ވެލައެއް: ގަވާއިދާ ހިލާފަށް ގެންނަ ދިރޭތަކެތި ނައްތާލުމުގެ އިންތިޒާމު ހަމަޖައްސަން ވަނީ ހަތް ދުވަސް ދީފައި.
06 އޮކްޓޯބަރ 2024 - 16:37
ރާއްޖެއަށް ގަވާއިދާ ހިލާފަށް ގެންނަ ޖަނަވާރާއި ދިރޭ ތަކެތި ނައްތާލުމަށް އެހެން ތަނަކަށް އަނބުރާ ފޮނުވާލުމަށް ހިނގާ ހަރަދާއި އިންތިޒާމުތައް، އެ އެއްޗެއް އެތެރެކުރި ފަރާތަކުން ހަތް ދުވަސް ތެރޭގައި ހަމަޖައްސަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި އެވެ.
"ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފަށް ވިޔަފާރި ކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތާލުމާ ގުޅޭ" ގަވައިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެކަމަށް ހިނގާ ހަރަދު ހަމަޖައްސަން ޖެހޭނީ އެ ތަކެތި ގެންނަ ފަރާތުންނެވެ.
މީގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން ވެރިފަރާތުން ޒިންމާވާން ޖެހެނީ އެހެން ގައުމަކަށް ފޮނުވާލުމުގެ ހަރަދަށެވެ.
ނަމަވެސް މިއަދު ގެނައި އިސްލާހުގައިވަނީ ގަވާއިދާ ހިލާފަށް ގެންނަ ދިރޭ ތަކެއްޗާ މެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ނިންމުމަކީ އެ ދިރޭ އެއްޗެއް ގެނައި ގައުމަކަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ނުވަތަ ފެސިލިޓީއަކަށް ފޮނުވާލުން ކަމަށްވާ ނަމަ، އެ ތަކެތި އެތެރެކުރި ފަރާތުން އެކަމުގެ ހަރަދާއި އިންތިޒާމްތައް ހަތް ދުވަސް ތެރޭގައި ހަމަޖައްސަން ޖެހޭނެ އެވެ. އަދި އެ ތަކެތި ނައްތާލަން ނިންމާ ހާލަތުގައި ވެސް އެކަމަށް ހިނގާ ހަރަދު އެ ފަރާތަކުން ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
މީގެ ކުރިން އަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން އެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވެރި ފަރާތަށް ދެނީ ދެ ދުވަހެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy