ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ. އެކުންފުނީގެ ބޯޑަށް މިއަހަރު ބޮޑެތި ބަދަލުތަކެއް އައިސްފައި -- ފޮޓޯ: މިހާރު
21 އޮކްޓޯބަރ 2024 - 10:54
ބީއެމްއެލްގެ ހަތަރު ވަނަ އީޖީއެމް މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފި އެވެ.
އެ ބޭންކުން ބުނީ އީޖީއެމް ބާއްވާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ. މިއީ ބޯޑު ޑިރެކްޓަރުން ހޮވަން ބާއްވާ ބައްދަލުވުމެކެވެ.
ބީއެމްއެލް އިން ވަނީ ސީއީއޯގެ މަގާމަށް މުހައްމަދު ޝަރީފު އައްޔަންކޮށްފަ އެވެ. މި މަހު ފަހުކޮޅަށް ތާވަލުކުރި އީޖީއެމްގައި ޝަރީފް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރާނެ އެވެ. އޭރުން އެ ކުންފުނީގެ ބޯޑުގައި ޝަރީފް ހިމެނިވަޑައިގަންނަވާނެ އެވެ.
އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 28 ގެ ކުރިން ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށެވެ.
އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން 28 ގެ ނިޔަލަށް ޕްރީ ރަޖިސްޓްރީވުމަށް ހުޅުވާލާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިދިޔަ މަހު ވެސް ބީއެމްއެލް އިން އީޖީއެމްއެއް ބޭއްވި އެވެ. އެ ޖަލްސާގައި ވަނީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަނޑައަަޅައި، ޑިރެކްޓަރުންގެ ބޯޑަށް ތިން ބޭފުޅަކު އައްޔަންކޮށްފަ އެވެ.
އެ ތިން ބޭފުޅުންނާ އެކު ބީއެމްއެލްގެ ބޯޑުގައި ނުވަ ބޭފުޅުން ތިއްބަވަ އެވެ. އެއީ ސަރުކާރުގެ ފަރާތުން ބޯޑުގައި ތިއްބަވާ ހަ ބޭފުޅުންނާއި އާންމު ހިއްސާދާރުން އިންތިހާބު ކުރައްވާފައިވާ ތިން ބޭފުޅުންނެވެ. ބީއެމްއެލްގެ ބޯޑުގައި ޖުމްލަ 11 ބޭފުޅުން ތިއްބަވަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy