އޮޅުހިޔާގައި ގެންގުޅެނީ އެންމެ 30 ބުޅާ ނޫން ކަމަށާއި އެތަނުގައި މިހާރު ވެސް 258 ބުޅާ ގެންގުޅޭ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މަގުމަތީ އުޅޭ ބުޅާތަކަށް ހާއްސަ ފެސިލިޓީއެއް ހެދުމުން ވެސް އެތަނަށް ބުޅާތައް ނުގެންދާތީ މަގުތަކުން ބުޅަލާއި ބުޅަލުގެ ނަޖިސް ހުސްނުވާ ކަމުގެ ޝަކުވާ ލިބޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިދިޔަ ބުދަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ ތަނުގައި ގެންގުޅެނީ އެންމެ 30 ބުޅާ ކަމަށާއި އެ ބުޅާތަކަށް އެކަނި 30 މިލިއަން ހަރަދުކޮށް ބާކީ މަގުމަތިން ބުޅާ ނުނަގާތީ އެތަން ކައުންސިލާ ހަވާލުކުރަން ވެސް އެދިފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ވަގުތު އޮޅުހިޔާގައި 258 ބުޅާ ބަލަހައްޓަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި މިދިޔަ މަހު ވިލިމާލެ މަގުމަތިން ނެގި 30 ބުޅާ ވެސް ހިމެނޭ ކަމަސެވެ.
މާލޭ ސިޓީ ކައުންސިލާއި އެ މިނިސްޓްރީން ހުޅުމާލެ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް މާޗް 2024 ގައި ފަށައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަން ހުޅުވައިދެއްވީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މާލޭ ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ހެދި އޮޅުހިޔާ ހިންގުމުގެ ކަންކަން ކުރިއަށް ގެންދަން ފުރަތަމަ ނިންމީ ކައުންސިލުންނެވެ.
އެކަމަކު އެތަން ހިންގުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް އެ އަހަރު ޑިސެމްބަރު މަހު އެންގުމުން، އެތަން މިހާރު ބަލަހައްޓަމުން އަންނަނީ އެ މިނިސްޓްރީންނެވެ.