ގައުމީ ލީގުގައި ވެމްކޯ އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން، ވެމްކޯއިން އެ މެޗު ކާމިޔާބު ކުރީ 3-2 ސެޓުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
23 އޮކްޓޯބަރ 2024 - 07:49
ޕޮލިސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެން ކްލަބް ވެމްކޯ އިން ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ޕޮލިހާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-17، 25-23 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އާއިޝަތު މާޖިދާ އެވެ.
ގައުމީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅޭ މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ވަނީ 3-1 ސެޓުން ހިންމަފުށި ވިކްޓޯރިއަސް ބަލިކޮށްފަ އެވެ.
ޔޫތު ނިއު ޖެނެރޭޝަނުން މެޗުގެ ސެޓްތަައް ގެންދިޔައީ 25-13، 25-17، 20-25 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ވިޕާދާ މިންކްވާން އެވެ.
ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދި ވެމްކޯ އަށް ފައިނަލްގެ ސީދާ ޖާގައެއް ލިބިފައި ވާއިރު، ހުކުރު ދުވަހުގެ ރޭ ކުޅޭ ފައިނަލްގެ ފަހު ޖާގަ ލިބޭނީ، މިރޭ 8:30 ގައި ޔޫތު ނިއު ޖެނެރޭޝަނާއި ޕޮލިސް ބައްދަލުކޮށް މޮޅުވާ ޓީމަކަށެވެ.
ވެމްކޯ ވަނީ މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އަދި ހަ އަހަރަށް ފަހު މިއަހަރު ބޭއްވި އަންހެން ގައުމީ ލީގު ކާމިޔާބު ކުރުމުގެ އިތުރުން، އެންމެ ފަހުން އެސޯސިއޭޝަން ކަޕް ބޭއްވި ހަތަރު ފަހަރު ވެސް ވެމްކޯ ވަނީ ޕޮލިސް ބަލިކޮށް ތަށި ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރު
23 October 2024
ފަތުހުﷲ ވަހީދު ކޮންމެސް އެހެން ކަމަކާ އުޅެންވީނު އަޅެ