ބޮލީވުޑްގެ އެކްޓްރެސް ޝޮބިތާ ދުލިޕާލާ އާއި ދެކުނު އިންޑިއާގެ އެކްޓަރު ނާގަ ޗައިތަންޔާގެ އެންގޭޖުމަންޓް ހަފުލާގައި އެ ދެތަރިންނާ އެކު ނަގާގެ ބައްޕަ ނާގާރްޖުނާ (މ).
24 އޮކްޓޯބަރ 2024 - 05:49
ބޮލީވުޑްގެ އެކްޓްރެސް ޝޮބިތާ ދުލިޕާލާ އާއި ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު ނާގަ ޗައިތަންޔާ އަންނަ ޑިސެމްބަރު މަހު ކައިވެނިކުރަން ނިންމައިފި އެވެ.
ޝޮބިތާ އާއި ނާގަ މިހާރު ވަނީ އެމީހުންގެ ކައިވެނީގެ ތައްޔާރީތައް ފަށައިފަ އެވެ. ކައިވެނީގެ ކުރިން ބާއްވާ ސަގާފީ ހަފުލާއެއް ވެސް މި މަހު ބޭއްވި އެވެ. އެ ހަފުލާގެ ފޮޓޯތައް ވެސް އެ ދެ ތަރިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އެ ހަފުލާގައި ޝޮބިތާ ހުރީ ނާގަ މަންމަ އޭނާއަށް ހަދިޔާކުރި ގަހަނާ އަޅައިގެންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޝޮބިތާ އާއި ނާގަ ކައިވެނިކުރަނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގަ އެވެ. އަދި އެ ހަފުލާ ބާއްވަނީ ރާޖިސްތާނުގަ އެވެ.
ޝޮބިތާ އާއި ނާގަ އެންގޭޖުވީ މިދިޔަ އޮގަސްޓް މަހު އެވެ.
ނާގަ އަކީ އިންޑިއާގެ މަޝްހޫރު އެކްޓަރު ނާގާރްޖުނާގެ ދަރިފުޅެވެ. އަދި ބޮލީވުޑްގައި މިހާރު މަޝްހޫރު އެކްޓްރެސް ސަމަންތާ ރޫތު ޕްރަބޫގެ ކުރީގެ ފިރިމީހާ އެވެ.
ނާގަ އާއި ޝޮބިތާގެ ގުޅުން ފެށުނީ ނަގާ އޭނާގެ ކުރީގެ އަންހެނުން ސަމަންތާ ވަރިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް 2021 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އޭރު އަޑު ފެތުރުނު ގޮތުގައި، ނާގަ އާއި ސަމަންތާ ވަކިވީ ވެސް ނަގާ އެހެން މީހަކާ ގުޅުން ބާއްވާކަން ފަޅާއެރުމުންނެވެ. ނާގަ އާއި ސަމަންތާ ވަރިވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy