ޚިޔާލު / ދީން

އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1

އާއިލާއެއްގެ ބަޔަކު ހިނގާފައި ދަނީ: އާއިލާ ދެމެހެއްޓޭނީ ދެމަފިރިން އެކަކު އަނެކަކަށް އިހުތިރާމް ކޮށްގެން.

04 އޮކްޓޯބަރ 2024 - 12:02

އާއިލާތަކަކީ މުޖުތަމައުގެ ބިންގާ ކަމުގައިވާ ހިނދު އާއިލާތަކަށް ހިމާޔަތް ލިބިފައިވުމަކީ ނުހަނު މުހިންމު ކަމެކެވެ. ކީރިތި ޤުރްއާނާއި ސުންނަތުގެ ނައްޞުތައް ދިރާސާ ކުރުމުން އެނގި ހާމަވަނީ އިސްލާމް ދީނުގައި އާއިލާތަކަށް މި ހިމާޔަތް ލިއްބައިދޭނެ މުހިންމު ބާރުތަކެއް އޮންނަ ކަމެވެ. ސީދާ ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ގާނޫނީ ގޮތުން ލިބޭ ބާރުތަކެއް އޮންނަކަން ހާމަވެ އެވެ. މިއިން ކޮންމެ ބާރަކުންވެސް އާއިލާތަކަށް ހިމާޔަތް ލިބެއެވެ. މި ލިޔުމުގައި މި ބަލައިލަނީ މީގެ ތެރެއިން ދީނީ ގޮތުން އާއިލާއަށް ލިބޭ ބާރުތަކުގެ ތެރެއިން ބައެއް ކަންކަމަށެވެ.

ދީނުން ލިބޭ ބާރުތަކޭ ބުނާ ބަހުގެ މުރާދަކީ އާއިލާއެއް ބިނާ ކުރުމުގައި ދީނީގޮތުން ބާރުއަޅާ ކަންތައްތަކެއްގެ ސަބަބުން އާއިލާ އަށް ލިބޭ ރައްކާތެރި ކަމުގެ ވާހަކަ އެވެ. މީގެ ތެރޭގައި އިސްލާމީ އުސޫލުތަކުގެ މަތިން ކައިވެނީގެ ބައިވެރިން ހޮވުމާއި ކައިވެނީގެ އަގުދަށް އަހަންމިއްޔަތުކަން ދޭން ޖެހުމާއި ވަރިވުމަކީ ނޭދެވޭ ކަމެއް ކަމުގައި އޮތުމާއި ނަސްލު ދެމެހެއްޓުމަކީ ކައިވެނީގެ މަގުސަދެއް ކަމަށް ވުމާއި ހެޔޮލަފާ ޒަމީރެއްގެ ސަބަބުން އާއިލީ ކަންކަމުގައި އަމިއްލަ ބެލެހެއްޓުންތެރިކަން ވަރުގަދަވުން ފަދަ ކަންކަން ހިމެނެ އެވެ.

އިސްލާމީ އުސޫލުތަކުގެ މަތިން ކައިވެނީގެ ބައިވެރިން އިޚުތިޔާރު ކުރަން ޖެހުން

ކައިވެނީގެ ބައިވެރިޔަކު އިޚުތިޔާރު ކުރުމުގައި އިސްލާމީ އިރުޝާދުތަކަށް ތަބާވެއްޖެ ނަމަ އާއިލާ އަށް ވަރަށް ބޮޑެތި ހިމާޔަތްތައް ލިބޭނެ އެވެ. އެހެނީ އިސްލާމް ދީން އިރުޝާދު ދެނީ ދީންވެރިކަމާއި އަޚުލާގުގެ ގޮތުން އެންމެ ރަނގަޅު ބައިވެރިޔަކު އިޚުތިޔާރު ކުރާށެވެ. ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އަންހެނުންނާ ކައިވެނި ކުރެވެނީ މައިގަނޑު ހަތަރު ކަމަކަށް ބެލެވިގެންނެވެ. އެއީ އެކަނބަލުންގެ މުދާވެރިކަމާއި ހަސަބާއި ރީތި ކަމާއި ދީންވެރި ކަމެވެ. މިތަނުން ދީންވެރިކަން އިސްކުރަން އެކަލޭގެފާނު އެންގެވި އެވެ. މިކަން މިގޮތަށް ނުކޮށްފި ނަމަ ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު އެކަލޭގެފާނު ދެއްވި އެވެ. (ހަ ބޭކަލުން).

ހަމަ އެފަދައިން ފިރިހެނަކު އިޚުތިޔާރު ކުރުމުގައި ވެސް މައިންބަފައިންނަށް އެކަލޭގެފާނު އަންގަވަނީ އެ މީހުންގެ ދަރިޔަކާ ކައިވެނި ކުރަން އެދިގެން ދީންވެރިކަމާއި ޚުލުގުގެ ގޮތުން އެމީހަކާ މެދު ރުހޭ މީހަކު އަތުވެއްޖެ ނަމަ އެމީހަކު އިޚުތިޔާރު ކުރުމަށެވެ. އެހެން ނޫން ނަމަ ބިމުގައި ފިތުނަ އުފެދި ބޮޑުވެގެންވާ ފަސާދައެއް އަތުވެދާނެ ކަމަށެވެ. (ތިރުމިޛީ، އިބްނު މާޖާ، ބައިހަޤީ).

އެހެން ހަދީސަކުން އެނގޭ ގޮތުގައި އަންހެނުންގެ ރީތި ކަމަށްޓަކައި އަދި މުދާވެރި ކަމަށްޓަކައި ކައިވެނި ނުކުރަން އެކަލޭގެފާނު އިރުޝާދު ދެއްވި އެވެ. (އިބްނުމާޖާ، އިބްނު ޙިއްބާން، އަލްބައިހަޤީ – ނިކަމެތި ހަދީސެއް) މީގެ އިތުރުން ކައިވެނި ކުރުމުގައި ކިތަންމެ ބޭނުން ވިއަސް މުޝްރިކު އަންހެނުންނާއި މުޝްރިކު ފިރިހެނުންނާ ކައިވެނި ނުކުރަން ކީރިތި ޤުރްއާނުގައި ވަނީ އަންގަވައިފަ އެވެ. އެ އަށް ވުރެ އަޅެއް ވެސް މުއުމިނެއް ކަމުގައިވާ ނަމަ މާ ރަނގަޅުވާނެކަން ﷲ ވަނީ ބަޔާން ކުރައްވާފަ އެވެ. (އަލްބަޤަރާ 221).

ކައިވެނީގެ އަގުދަށް އަހަންމިއްޔަތުކަން ދޭން ޖެހުން

އިސްލާމީ ނަޒަރުން ބަލާއިރު އެހެން އަގުދުތަކަށް ނުދޭވަރުގެ ބޮޑު އަހަންމިއްޔަތެއް ކައިވެނީގެ އަގުދަށް ދޭން ޖެހެ އެވެ. މިގޮތުން އޭގެ ޝަރުތުތައް ވަރުގަދަ ވެގެން ވެ އެވެ. އެ އަގުދުގެ ނަމަކަށް "ގަދަވެގެންވާ ޢަހުދު" ގެ ނަން ދެވިފައި ވެއެވެ. (އައްނިސާއު 21) އަދި އެ އަގުދުގައި ހިމެނޭ ކިތަންމެ ކުޑަ ކަމަކަށް ވެސް ވަފާތެރިވާން ޖެހޭކަން ހާމަވެ އެވެ.

އެއީ ކައިވެނީގެ ރަނުގެ ގޮތުގައި ކިތަންމެ ބައިވަރު މުދާތަކެއް ދީފައި ވިޔަސް ވަރިކުރާ އިރު އެއިން އެންމެ އެތިކޮޅެއް ވެސް އަތުނުލާން އަންގަވާފައި ވުމުންނެވެ. (އައްނިސާއު 20). ހަމައެއާ އެކު. ކައިވެނީގެ އަގުދަކީ އެ އަގުދު ކުރެވުނުކަން އިއުލާނު ކުރަން ޖެހޭ އަގުދެކެވެ. މިހާ ވަރުގަދަ އަގުދެއްގެ ގޮތުގައި މި އަގުދު އޮތުމުން އާއިލާ އަށް ވަރަށް ބޮޑު ހިމާޔަތެއް ލިބެ އެވެ. އެހެނީ މިފަދަ އަގުދެއް ވެގެން މިދަނީ ވަރަށް މުގައްދަސް އަގުދަކަށެވެ. އެހެންވެ، މި އަށް ވަރަށް ބޮޑު އިހުތިރާމެއް ދޭން މަޖުބޫރު ވެ އެވެ. މިއަށް ބޭވަފާތެރިވާން ވަރަށް ވެސް ބޮޑަށް ޖެހިލުންވާނެ އެވެ. މީހުންގެ ކުރިމަތީގައި ތިމާ ފަލީހަތް ވުމުގެ ފުރުސަތު އޮންނާތީ މި އަގުދަށް ބޭވަފާތެރިވާން ލަދުގަންނާނެ އެވެ.

ވަރިވުމަކީ ނޭދެވޭ ކަމަކަށް ވުމާއި އޭގެ ސަބަބުތައް ހަނިކޮށްފައިވުން

އިސްލާމީ ނަޒަރުން ބަލާއިރު ވަރިއަކީ ﷲ ހަލާލު ކުރައްވާފައިވާ، އެކަމަކު އެކަލާނގެ އެންމެ ރުހިވޮޑި ނުގަންނަވާ ކަމެވެ. (އަބޫ ދާއޫދު، އިބްނު މާޖާ، އަލްބައިހަޤީ - މުރުސަލު ހަދީސެއް). އެހެންކަމުން ކައިވެނީގެ ތެރޭގައި ދެމަފިރިންގެ މެދުގައި ހިނގާ ހިތްހަމަ ނުޖެހޭ ކަންކަމަށް ކެތްކުރަން ދެމަފިރިންނަށް ވެސް އިސްލާމްދީނުގައި އިރުޝާދުތައް ދީފައި ވެ އެވެ. ވަރިއާ ހަމައަށް ދާން އޮންނަނީ ވަރަށް ދުރު މަގަކުންނެވެ.

މިގޮތުން ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހިއްޖެ ނަމަ ހައްލު ކުރުމަށްޓަކައި ދެމީހުން ވެސް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަނެކަކުގެ ހިތަށް އަސަރު ކުރާ ގޮތަށް ނަސޭހަތް (ވައުޒު) ދިނުމެވެ. މައްސަލަ ޖެހުނީ ފިރިމީހާގެ ސަބަބުން ކަމަށްވާ ނަމަ ފިރިމީހާ މި ވަރުން އިސްލާހު ނުވެއްޖެ ނަމަ އަނބިމީހާ ކެތް ކުރާނީ އެވެ. ވަރިކުރަން އެދުމަކީ އިސްލާމް ދީން ރުހޭ ކަމެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި މަގުބޫލު ވަރުގަދަ ސަބަބަކާ ނުލައި އަންހެނަކު ވަރިކުރަން އޭނާގެ ފިރިމީހާގެ ގާތުގައި އެދުމަކީ ސުވަރުގޭގެ ވަސް އެމީހަކަށް ނުލިބޭނެ ކަމެކެވެ. (އަބޫދާއޫދު، ތިރުމިޛި، އިބްނު މާޖާ).

މައްސަލަ ޖެހުނީ އަނބިމީހާގެ ސަބަބުން ކަމަށްވާ ނަމަ އަނބިމީހާ އަށް ވައުޒު ކުރުމުން އިސްލާހު ނުވެއްޖެ ނަމަ ފިރމީހާ އަށް އޮތީ އެއްދާން ކުރުމުން ދުރުހެލިވުމެވެ. އެ ވަރުން ވެސް އިސްލާހު ނުވެއްޖެ ނަމަ އޮތީ އަނިޔާއެއް ނުލިބޭ ގޮތަށް (އިހުތިރާމު ނުކުރާކަން ދެއްކުމުގެ ޖެހުމަކުން) ޖެހުމެވެ. މިހާ ހިސާބުން ދެމީހުން ކުރެ އެކަކަށް ވެސް ހައްލެއް ނުލިބިއްޖިއްޔާ ދެން ޖެހޭނީ ދެމީހުންގެ މެދުގައި ހުކުމް ކުރަން ދެފަރާތުގެ އާއިލާ އިން ދެމީހުން ގެންނާށެވެ. ދެމީހުން އިސްލާހުވާން ތިބިއްޔާ ﷲ އެކަމަށް ތައުފީގު ދެއްވާނެ އެވެ. (އައްނިސާއު 34-35).

ވަރިކުރަން ފުރުސަތު ލިބޭނީ ނުވަތަ އަނބިމީހާ އަށް ޚުލްޢު ކުރަން ފުރުސަތު ލިބޭނީ މި މަރުހަލާގައި ނާކާމިޔާބު ވުމުން އެކަންޏެވެ. ގިނަ މީހުން ކަންތައް ކުރަނީ މިގޮތަށް ނޫން ކަމަށް ވިއަސް އިސްލާމް ދީނުގައި މިކަން އޮންނަނީ ހަގީގަތުގައި މިގޮތަށެވެ. މީގެ ހިކުމަތްތަކުގެ ތެރޭގައި އާއިލާތަކަށް ހިމާޔަތް ލިބުން ހިމެނެ އެވެ. ހަމައެއާ އެކު ދެމަފިރިންގެ ދެމެދުގައި ސުލްހަ ކުރަން މަސައްކަތް ކުރުމަކީ އެންމެ ހެޔޮ ގޮތްކަން ކީރިތި ޤުރްއާނުގައި ބަޔާންކޮށްފައި ވެ އެވެ. (އައްނިސާއު 128).

ޒަވާޖީ ހަޔާތަށް ހިމާޔަތް ލިއްބައިދިނުމަށްޓަކައި އިސްލާމް ދީނުގައި ހިމެނޭ އަނެއް މުހިންމު ކަމަކީ ދެމަފިރިއެއްގެ ދެމެދުގައި އޮންނަ ގުޅުން ފަސާދަކޮށްލަން މަސައްކަތް ކުރާ ކޮންމެ މީހަކީ އިސްލާމީ އިރުޝާދުތަކާ ޚިލާފުވާނެ މީހެއް ކަމަށް ވުމެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވަނީ އެފަދަ މީހަކީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫން ކަމަށެވެ. (އަޙުމަދު، އަބޫދާއޫދު). ހަމައެފަދައިން އެކަލޭގެފާނު ހަދީސް ކުރައްވަނީ "އެއްވެސް އަންހެނަކަށް އޭނާގެ (މުސްލިމް) އުޚުތެއްގެ ފިރިމީހާއާ ކައިވެނި ކުރުމަށްޓަކައި އެ އުޚުތު ވަރިކުރުމަށް އެދުމަކީ ހަލާލުވެގެންވާ ކަމެއް ނޫނެވެ. ފަހެ އެ އަންހެނާ އަށް ވަނީ ﷲ އެ އަންހެނާ އަށް މިންވަރު ކުރެއްވި ގޮތެކެވެ." (އަޙުމަދު، ބުޚާރީ، މުސްލިމް). - ނުނިމޭ

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454