ހައި ކޯޓު: ޖުޑިޝަރީގެ މުވައްޒަފުންނަށް ހައްގުވާ މުސާރައިގެ ކުރިއެރުމުގެ ފައިސާގެ ތެރެއިން ނުދެވި ހުރި ފައިސާ ދޭން ބަޖެޓެއް ނެތް ކަމަށް ޑީޖޭއޭއިން ހައި ކޯޓުގައި ވަނީ ބުނެފައި --- ފޮޓޯ/މިހާރު
22 ޖެނުއަރީ 2025 - 15:37
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދީ ހުރި ފައިސާތައް ނުދެވި އޮތީ ދައުލަތުގެ ބަޖެޓުގައި އެކަމަށް ފައިސާ ނެތުމުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ޖުޑިޝަރީގެ މުވައްޒަފުންނަށް ކޮންމެ ދެ އަހަރުން އެއް އަހަރު ދޭންޖެހޭ މުސާރައިގެ ކުރިއެރުން 2017 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ނުދީ އޮތުމަށް ފަހު، މުވައްޒަފުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން 2023 ވަނަ އަހަރު މުސާރައިގެ ކުރިއެރުން ދޭން ފެށި އެވެ. ނަމަވެސް އޭގެ ކުރިން ގެއްލިގެންދިޔަ މުއްދަތަށް ވާ ފައިސާ މިހާތަނަށް ނުދެ އެވެ.
އެ މައްސަލާގައި ޓްރައިބިއުނަލުން 2023 ވަނަ އަހަރު ނިންމާފައި އޮތީ ޖުޑިޝަރީގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގުވި ނަމަވެސް ބަޖެޓުގައި އެކަމަށް ފައިސާ ނެތުމުން ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ އެ މުވައްޒަފުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޑީޖޭއޭއިން އިން ބުނީ އެއީ މުވައްޒަފުންނަށް ހައްގުވާ ފައިސާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު، ފައިސާ ނުދެވެނީ އެކަމަށް ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖައްސައިދީފައި ނެތުމުން ކަމަށާއި ބަޖެޓްގައި ނެތް ފައިސާއެއް ދިނުމަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ޑީޖޭއޭއިން ބުނިގޮތުގައި އެ މުއްދަތަށް ވާ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރި އެވެ. އެކަމުގައި ޑީޖޭއޭ އިން ކުރެވެން ހުރި ކަންކަން ކުރަމުން ގޮސްފައިވާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ. އެހެންކަމުން ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށް ޑީޖޭއޭއިން ބުންޏެވެ.
ޑީޖޭއޭގެ އެ ޖަވާބާ އެކު، ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް ޑީޖޭއޭ އަށް އަމާޒުވި އެވެ. ކޯޓުތަކުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން އެންގުމުގެ ކުރިން ވެސް، އެކަމަށް ދައުލަތުގެ ބަޖެޓްގައި ފައިސާ ހުރިތޯ ބަލަން ޖެހޭނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
މީގެ އިތުރުން ބަޖެޓްގައި ފައިސާ ނެތުމަކީ ހައްގުވާ ފައިސާއެއް ނުދީ ހިފެހެއްޓޭނެ ސަބަބެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި މުސާރައިގެ ކުރިއެރުން ދޭންޖެހޭ ގޮތަށް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ހިމަނާފައި އޮތީ ދައުލަތުގެ އިދާރާތަކާ މަޝްވަރާ ނުކޮށްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ޑީޖޭއޭއިން ބުނީ އެގޮތަށް ގަވާއިދުގައި ހިމަނާފައި އޮތީ ދައުލަތުގެ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވިޔަސް، ފަހުން ސަރުކާރުން ބަޖެޓް ދޭއިރު ބަޖެޓް ހަމަޖައްސާފައި ނޯންނަ ކަމަށެވެ. އަދި ފަހުން 2023 ވަނަ އަހަރު އެކަމަށް ބަޖެޓް ދޭން ފެށީ ގެއްލުނު މުއްދަތު ނުހިމަނާ ކަމަށް ޑީޖޭއޭއިން ބުންޏެވެ.
މުސާރައިގެ ކުރިއެރުން ދިނުމަށް ބަޖެޓް ދިނުން ހުއްޓާލި ދުވަސްވަރު، މުސާރައިގެ ކުރިއެރުމާ ބެހޭ ބައި މުވައްޒަފުންގެ ގަވާއިދުން އުނިކުރިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ޑީޖޭއޭއިން ބުނީ އޭރު އެ ފައިސާ ލިބޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން ގޮސްފައިވާތީ އެ ބައި ގަވާއިދުން އުނި ކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ފަހުން ގަވާއިދު އިސްލާހުކުރި ކަމަށް ޑީޖޭއޭއިން ބުންޏެވެ.
މުސާރައިގެ ކުރިއެރުމުން ހައްގުވާ ބައި ނުލިބި އޮތްއިރު، އޭގެ ސަބަބުން މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއަށް އިތުރަށް ލިބެންޖެހޭ އަދަދުތައް ވެސް ނުލިބި އޮތުމަކީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތް ކަމެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ޑީޖޭއޭއިން ވެސް ބުނީ އެއީ ގާނޫނުގައި ބުނާ ހާލަތެއްގެ ތެރެއިން އުނިކުރެވިފައިވާ ފައިސާއެއް ނޫން ކަމަށެވެ.
އެ މައްސަލާގައި މުސާރައިގެ ކުރިއެރުން ހައްގުވާ ކަމަށް ޓްރައިބިއުނަލުން ނިންމި ފަހުން، ކުރިން ނުދެވި ހުރި ފައިސާތައް ދިނުމަށް ސަރުކާރާ އެކު، މަސައްކަތް ކުރިންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ޑީޖޭއޭއިން ބުނީ އެ ނިންމުމަށް ފަހު، އެކަމަށް ވަކިން މަސައްކަތް ކުރިކަން ޔަގީންނުވާ ކަމަށެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތޫފު
23 January 2025
އަސްލުވެސް ބަޖެޓް ނެތިގެންތޯ..؟؟ކޯޓުތަކަށް ބުރައަކަށް ވާ ވަރަށް އެޑްމިނިސްޓްރޭޓަރުން މަޤާމް އުފެއްދީ ބަޖެޓް ނެތިގެންތޯ... ކޮންމެއަހަރަކު އެކި ނަންނަމުގައި ޤަޟާއީ އަހަރުފަދަ އެކިއެކި ހަފްލާތައް ބޭއްވެނީ ބަޖެޓް ނެތިގެންތޯ. ކޯޓުތަކުގެ ހާލު ނިކަން ދެކިބަލަ.. އެއްޗެއް ހޯދަންވިޔަސް ރޮއި އާދޭސް ކުރަން ޖެހެނީ.. ޑީޖޭއަކީ ކޯޓުތަކަށް ފަސޭހައަކަށްޓަކައި އުފައްދާފައިވާ އިދާރާއެއް. ނަމަވެސް ފެންނަ މަންޒަރަކީ ކޯޓުތައް އުފެދިފައިވަނީ ޑީޖޭއޭ ހިންގުމަށްހެން.
ފޫހި
23 January 2025
އާޅޭޭ. ސިވިލް ސާރވިސް މުވައްޒަފުންނަށް ވެސް މުސާރައިގެ ކުރިއެރުން ނުދޭތާ އެތައް އަހަރެއްވެއްޖެ. ޖުޑީޝަރީއަށް ވަކި ލިބިގެންނުވާނެ.
ޒަވިޔަނި
23 January 2025
2017 އިން 2022 އާއި ހަމަޔަށް މިގައުމުގަ ވެރިކަން ކުރީ ކޮންބަޔެކޭ؟؟ ލަދުގެ ކަންފުޅެއް ނެތްކަން. މަހަށް ވެސް ފައިސާ ނުދީ ފޭބީ ޖުޑީޝަރީ ކުދިންނަށް ވެސް ފައިސާ ނުދީ ފޭބީ ސަޕްލަޔަރުން ނަށް ދޭންޖެހޭ ފައިސާ ނުދީ ފޭބީ އަދިވެސް އަދިވެސް.... ފުނޑިއްޖެޔޭ ކިޔައިގެން ފޮނުއަރުވަން ނުކުންނަންވީ އަދިވެސް މިވެރިން ދޯ؟؟؟
ވަސީލާ ޢަލީ
23 January 2025
މިހާރުވެސް ތިޔަ ޖުޑީޝަރީގަ މުސާރަތައް އިންތިހާއަށް ބޮޑު. ސިވިލްސަރވިސްގަ ޑިގުރީ އޮތަސް އެންމެ 7000ރ. އެކަމަކު 300 ކިރިޔާ ހަމަވާރަށްރަށުގެ މެޖިސްޓްރޭޓަށް 30000ރ މީ ހަމަހަމަ ކަމާ އިންސާފުތޯ. ރައްޔިތުންހެ މަޖިލީހުގެ މެންބަރުން ބަލަނީ އެއްލޮލުންތޯ. މިރާއްޖޭގެ އެންމެ ނިކަމެތިކޮށް އުޅެނީ ސަރުކާރުގެ ސިވިލްސަރވިސްގެ އިދާރީ މަޤާމުތަކުގެ މީހުންކަން މިރާއްޖޭގެ ވެރިކަމަށް އައި އެއްވެސް ރައީސަކަށް ނޭނގުނު.
ނަންނެތްސޮރު
23 January 2025
ހަމައެކަނި ޙުކުމް ދުލުން ކިޔާލަން ތިބޭ ފަނޑިޔާރުންނަށް އިރުކޮޅަކާ މުސާރަ ބޮޑުކޮށްފަ ބޭތިއްބީމަވީ. އިދާރީ މުވައްޒަފުންނަކީ އެއްވެސް ބައެއް ނޫން
ހަސަންދީ(ލ)
23 January 2025
އަނެއްކާވެސް އަޑުއެހުމެއަ 2 އަހަރު ފަހުންތޯ ބާއްވާނީ؟
ބަޖެޓް
23 January 2025
ބަޖެޓްގަ ލާރިހުރޭ ސިޔާސީ މަގާމުތައއ އުފައްދާ ސިޔާސީ މީހުނަށް 40،000 މަތީގެ މުސާރަދޭންވެސް. ނިކަމެތި ރައްޔިތުމީހާއަށް މުސާރަ ދޭނެލާރި ބަޖެޓްގަ ނެތީ.
ސުޖައްޓޭ
23 January 2025
ކީއްކުރާ މުވައްޒަފުންނެއްތަ؟ ޓި ދާއިރާގެ މަތި ފަޑިއަށް ފުލެޓަ ކާރާ ސޫޓަ އަދި ނުވިތާކަށް މުސާރައިގެ ކުރި އެރުން ލިބިފައޭ އޮތީ. އެޑްމިނިސއޓްރޭޓިވް މުވައްޒަފުންގެ ހައްގުގައި ބަހެއް ބުނެލާނެ އެކަތި ވެސް ނުވާނެ ތި ގާޒީންޔަކުގެ ތެރޭގަ. އާދައިގެ މުވައްޒަފުންނަށް ހަމަ އެކަނި މުސާރަ ބޮޑު ނުވާ ދާއިރާ މި. ކުރަންޖެހޭ މަސައްކަތް 1000 އަށް ވުރެ ގިނަ.
ކޯޓު
23 January 2025
ކޯޓްތަކަށް އެކަށީގެންވާ މުވައްޒަފުން ވެސް ނުތިބޭ، އެކަމް އޮނިގަނޑޫ ހަދާފަ އޮންނަނީ ހުށަހެޅޭމައްސަލައާއި އާބާދީއަށް ބަލާފަޔޯ، އޮނިގަނޑޫގައިވާ ވަރަށްވެސް އިދާރީ މުވައްޒަފުން ހޯދައި ނުދޭ ތިބޭ 3 މުވައްޒަފުން ލައްވާ ހުރިހާކަމެއް، އެކަކު ސަލާމުގަ ޗުއްޓީގައި ހުރިއްޔާ ދެންތިބި ދެ މުވައްޒަފުން މުޅި ކޯޓުހިންގަންވީ، އަޅުގަނޑުމެންވެސް 2 ޖެހީމަ ގެއަށް ދާން ބޭނުން، ކައުންސިލް އިދާރާ މުވައްޒަފުން ސަޔަށް ގޮސް ބްރޭކަށްގޮސް 2 ޖަހާއިރަށް ގެއަށް
ސުޖޭ
23 January 2025
އާން ދެން ޑީޖޭއޭ މީހުންނަށް ބޭނުން ހުރިހާ ކަމެއް ވާނެ. ޑިރެކްޓަރުންވެސް ކޮންޓެއިނަރަކަށް އެޅޭ ވަރަށް ތިބޭނެ. އެކަމު ހަރާންފަދަ ވާނެ ކޯޓުތަކަށް އެމީހުންގެ ފަރާތުން ލިބޭ އެހީތެރިކަމެއް. އެމީހުން ބޭނުންވާ ކަންކަން ކުރުން އޮންނަނީ.
ޗީޕްޢެޑްމިން
22 January 2025
އެމީހުން ބޭނުންވީމަ ޤާޒީންގެ މުސާރަ ބޮޑު ކުރުމާ ކޯޓާ ސޫޓާ ބޫޓާ ގަންނަަން ބަޖެޓް ހުރޭ، ވަޒީގެ ކުރިއެރުން ދޭން ބޭނުންވާ މީހަކު ހުރިއްޔާ ވަގުތުން މުސާރަ މަޤާމު ފިނޭސަށް ކިލެގެން އާދޭސް ކޮއްގެން ކުރެވޭ، މިހާރުން ހުރިހާ ޗީފު އެޑްމިނިސްޓުރޭޓަރުން އެއްބަސްވެފަ އޮނިގަނޑު ރަނގަޅު ކުރުމަށް އޯޓީ ކަޑާލާ ހަރަދަށް ބަލަނީ ޔޯލަ، ޖުޑިސަރީގެ ސްޓަފުން ނުބުނާނެ ބަހެއް ވާގޮތަކީ ވަޒީފާއިން ކަޑާލަފާނެތީ އޭސީސީ ތަހުގީގެއް ހިންގާލަބަލަ ހިންގާފަ ހުރި ޖަރީމާތަށް ބަލާލަން
އެކްސިް
22 January 2025
ބަޖެޓު ފާސް ކުރަނީ މަޖިލީހުން. އެހެން ކަމުން މި މައްސަލަ ސީދާ ދާންޖެހޭނީ މަޖިލީހަށް. މިނިސްޓްރީ އޮފް ފިނޭންސަކަށް ނޫނ.ް