އެއާ އަރަބިއާގެ ބޯޓުން މިއަދު އައި ބައެއް ފަސިންޖަރުން. އެއާލައިނުން ކޮންމެ ދުވަހަކު ދަތުރުތައް ރާއްޖެއަށް ކުރާނެ -- ފޮޓޯ: ނިޝާން އަލީ / މިހާރު
27 އޮކްޓޯބަރ 2024 - 20:35
މެދުއިރުމަތި އަދި އުތުރު އެފްރިކާގެ ބަޖެޓު އެއާލައިން، އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެ އަށް މިއަދު ފަށައިފި އެވެ.
އެ އެއާލައިންގެ ފުރަތަމަ ބޯޓު ޔޫއޭއީގެ ޝަރްޖާހު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު ހެނދުނެވެ. އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއް އަރުވާފައިވެ އެވެ.
އެއާ އަރަބިއާ އިން ނިންމާފައި ވަނީ ކޮންމެ ދުވަހަކު ވެސް ރާއްޖެ އަށް ފްލައިޓެއް ބާއްވާށެވެ. ޔޫއޭއީ އިން ފުރާ އެއާބަސް އޭ320 މަރުކާގެ ބޯޓު ކޮންމެ ދުވަހަކު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ ހެނދުނު 8:00 ގަ އެވެ. ރާއްޖެ އިން ދަތުރު ފަށާނީ މެންދުރު 2:20 ގަ އެވެ.
އެއާ އަރަބިއާ ބޯޓަށް ދިން ވޯޓާ ސެލިއުޓް. އެ ބޯޓުން ދަތުރުތައް ކުރާނީ ޔޫއޭއީއަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެއާ އަރަބިއާގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ، ރާއްޖެ އަށް ދަތުރުތައް ފެށުމަކީ އެ އެއާލައިންގެ ދަތުރުތައް އިތުރަށް ފުޅާކުރަން ލިބުނު ފުރުސަތެއް ކަމަށެވެ. ހެޔޮއަގުގައި އެ ސަރަހައްދުން ރާއްޖެ އަށް ދަތުރުތައް ކުރެވޭނެ ގޮތްތައް ފަހިވެފައިވާ ކަމަަށް އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، އެއާ އަރަބިއާގެ ދަތުރުތަކާ އެކު، މެދުއިރުމަތީގެ މާކެޓު ފުޅާކުރުމަށް ފުރުސަތުތައް ފަހިވެފައިވާ ކަމަށެވެ. އެއާ އެކު، އެ ސަރަހައްދުން އަންނަ ޓޫރިސްޓުން ވެސް އިތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އެއާ އަރަބިއާގެ ފްލީޓުގައި އޭ320 އާއި އޭ321ގެ 77 ބޯޓު ހިމެނެ އެވެ. އެއާލައިނުން އަންނަނީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފުޅާކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސާފިރު
28 October 2024
އެއަރލައިންގެ އަގު ރަގަޅު އެކަމަކު ރާއްޖެއިން ސަޢުދީ އަށް އުމްރާ އަށް ދާން ބަލާއިރު، ޔޫ.އޭ.އީ ޝަޖްރާ އެއަރޕޯޓް ގައި 20 ވުރެ ގިނަ ގަޑިއިރު މަޑުކުރަންޖެހޭ،.. ލޭއޯވަރ ޓައިމް ކުޑަކުރެވޭނެ ގޮތަށް ފްލައިޓް ޝެޑިއުލް ބަދަލުކޮށްފިނަމަ ވަރަށް ވަރަށް ރަގަޅުވާނެ.
ހަބީބީ
27 October 2024
ކޮބާ ހަބީބީ އާދޭ އަވަހައް ޔޫއޭއީއަށް ޝޮޕިންގކޮށްލަން