މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަަލަހައްޓަން ހުޅުމާލޭގައި ވަކި ފެސިލިޓީއެއް ހަދާފައި ހުރި ނަމަވެސް މާލޭގެ މަގުތަކުން ބުޅާލާއި ބުޅަލުގެ ނަޖިސް ހުސްނުވެ އާއްމުންގެ ޝަކުވާ ބޮޑުވެފައިވާތީ އެ ފެސިލިޓީ ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން ދެ ފަހަރެއްގެ މަތިން އެދިފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވަނީ މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ އާއްމުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. މަގުތަކުގައި ބުޅާ ނަޖިސް ފުނިޖެހިފައި ހުންނައިރު، އެ ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލާނެ ބަޔަކު ވެސް ނެތި ހުރިހާ އުނދަގުލެއް ކުރިމަތިވަނީ އާއްމުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިކަމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ބުޅާ ފެސިލިޓީ މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓޭނެތީ އެކަން ހަމަޖައްސައިދޭން ސަރުކާރަށް ވާނީ ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް ވެސް އެތަން ކައުންސިލާ ހަވާލުނުކުރާ ކަމަށް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލާއި އެނިމަލް ވެލްފެއާ މިނިސްޓްރީން ހުޅުމާލެ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް ފެށީ މާޗް 2024ގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަން ހުޅުވައިދެއްވީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން ހެދި އޮޅުހިޔާ ހިންގުމުގެ ކަންކަން ކުރިއަށް ގެންދަން ފުރަތަމަ ނިންމީ ކައުންސިލުންނެވެ. އެކަމަކު އެތަން ހިންގުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް އެ އަހަރު ޑިސެމްބަރު މަހު އެންގުމުން، އެތަން މިހާރު ބަލަހައްޓަމުން އަންނަނީ އެ މިނިސްޓްރީންނެވެ.

ސައިކަލުތައް ޕާކުކޮށްފައި ހުންނަ ސަރަހައްދުގައި ބުޅާ ނަޖިސްކޮށްފައި.
ސައިކަލުތައް ޕާކުކޮށްފައި ހުންނަ ސަރަހައްދުގައި ބުޅާ ނަޖިސްކޮށްފައި.

ކައުންސިލް ބައްދަލުވުމުގައި ސައިފް ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ބުޅާ ނަޖިސްތައް އެތައް ދުވަހެއް ވަންދެން ހުންނަ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި ކައުންސިލްގައި ބުނެގެން ނޫނީ އެފަދަ ތަންތަން ސާފު ނުކުރާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރާ ކަމަށެވެ.

ސައިފް ވިދާޅުވި ގޮތުގައި ބުޅަލުގެ ނަޖިސް މަގުމަތިން ނެގުމަކީ ސިޓީ ކައުންސިލުން ގަވައިދުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހަދައި އެކަން ފަށަން ޖެހިއްޖެ އެވެ. 

"ކާކު ނަގާނެ ކަމަށްތޯ [ނުނަގާ ބަހައްޓަނީ] ހަމަ ގައިމު ވެސް ގޭގޭގެ މީހުން ނުކުމެ ނުނަގާނެ. އަޅުގަނޑަކަށް ހިޔެއް ނުވޭ ގޭގޭގެ މީހުން ނިކުމެ އެ ސާފުކުރަން އުޅޭނެ ހެނެއް. ކޮންމެވެސް ސަބަބަކާ ހެދި [ބުޅާ ނަޖިސް] ނަގާނެ މީހަކު ނެތީ. ނުނެގީމަ ނަގާނެ މީހަކު ނެތް،" ސައިފް ވިދާޅުވި އެވެ.

"ސިޓީ ކައުންސިލުން ނުނަގަންޏަކާ ނުނަގާނެ. ވެމްކޯއަކުން ނުނަގަނާ. ސިޓީ ކައުންސިލަކުން ނުނަގާ. ދެން ކާކުތޯ ނަގާނެ ކަމަށްތޯ އެ ހުންނަނީ."

ބޮޑު ހަރަދެއް ކޮށްގެން ބުޅާ ފެސިލިޓީއެއް ހަދައި ނިންމި ނަމަވެސް ބުޅަލުގެ މައްސަލައަށް އެއްވެސް ހައްްލެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލް މެމްބަރުން ސައިފް އަލީ ވާހަކަ ދައްކަވަނީ-- ފޮޓޯ: ކައުންސިލް
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލް މެމްބަރުން ސައިފް އަލީ ވާހަކަ ދައްކަވަނީ-- ފޮޓޯ: ކައުންސިލް

އެ ތަނުގައި ގެންގުޅެނީ އެންމެ 30 ބުޅާ ކަމަށާއި އެ ބުޅާތަކަށް އެކަނި 30 މިލިއަން ހަރަދުކޮށް ބާކީ މަގުމަތިން ބުޅާ ނުނަގާކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރި އެވެ.

"ކޮބައިތޯ މާލޭ މީހުން ބުޅަލުގެ މައްސަލައަށް އެދުނު ހައްލު. ނުވޭ އެކަމަކަށް ހައްލެއް. އެއޮތީ މީހާރު ވެސް މާލޭގެ މަގުމަތީގައި ބުޅާތައް ގިނަވެފައި. މިވާހަކަ ދެއްކުމުން ވިދާޅުވީ އެ ފެސިލިޓީ ހުރީ ރެޑީއަކަށް ނޫނޭ. މާލޭގެ މަގުމަތި ހުރީ ބުޅާ ނަޖިސްލާން ރެޑީއަށްތޯ،" ސައިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 30 މިލިއަން ހަރަދުކޮށްގެން އެތަން ހިންގަން ފެށިއިރު އިތުރަށް އެއްވެސް މަސައްކަތެއް ނުކުރާއިރު މާލެ މީހުންނަށް ބުޅަލުގެ ސަބަބުން ދިމާވެފައިވާ މައްސަލައަށް ހައްލެއް ވެސް ހޯދައިދެވިފައި ނުވާ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ މައްސަލައަށް އޮތް ހައްލަކީ، ސަރުކާރަށް ބުޅާ ފެސިލިޓީ ނުބެލެހެއްޓޭ ނަމަ ކައުންސިލާ ހަވާލުކުރުމެވެ. 

"އަޅުގަނޑުމެން އެ ފެސިލިޓީ މިހާރު ހަދާފައި އެ ހުރީ މާލެ ސަރަހައްދުގައި އުޅޭ ހުރިހާ ބުޅާތަކެއް ގެންގުޅެވޭ ވަރަށް. އެއްވެސް އުޒުރެއް މިއަދަކު ނުދެއްކޭނެ، މާލެ ތެރެއަށް ބުޅާ ނަޖިސްލާން ދޫކުރާކަށެއް. ސަރުކާރަކަށް ވެސް އެ ތަން ހަވާލުކޮށްފައިވާ ފަރާތަށް ވެސް ނުދެއްކޭނެ އުޒުރެއް. އެފަރާތަށް ނުވަންޏާ ކައުންސިލާ އެތަން ހަވާލުކުރަން ސިޓީ ލިޔެފައި ވާނީ،" އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލް މެމްބަރުން ބައިވެރިވަނީ- ފޮޓޯ: ކައުންސިލް
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލް މެމްބަރުން ބައިވެރިވަނީ- ފޮޓޯ: ކައުންސިލް

ބުޅާ ފެސިލިޓީ ހިންގަން ހަވާލުކޮށްފައި ވަނީ ބުޅާތަކަށް އަނިޔާ ކުރުމާއި އޭގެ ނަޖިހުގެ ވާހަކަ އެންމެ ބާރަށް ސޯޝަލް މީޑިއާ އާއި އެހެން ތަންތަނުގައި ވެސް ދެއްކި މީހުންނާކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ އެތަން ހަވާލުކޮށްފައި ވަނީ ވެސް ވަރަށް ޒިންމާދާރު ކުޑަކޮށް ކަމަށެވެ.

އެ ފެސިލިޓީ ހަވާލުކޮށްފައިވާ ފަރާތުން ޒިންމާއަދާނުކޮށް ބުޅަލުގެ ނަޖިސް މާލޭގެ އެކި ތަންތަނުން ފެންނަ ގޮތަށް ސޯޝަލްމީޑިއާގައި ފޮޓޯތައް އާންމުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށާއި ސަރުކާރުން ވެސް އެ ފަރާތާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެސިލިޓީ ހުޅުވުމަށް ފަހު މާލޭގެ މަގުތަކުން ބުޅާ ފެންނަން ނުޖެހޭނެ ވަރަށް އެތަން ހުންނާނީ ތައްޔާރުކޮށްފަ އެވެ. 

އެތަން ހިންގަން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކުރިން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައިވެ އެވެ. އެއީ ފެސިލިޓީއަށް ގެންގޮސް 2،000 ބުޅާ އެ ފެސިލިޓީ އަށް ލައިގެން ހިންގާ ނަމަ، މަހަކު ހަތް ލައްކަ ރުފިޔާ އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މާލެ ސަރަހައްދުގައި އުޅޭ ބުޅަލުގެ އަދަދު ގާތްގަނޑަކަށް 3،000 އަށް އަރާނެ ކަމަށް ކައުންސިލުން އޭރު ވަނީ އަންދާޒާ ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ ތަނަށް ގެންދިޔައީ، އެންމެ 30 ބުޅަލެވެ.