ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީ އެކުގައި ކުޅުނު ފުރަތަމަ ފިލްމު "އޯ ރޯމިއޯ"ގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
"އޯ ރޯމިއޯ" ގެނެސްދޭ ނަޑިއާޑްވާލާ ގްރޭންޑްސަން އިން އާންމުކުރި މިނެޓަކާއި 35 ސިކުންތުގެ ޓްރެއިލާގައި ވަނީ ސްޓާ ކާސްޓެއް ހިމެނޭ މި ފިލްމުގައި މުހިންމު ރޯލުތައް ކުޅޭ ތަރިންގެ ބައެއް މަންޒަރުތައް ހިމަނައި، ތައާރަފެއް ދީފަ އެވެ.
ޝާހިދާއި ތުރިޕްތީއާ އެކު، އެ ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައި ވަނީ ނާނާ ޕަޓޭކަރު، ފަރީދާ ޖަލާލް، އަރޫނާ އިރާނީ، އަވީނާޝް ތިވާރީ، ދިޝާ ޕަޓަނީ، ވިކްރާންތު މަސީ އަދި ތަމަންނާ ބާޓިއާ އެވެ.
ޑާކް ތީމަކަށް ގެނެސްދޭ "އޯ ރޯމިއޯ"އަކީ "އޯމްކަރާ" އާއި "ހައިދަރު" އަދި "ކަމީނޭ" ކަހަލަ މޮޅު ފިލްމުތައް ގެނެސްދީފައިވާ ވިޝާލް ބަރުދަވާޖް ޑައިރެކްޓުކުރާ ފިލްމެކެވެ. "ހައިދަރު" އަދި "ކަމީނޭ"ގައި ވެސް ލީޑް ރޯލު ކުޅުނީ ޝާހިދެވެ.
އަނިޔާވެރި ގިނަ މަންޒަރުތަކެއް ހިމެނޭނެ "އޯ ރޯމިއޯ"ގައި ދައްކާނީ އިންޑިއާ މިނިވަންވުމަށް ފަހު، މުމްބާއީއަށް އައި ބަދަލުތަކުގެ ތެރެއިން، އެ ސިޓީގެ އަންޑަވޯލްޑުގައި ހިނގާ ހަލަބޮލި ކަންކަމާއި އެ ކުށްވެރިންގެ ދުނިޔޭގައި ހިނގާ ތަފާތު ކަންތައްތަކެވެ.
"އޯ ރޯމިއޯ" ރިލީޒްކުރަނީ އަންނަ މަހު 13 ގަ އެވެ.