މުނިފޫހިފިލުވުން / ބޮލީވުޑް

އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް

"ޖިގްރާ"ގެ މަންޒަރެއްގައި އާލިއާ ބަޓް.

12 އޮކްޓޯބަރ 2024 - 05:54

ބޮލީވުޑްގެ ތަރި އާލިއާ ބަޓް ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމު "ޖިގްރާ"އަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި ފިލްމު އިއްޔެ ޕްރިމިއާކުރީ ވެސް އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑުވެފައި ވަނިކޮށެވެ. ގިނަ ކްރިޓިކުން ވެސް މި ފިލްމަށް ދިނީ މިކްސްޑް ރިވިއުސްތަކެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ފުރަތަމަ ދުވަހު މި ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި ލިބުނީ އެންމެ 4.25 ކްރޯޑް ރުޕީސް (505،234 ޑޮލަރު) އެވެ. އެއީ މި ފިލްމު ސްކްރީންކުރަން ނިންމި ތިއޭޓަރުތަކުގެ އަދަދާ އަޅާ ބަލާއިރު ވަރަށް ދަށް އާމްދަނީއެކެވެ.

"ޖިގްރާ"އާ ވަދަކުރާ ރާޖްކުމާރް ރާއޯ އާއި ތުރިޕްތީ ދިމްރީގެ "ވިކީ ވިދް ޔާ ކާ ވޯ ވާލާ ވީޑިއޯ" އަށް ވެސް އެއަށް ވުރެ ބޮޑު އާމްދަނީއެއް ފުރަތަމަ ދުވަހު ވަނީ ލިބިފަ އެވެ. އިއްޔެ ޕްރިމިއާކުރި އެ ފިލްމަށް ލިބުނީ ފަސް ކްރޯޑް ރުޕީސް (594,393 ޑޮލަރު)ގެ އާމްދަނީއެކެވެ. އެކަމަކު، އެ ފިލްމަކީ "ޖިގްރާ"އާ އަޅާ ބަލާއިރު، ކްރިޓިކްސްގެ ފަރާތުން ވެސް ވަރަށް ނެގެޓިވް ރިވިއުސްތައް ލިބުނު ފިލްމެކެވެ.

އާލިއާ ލީޑު ރޯލު ވެސް ކުޅޭ "ޖިގްރާ" ބަލަން ޓިކެޓް ބުކިން ހަދާ މިންވަރު ދަށްވެ، ބައެއް ސިނަމާތަކުގައި ޝޯތައް ވެސް ކެންސަލްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުންޏެވެ.

"ޖިގްރާ" އަކީ 90 ކްރޯޑް ރުޕީސް (10.7 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

މި ފިލްމަށް ލިބޭ ތަރުހީބު ދަށްވާ ސަބަބެއް ކަމަށް ނޫސްތަކުން ލަފާކުރަނީ "ޖިގްރާ"ގެ ޕްރޮމޯޝަންގެ ދުވަސްތަކުގައި ފިލްމުގެ ޑައިރެކްޓަރު ވަސަން ބާލާ އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކެކެވެ.

އެ އިންޓަވިއުގައި ވަސަން ބުނި ގޮތުގައި، "ޖިގްރާ"ގެ ސްކްރިޕްޓުގެ މަސައްކަތް އެއްކޮށް ނުނިމެ އުޅެނިކޮށް މި ފިލްމުގެ އިތުރު ޕްރޮޑިއުސަރެއް ކަމަށްވާ ކަރަން ޖޯހަރް ވަނީ ސްކްރިޕްޓްގެ ޑްރާފްޓެއް އާލިއާއާ ހިއްސާކޮށްފަ އެވެ. ކަރަން އެކަން ކުރީ އޭނާއަށް ނޭނގި ކަމަށް ވާތީ، އެކަމާ މެދުގައި އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.

ވަސަން އެހެން ބުނުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަރަން އާއި އާލިއާއަށް ފާޑުކިޔައިފަ އެވެ. އާލިއާއަށް ބޮޑެތި ފިލްމުތަކުން ފުރުސަތު ލިބެނީ ކަރަންގެ ނުފޫޒުން ކަމަށް ބުނާ އަޑުތައް އަބަދުވެސް ފެތުރިފައި އޮވެ އެވެ. ކަރަންއަކީ ބޮލީވުޑްގައި "ނެޕޮޓިޒަމަށް" ހިތްވަރުދޭ މީހެއްގެ ގޮތުގައި އޮންނަނީ ލޭބަލްވެފަ އެވެ. އެހެންވެ، މި ފިލްމު ވެސް އާލިއާއަށް ލިބުނީ ކަރަންގެ ނުފޫޒުން ކަމަށާއި އާލިއާގެ މޮޅުކަމުން ނޫން ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެވެ.

"ޖިގްރާ"އަށް ފުރަތަމަ ދުވަހު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުމުން، ކަރަން އާއި އާލިއާއަށް އެންމެ ގިނައިން ފާޑުކިޔާ ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު ވެސް ވަނީ ވަރަށް ނުސީދާކޮށް ރައްދެއް ދީފަ އެވެ. މިއީ "އަމިއްލަ ހިތި ބޭސް ބުއިން" ކަހަލަ ކަމެއް ކަމަށް ކަންގަނާ ސިފަކުރި އެވެ.

"އަންހެނަކު މައިގަނޑު ރޯލު ކުޅޭ ފިލްމެއް ކާމިޔާބުވިޔަ ނުދީ އަދި އެ ފިލްމު ނުހިނގާނެ ވަރު ކުރީމަ އެ ނުހިނގާނެ، އަމިއްލައަށް އެ ކަހަލަ ފިލްމެއް ހެދިޔަސް. އަލުން ކިޔާލަބަލަ. ޝުކުރިއްޔާ،" ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ކަންގަނާ އެކި ފަހަރު މަތިން ތުހުމަތުކޮށްފައިވާ ގޮތުގައި، ކަރަން އާއި ކަރަން ގާތުގައި މަސައްކަތްކުރާ ބޮލީވުޑްގެ ތަރިން އަޑީގައި ތިބެގެން ވަނީ އޭނާގެ ފިލްމުތަކަށް އޮތް ތަރުހީބު ދަށްކޮށްލުމަށް ރާވައިގެން ކަންކަން ކޮށްފަ އެވެ.

"ޖިގްރާ"އަކީ އާލިއާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނާއި ކަރަންގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދިން ފިލްމެކެވެ. މި ފިލްމުގައި ދައްކަނީ ދައްތައެއްގެ ހިތުގައި އޭނާގެ ކޮއްކޮއަށް އޮތް ލޯތްބާއި ކޮއްކޮއަށްޓަކައި އޭނާގެ ދައްތަ ވާ ގުރުބާނީ އެވެ.

އާލިއާގެ އިތުރުން މި ފިލްމުގައި މުހިންމު ރޯލެއް ކުޅުނީ ބޮލީވުޑަށް އަދި ވަރަށް އާ މޫނެއް ކަމަށްވާ ވެދަންގް ރައިނާ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454