ބަރާބަރަށް މޮނިޓާކޮށް، ހަރަކާތްތެރިވަމުން ދާނެ،" ޝުޖާއު ވިދާޅުވި އެވެ.
މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުގެ އިތުރުން ސެންޓްރަލް ކޮމާންޑެއް ގާއިމްކޮށް މާލެ އާއި ހުޅުމާލޭގެ ހުރިހާ ހަރަކާތެއް ލައިވްކޮށް މޮނިޓާ ކުރެވޭނެ ނިޒާމެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ފުލުހުން މާލޭގެ ޓްރެފިކް އިއްޔެ ބަލަހައްޓަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ހުރިހާ ސަރަހައްދަކާއި މީހުން ހުއްޓުވައި ސުވާލު ކުރަމުން އަންނަ ވަރާއި ބާރު ބޮޑުވާ ސަރަހައްދުތައް ލައިވްކޮށް އެ ކޮމާންޑުން މޮނިޓާ ކުރެ އެވެ.
މާލޭގައި ކުށް ކުރާ ގޭންގުތައް ހަރަކާތްތެރިވަމުންދާ ސަރަހައްދުތަކުގައި ވެސް އެކަމަށް ހާއްސަ ފުލުހުން އަބަދުވެސް ހަރަކާތްތެރިވަމުން އަންނާނެ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންބަރީ88987
01 October 2024
ފުރަތަމަ އަޚްލާގު ދަސްކޮށްދީ ރަނގަޅު ކުރަންވީ ފުލުހުން. މިއޮށް ސައްތަ އިން ސައްތަ އިސްލާމީ ޤައުމުގަ ތަން އިސްލާހު ކުރަންތިބި މީހުންގެ ތެރެއިން ކިތައް މީހުންބާ މިސްކިތަށް ނަމާދަށް އަރަނީ. ރާއްޖެތެރޭ ރަށްރަށުގެ ޕޯސްޓް ކިޔާފަ ތަންތަން ހަދައިގެން ގޭމު ކުޅުމާ، ކެއްކުމާ، ސިނގަރެޓް ވޭޕް ބުއިމާ، ޕީއެސް ކުޅުމާ މަޖާ ނެގުމުގަ ނަމާދު ވަގުތުގަ ކައިރީ ޖެހިފަ މިސްކިތް ހުންނަ އިރުވެސް. ދެން ކޮން އަޚްލާގެއް ރަނގަޅުކުރެވޭނީ.
ށަވިޔަނި
30 September 2024
މީ ފުލުހުން ޒިންމާ ދާރު ވުމެއް ނޫން، މިއީ ގައުމު ކުށުން ބަރީއަކުރުމެއް ނޫން، ގާނުނު ތަންފީޒުކޮށްގެން ކަންކަން ރަނގަޅު ވާނީ 400000 މީހުންގެ ފަހަތުގައި 4 ލައްކަ ފުލުހުން ތިބޭކަށް ނުޖެހޭ
އާ އާދަނު
30 September 2024
މަތީފޮޓޯގައި އެބަފެނޭ ފުލުހުންގެ އޮފިސަރެއް، އެކަމަކު ހެދިފަ ހުންނަ ގަވައިދާ ޚިލާފުވާ މީހެއް. ހާބަރު ކަޑަތަކުގައި "ނޯ ސުމޯކިން" ބޯޑު ޖަހާފައި ހުއްޓާ އެތާ އިނދެގެން ސިނގިރޭޓު ބޯ މީހެއް. ):
ޢަމިލް
30 September 2024
މިއަދު (30/09/2024) ހެނދުނު 7:30 އެހާއިރު އަލިކިލެގެފާނުމަގުގައި ހުރި ގެއަކުން ނިކުމެގެން މަޖީދީމަގުންގޮސް މާވެޔޮމަގުންގޮސް މާވެޔޮމިސްކިތް ކައިރީހުރި ގެއަކަށް ވަތްއިރުވެސް ތިބުނާކަހަލަ ފުލުހަކާ ދިމަލެއްނުވި. އެވަޤުތާހިސާބަށް 5 މިނެޓް ނުވަނީކަމަށްވެސް ވެދާނެ.
ފަހުދު.
30 September 2024
ކޮންމެ ތިން މިނިޓަކުން ޕާޓޭ އަކާ އެބްދިމާވޭ
އަބްޑޫޅް +
30 September 2024
ދިވެހިރާއްޖެ އަކީ ފުރިހަމަ، ފުލުސް ދައުލަތަކަށް ވެ، އަވަދިވީ. ޝިގް ހައިލް!
އަހަންމާ.
30 September 2024
ކޮންމެ ޑޮލަރެއްގެ ފަހަތުގައިވެސް ފުލުހަކު ބަހައްޓާ ވާހަކަ މިގައުމުގެ ވެރިޔަކު ވިދާޅުވި.
ހޯރަބޭ
30 September 2024
މަގުމަތިން ޔުނީފޯމް އެޅި ފުލުހުން ކޮންމެ 5 މިނެޓަކުން (ގިނަގިނައިން) ފެނުމަކީ އަމާންކަން ދައްކުވައިދޭ ކަމެއްނޫން، އެއިން ދައްކުވައިދެނީ ނަމާވެފައިވާލެއް ބޮޑުކަން.
ޢެޑްމުންޑޯ
30 September 2024
އެއީ ނާމާންވެފައިވާ ރަށެއް އަމާން ކުރާ ކަމެއް
ޙައްގުބަސް
30 September 2024
މި ސަރުކާރު ކަންކަން ރަނގަޅު ކުރަން އެބަ އުޅޭ.
ޖާދޫ
30 September 2024
އަޅުގަނޑަށް ހީވަނީ އެބޭފުޅުން އެވިދާޅުވަނީ މަޖީދީމަގުން ދަތުރުކުރާއިރު ކޮންމެ ފަަސްމިނިޓަކުން ފުލުހަކާ ދިމާވާ ވާހަކަ ކަންނޭގޭ