"ޑެއާޑެވިލް"ގެ ރޯލު ކުޅޭ މެޓް މާޑޮކް.
21 އޮކްޓޯބަރ 2024 - 05:43
މާވެލް ޓެލެވިޝަން ސީރީޒް "ޑެއާޑެވިލް: ބޯން އެގެން" ސްޓްރީމްކުރަން ފަށާ ތާރީހު އިއުލާންކޮށްފި އެވެ.
ޑިޒްނީ ޕްލަސް އިން ގެނެސްދޭ އެ ސީރީޒް ސްޓްރީމްކުރަން ފަށަނީ އަންނަ އަހަރު މާޗު މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެ ސީރީޒް ސްޓްރީމްކުރަން ފަށާ ތާރީހު އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނިއު ޔޯކް ކޮމިކް ކޮންގަ އެވެ.
އެ އިވެންޓުގެ ބައިވެރިންނަށް ވަނީ މި ސީރީޒްގެ ޓީޒާއެއް ވެސް ދައްކާލައިފަ އެވެ. ނަމަވެސް، އެ ޓީޒާ އަދި އިންޓަނެޓުގައި އާންމެއް ނުކުރެ އެވެ.
ޑެއާޑެވިލްގެ ސީރީޒެއް މީގެ ކުރިން ވަނީ ނެޓްފްލިކްސް އިން އުފައްދައިފަ އެވެ. ނަމަވެސް ތިން ސީޒަނަށް ފަހު އެ ޝޯ ކެންސަލްކޮށްލީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކެރެކްޓާގެ ރައިޓްސް ވަނީ ޑިޒްނީން ހޯދައިފަ އެވެ. އަދި މިހާރު އެ ސީރީޒް ވެސް ވަނީ ނެޓްފްލިކްސް އިން ނަގައި، ޑިޒްނީ ޕްލަސްއަށް ގެންގޮސްފަ އެވެ.
އެ ސީރީޒް ޑިޒްނީގެ ދަށަށް ގެންދިޔަ ފަހުން، އެ ސީރީޒްގައި ޑެއާޑެވިލްގެ ރޯލު ކުޅޭ މެޓް މާޑޮކް ވަނީ 2021 ވަނަ އަހަރު ގެނެސްދިން އެމްސީޔޫގެ "ސްޕައިޑާ މޭން: ނޯ ވޭ ހޯމް"ގައި ކެމިއޯ ރޯލެއް ވެސް ކުޅެފަ އެވެ. އެއާ އެކު، އެމްސީޔޫގެ އިތުރު ޕްރޮޖެކްޓްތަކުން މެޓް މާޑޮކް އަލުން ފެންނާނެކަން އިއުލާންކުރި އެވެ.
"ޑެއާޑެވިލް: ބޯން އެގެން"ގައި ވެސް އުޅެނީ ނެޓްފްލިކްސް އިން ގެނެސްދިން ސީރީޒްގައި އުޅުނު ކާސްޓެވެ. އަދި މި ސީރީޒް ފަށާނީ ވެސް ތިންވަނަ ސީޒަން ނިންމާލި ހިސާބުންނެވެ. އެކަމަކު، މި ސީރީޒް ފަށާނީ މުޅިން އާ ސީރީޒެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy