"ބޭބީ ޖޯން"ގެ ޕޯސްޓަރުގައި ވަރުން ދާވަން.
13 އޮކްޓޯބަރ 2024 - 06:00
މިދިޔަ އަހަރު ގެނެސްދިން ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޖަވާން"ގެ ޑައިރެކްޓަރު އެޓްލީ ކުމާރް ޕްރޮޑިއުސްކޮށް ގެނެސްދޭ އާ ފިލްމު "ބޭބީ ޖޯން"ގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
"ބޭބީ ޖޯން" އަކީ ބޮލީވުޑްގެ އެކްޓަރު ވަރުން ދާވަން ލީޑު ރޯލު ކުޅޭ އެކްޝަން ފިލްމެކެވެ. މުހިންމު ރޯލުތަކުން ދެން ފެންނާނީ ޖެކީ ޝްރޮފް އާއި ކީރްތީ ސުރޭޝް އެވެ.
މި ފިލްމު އުފައްދާ ޖިއޯ ސްޓޫޑިއޯސް އިން އިއްޔެ އާންމުކުރި މިނެޓެއްގެ ޓީޒާގައި ފެންނަނީ ޖެކީގެ މަންޒަރެކެވެ.
"ބޭބީ ޖޯން"އަކީ 2016 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ތަމަޅަ އެކްޝަން ފިލްމު "ތެރީ"ގެ ރީމޭކެކެވެ. "ތެރީ"ގައި ލީޑު ރޯލު ކުޅުނީ ދެކުނުގެ މަޝްހޫރު އެކްޓަރު ވިޖޭ އެވެ. އެ ފިލްމުގައި މުހިންމު ރޯލުތައް ދެން ކުޅުނީ ސަމަންތާ ރޫތު ޕްރަބޫ އާއި ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އެމީ ޖެކްސަނެވެ.
މި ފިލްމު އިއުލާންކޮށް މަސައްކަތް ފެށީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގައި ހާއްސަ ފެނިލުމަކުން ސަލްމާން ހާން ވެސް ފެންނާނެ އެވެ.
އެޓްލީއާ އެކު މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާގެ އަންހެނުން ޕްރިޔާ އެޓްލީ އާއި ޖިޔޮތީ ދޭޝްޕާންޑޭ އަދި މުރާތު ކެތާނީ އެވެ. އެޓްލީގެ ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމު ޑައިރެކްޓުކުރަނީ ކަލީސްވަރަން އެވެ.
"ބޭބީ ޖޯން" ޕްރިމިއާކުރަނީ އަންނަ ޑިސެމްބަރު މަހުގެ 25 ގަ އެވެ.
ޝާހްރުކް ހާން ލީޑު ރޯލު ކުޅުނު އެޓްލީގެ "ޖަވާން"އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމަކީ މިހާތަނަށް އިންޑިއާގައި ފަސްވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy