މިދިޔަ މަހު ރާއްޖެ އައި ފީފާގެ ވަފުދުން، ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކުގައި ބައިވެރިވަނީ: އެ ދަތުރުގައި އެފްއޭއެމަށް މާލީ ލަފާ ދޭން ފައިނޭންޝިއަލް ކޮންސަލްޓެންޓަކާ ފީފާއިން ވަނީ ހަމަޖައްސައިފަ --- ފައިލް ފޮޓޯ
10 އޮކްޓޯބަރ 2024 - 11:04
އެފްއޭއެމަށް މާލީ ލަފާ ދޭން، ކޮންސަލްޓެންސީ ކުންފުންޏެއް ފީފާ އިން ހަަމަޖައްސައިފި އެވެ.
އެ ކުންފުންޏަކީ ފީފާގެ އެކި ޕްރޮޖެކްޓްތަކުގައި އެ ޖަމިއްޔާ އަށް މީގެ ކުރިން ވެސް މާލީ ދާއިރާގައި ލަފާ ދީފައިވާ ކުންފުންޏެއްކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެފްއޭއެމް ހިންގުން ފީފާ އިން މިހާރު ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ (އެންސީ) ގެ އެންމެ ބޮޑު ޒިންމާއަކީ އެފްއޭއެމްގެ މާލީ މައްސަލަތައް ހައްލުކުރުމެވެ. އެ އެސޯސިއޭޝަން އެތައް ބަޔަކަށް ދަރާފައިވާއިރު، އެސޯސިއޭޝަނުގެ އެންމެ ފައިސާ ފޮއްޗެއް ވެސް ނެތެވެ.
އޮޑިޓަރުންނާއި އެކައުންޓެންޓުން ހިމެނޭ ފީފާގެ ވަފުދެއް ދާދި ފަހުން ރާއްޖެ އައިސް ވަނީ އެފްއޭއެމްގެ ދަރަނި ދެއްކުމަށް މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް، އެންސީއާ ގުޅިގެން ފަށައިފަ އެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރާއި އެ ކޮމިޓީގެ ބައެއް މެންބަރުން. --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފީފާގެ އެ ވަފުދުން ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ވެސް ބައްދަލުކޮށްފަ އެވެ.
އެފްއޭއެމް މާލީ ގޮތުން މިހާ ބޮޑަށް ވެއްްޓުނީ އެ އެސޯސިއޭޝަނުގެ ފައިސާ އަށް ކުރީގެ ބައެއް ވެރިން ހިޔާނާތްތެރިވުމެވެ. އެގޮތުން ސަސްޕެންޑްކޮށްފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އަންނަނީ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ޝަރީއަތްކުރަމުންނެވެ.
ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެންސީ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލިޔެކިޔުންތައް ނެތުމެވެ. އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަނުގެ ދެ އޮފީހެއް ރެއިޑްކޮށް ބައެއް ލިޔެކިޔުންތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ. އެހެންވެ އެންސީން މިހާރު ވަނީ ލިޔުންތައް ހޯދުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy