ކޮންގޯގައި އެމްޕޮކްސް ޖެހިފައިވާ މީހެއް: އެފްރިކާގެ 16 ގައުމެއްގައި މި ބަލި ވަނީ ފެތުރިފައި. --ފޮޓޯ: އޭއެފްޕީ
05 އޮކްޓޯބަރ 2024 - 07:16
އެމްޕޮކްސް ބަލި ދެނެގަނެވޭ ޑައިގްނޮސްޓިކް ޓެސްޓަށް ހުއްދަ ދީފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.
އެފްރިކާގެ 16 ގައުމެއްގައި އެމްޕޮކްސް ފެތުރެމުންދާއިރު، އެ ބަލީގައި މިހާތަަނަށް 800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ޑަބްލިޔުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ބަލި ފެތުރެމުންދާ ގައުމުތަކުގައި މި ޓެސްޓު ކިޓުގެ ސަބަބުން އަވަހަށް ބަލި ދެނެގަނެވި، ބަލި ފެތުރުން ކޮންޓްރޯލް ކުރަން އިތުރު ބާރެއް ލިބޭނެ ކަމަށެވެ.
އެފްރިކާގެ ބައެއް ގައުމުތަކުގައި އެމްޕޮކްސްގެ އާ ސްޓްރެއިން ވަރަށް ބޮޑަށް ފެތުރިފައި ވާއިރު މެއި 2022 ގައި ވެސް ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ.
އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެފަހަރު ވެސް މިއީ ދުނިޔެއަށް ސިއްހީ ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ.
ޖުލައި 2022 އިން ފެށިގެން މެއި 2023 އަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ. އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން އެތައް ހާސް ބަޔަކަށް ވަނީ މި ބަލި ޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy