ޝާހިދު ކަޕޫރާއި ކްރިތީ ސެނޯން އަދި ރަޝްމިކާ މަންދަންނާ ލީޑް ރޯލުތައް ކުޅެފައިވާ ފިލްމު "ކޮކްޓެއިލް 2" އަށް ބޮކްސް އޮފީހުގައި އާދަޔާޚިލާފު ތަރުހީބެއް ލިބި، 100 ކްރޯޑް ރުޕީސް ހޯދުމާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ރޮމޭންޓިކް ޑްރާމާ ފިލްމަށް ފާޑުކިޔުންތެރިންގެ ފަރާތުން ތަފާތު ހިޔާލުތައް ލިބުނު ނަމަވެސް، ސިނަމާތަކަށް ވަންނަ ބެލުންތެރިންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

ފިލްމު ރިލީޒްކުރި ފުރަތަމަ ހަފުތާ ބަންދުގައި (މިދިޔަ ހުކުރު، ހޮނިހިރު އަދި އާދީއްތައިގައި) އާދަޔާޚިލާފު ބޮޑު އާމްދަނީއެއް ހޯދުމަށް ފަހު، ހަފުތާގެ ދުވަސްތަކުގައި ވެސް ފިލްމުގެ ވިޔަފާރި އެއްވަރެއްގައި ހިފަހައްޓާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ބޮކްސް އޮފީހުގެ ރެކޯޑްތައް ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް އިންޑިއާއިން އެކަނިވެސް މި ފިލްމަށް ވަނީ 60.90 ކްރޯޑް ރުޕީސް (6.4 މިލިއަން ޑޮލަރު) ލިބިފަ އެވެ. 

އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގެ ސިނަމާތަކުގައި ވެސް މި ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެހެން ގައުމުތަކުގައި ދައްކައިގެން އެ ފިލްމަށް މިހާތަނަށް ވަނީ 22.25 ކްރޯޑް ރުޕީސް (2.4 މިލިއަން ޑޮލަރު) ލިބިފަ އެވެ. އެއާ އެކު، މި ފިލްމުގެ ޖުމްލަ އާމްދަނީ ވަނީ 95 ކްރޯޑް ރުޕީސް (10 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.

މި ފިލްމު އުފެއްދީ 150 ކްރޯޑް ރުޕީސް (15.8 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ. 

ސައިފް އަލީ ޚާން އާއި ދީޕިކާ ޕަޑުކޯން އަދި ދިއާނާ ޕެންޓީ ކުޅުނު، 2012 ގައި ނުކުތް "ކޮކްޓެއިލް"ގެ ފުރަތަމަ ފިލްމަށް ޖުމްލަ ލިބިފައި ވަނީ 74.50 ކްރޯޑް ރުޕީސް (7.9 މިލިއަން ޑޮލަރު) އެވެ. ނަމަވެސް، "ކޮކްޓެއިލް 2" ވަނީ އެންމެ ތިން ދުވަސް ތެރޭގައި އެ ރެކޯޑް މުގުރާލައިފަ އެވެ.  

ހޯމީ އަދާޖާނިއާ ޑައިރެކްޓްކޮށް، ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އުފެއްދި މި ފިލްމު ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ ތަރިންގެ ކެމިސްޓްރީ އާއި ފިލްމުގެ ހިތްގައިމު މިއުޒިކެވެ. ހާއްސަކޮށް، ކްރިތީ ކުޅެފައިވާ "އެލީ"ގެ ރޯލަށް ބެލުންތެރިންގެ ތައުރީފު ވަރަށް ބޮޑަށް ލިބިފަ އެވެ.