ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަަޒީޒް. -- ފޮޓޯ: އޭއެފްޕީ
09 އޮކްޓޯބަރ 2024 - 20:36
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދިގެން ހޯއްދެވި ފަރުވާއަށް ފަހު މިހާރު ހާލުކޮޅު ރަނގަޅު ކަމަށް މިއަދު ބުނެފި އެވެ.
ސައޫދީގެ ރަސްމީ މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ރަސްގެފާނުގެ ހާލުކޮޅު ބަޔާންކޮށްދީފައި މި ވަނީ އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު ހޮސްޕިޓަލްގައި އެޑްމިޓްކުރިތާ ތިން ދުވަސް ފަހުންނެވެ. މީގެ ކުރިން ވަނީ ގަނޑުވަރުގެ ޑޮކްޓަރުންގެ ލަފާގެމަތިން ޓެސްޓްތަކެއް ހަދަން ނިންމައި އެޑްމިޓްކުރިކަން އިއުލާނުކޮށްފަ އެވެ.
މިދިޔަ މެއި މަހު ވެސް ވަނީ ރަސްގެފާނު ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށާއި ގަދަ ހުމާ އެކު ހުޅުތަކުގައި ރިހުން ފަދަ މައްސަލަތައް ވެސް ކުރިމަތިވި ކަމަށް ބުނެފަ އެވެ. އެފަހަރު ވެސް އެންޓިބަޔޮޓިކް ހިމެނޭ ގޮތަށް ޓްރީޓްމަންޓް ޕްރޮގްރާމެއް ފެށިކަން އިއުލާނުކުރުމަށް ފަހު ކުޑަ ދުވަސްކޮޅެއް ފަހުން ވަނީ އާލަސްކަންފުޅުން ފަސޭހަ ވެފައިވާ ކަމަށް ބުނެފަ އެވެ.
ސަލްމާން ރަސްކަމުގެ ތަހުތުގައި ވެޑުވީ 2015 ވަނަ އަހަރު އެވެ. އެކަމަކު 2017 ވަނަ އަހަރުން ފެށިގެން ރަސްކަމުގެ ހުރިހާ ޒިންމާތަކެއް އަދާކުރައްވަނީ ރަސްގެފާނުގެ ދަރިކަލުން، ވަލީ އަހުދު މުހައްމަދު ބިން ސަލްމާނެވެ.
ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އިއްޔެ ވެސް ވަލީ އަހުދު މުހައްމަދު ވަނީ ބައްޕާފުޅުގެ ސިއްހީ ހާލަތާ މެދު ކެބިނެޓަށް ޔަގީންކަން ދެއްވައިފަ އެވެ.
ރަސްގެފާން ސަލްމާން އެންމެ ފަހުން ކެބިނެޓް ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓެވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ސަލްމާންގެ ރަސްކަމުގައި، އޭނާގެ ދަރިކަލުން މުހައްމަދުގެ ބެއްލެވުމުގެ ދަށުން އިގްތިސާދީ އާ މިސްރާބަކަށް ސައޫދީ ގެންދިއުމުގެ ބިޔަ މަޝްރޫއުތަކެއް ވަނީ ފައްޓަވައިފަ އެވެ.
އަނެއްކޮޅުން، މުހައްމަދު އޭނާއާ ދެކޮޅު ހިޔާލުގެ މީހުން ކޮންޓްރޯލްކުރުމަށް ގެންގުޅުއްވާ ހަރުކަށި ސިޔާސަތަށް ފާޑުކިޔުން ވެސް ބޮޑެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy