ބިދޭސީންތަކެއް މަސައްކަތް ކުރަނީ: އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން ވަނީ ގާއިމް ކޮށްފައި --- ފޮޓޯ/މިހާރު
06 އޮކްޓޯބަރ 2024 - 14:20
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ގާއިމްކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނުގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގެ ނަމުގައި ވަކި ޑިވިޝަނެއް ގާއިމްކޮށްފައިވާ ކަމަށެވެ. މި ޑިވިޝަނަކީ އިންޑަސްޓްރިއަލްތަކާއި ޔޫނިއަންތަކުގެ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ ބާރު އޮންނަ ޑިވިޝަނެކެވެ.
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން އެކުލެވިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ދެ މެމްބަރަކާއި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރަން މިނިސްޓަރު އައްޔަން ކުރައްވާ 12 މެންބަރުންނާއެކު ޖުމްލަ 14 މެންބަރުންގެ މައްޗަށެވެ.
މިނިސްޓަރު އައްޔަން ކުރައްވާ މެންބަރުންގެ މުއްދަތަކީ އައްޔަންކުރާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހެވެ. އަދި މިނިސްޓަރު އައްޔަން ކުރައްވާ އެއްވެސް މެމްބަރަކަށް ޖެހިޖެހިގެން ދެ ދައުރު ޕެނަލްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ އެވެ.
ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި އަމަލުކުރާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަކަށެވެ. އަދި އެ ޑިވިޝަނުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގެ ހައްގު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ވެސް އޮވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދާ
06 October 2024
އެއްވެސް ކަމެއް ތަންފީޒު ނުވާތީ މިއުޅެނީ މައްސަލަޖެހިގެން