ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި އެއާޕޯޓުގެ މަތީގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯ.---ފޮޓޯ: ނިޝާން އަލީ | މިހާރު
31 ޖުލައި 2025 - 15:03
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ޑްރޯން ޝޯއަށް އެ ރޭ ބޭނުންކުރި ޑްރޯންތައް މަތީގައި އުދުހެނިކޮށް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދޭން އެމްއޭސީއެލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ތަހުގީގުކޮށްދޭން އެދި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް ސޮއިކުރައްވައި، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް މިދިޔަ ހޯމަ ދުވަހު ފޮނުއްވި ސިޓީއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ބަޔަކު ލީކުކޮށްލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޝަރީފު "މިހާރު" އަށް މިއަދު ވިދާޅުވީ ޑްރޯންތަކެއް ވެއްޓުމަކީ ތަހުގީގު ކުރަން ޖެހޭ ކަމަކަށް ވާތީ، އެކަން ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. ވެއްޓުނު ޑްރޯންގެ އަދަދެއް އަދި ސާފުނުވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އެފަދަ ތަހުގީގެއް ކުރުމުގެ ގާބިލްކަން ހުރި ބައެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފުލުހުންނަށް ފޮނުވި ސިއްރު ސިޓީއެއް ލީކުވުމުން ވެސް ހިތާމަ ކުރައްވާ ކަމަށެވެ.
އެ ސިޓީގައި ބުނީ ޑްރޯން ޝޯގެ އެންމެ ފަހު ފޯމޭޝަންގެ ކުރިން ދިމާވި ކުއްލި މައްސަލައެއްގައި ގިނަ އަދަދެއްގެ ޑްރޯންގެ ސިގްނަލް ގެއްލި، ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ބައެއް ޑްރޯންތައް ބިން މައްޗަށް ވެއްޓި، ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އެ ހާދިސާގެ ސަބަބުން ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ސިޓީގައި ވެ އެވެ.
ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތުން މިހާތަނަށް ބެލިބެލުމުން މި މައްސަލައަކީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރެކުއެންސީއަށް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އިންޓަފިޔާކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.
އެ ސިޓީގައި ބުނިގޮތުގައި، ޑްރޯންތައް ވެއްޓުމުގައި އެހެން ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ސަބަބުތަކަކީ؛
• ރަސްމިއްޔާތުގެ ކުރިން ބޭއްވި ޑްރޯން ޝޯގެ ފުލް ރިހާސަލްގައި އެއްވެސް މައްސަލައެއް ދިމާނުވުން.
• ޑްރޯންތަކަށް މައްސަލަ ދިމާވި ވަގުތުގައި ރަސްމިއްޔާތުގެ ކަންކަމުގައި އެއާޕޯޓުގައި މަސައްކަތްކުރި އެހެނިހެން ޓެކްނިކަލް ފަރާތްތަކަށް ވެސް ސިގްނަލް ގެއްލުމާއި ނެޓްވޯކް ގެއްލުން ފަދަ މައްސަލަތައް ދިމާވުން.
• ޑްރޯން ޝޯ ނިމުނު ފަހުން ސިސްޓަމް ރީސެޓްކުރި އިރު، ސިސްޓަމަށް އެއްވެސް މައްސަލައެއް ދިމާނުވެ، ރަނގަޅަށް މަސައްކަތް ކޮށްފައިވާކަން ޑްރޯން ޝޯގެ އޮޕަރޭޓަރަށް ފާހަގަވުން.
"އެހެން ނަމަވެސް، މި ހާދިސާ ހިނގައިދިޔަ ގޮތް އެ ފަރާތްތަކަށް ވެސް އަދި މި ކުންފުންޏަށް ވެސް މިހާތަނަށް އަދި ދެނެގަނެވިފައެއް ނުވެ އެވެ،" އެމްއޭސީއެލްގެ ސިޓީގައި ބުންޏެވެ.
އެ ސިޓީގައި ބުނީ ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށް ލިބުނު ގެއްލުމުގެ މިންވަރު ބަލަމުން އަންނަ ކަމަށާއި އެމްއޭސީއެލުން ޒިންމާވާން ޖެހޭ ކަމެއް ފާހަގަވެއްޖެ ނަމަ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެތީ، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް ފުލުހުންގެ ފަރާތުން އެދޭ ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގެ ޑްރޯން ޝޯއެއްގެ އިތުރުން މާލެ ސަރަހައްދުގެ 19 ތަނެއްގައި ވަނީ އެއް ވަގުތެއްގައި ހަވާއަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
03 August 2025
ބޭންކް އޮފް މޯލްޑިވްސް އިން ހިންގިކަަމަށް ބުނާ މާލީ ބަޣާވާތް ތަޙްޤީޤްކޮށް ނިމުނީތޯ؟ ބަލަނީ ބަލަނީ. އަންނަނީ އަންނަނީ. އަދިވެސް އެއްވެސް އާމްދަނީ ލިބޭ ކަމެއް ނުކުރެވޭ. ހެސްކިޔާފަ ޚަރަދުކުރޭ!
ނައިޝް
01 August 2025
ގެއްލުމުގެ ބަދަލުދޭން ހަލާލް ސެޓްފިފަކަޓް ހޯދަން ހުށަހެހެޅީ ދެއްތޯ؟
އެންމެފަހުން ނުހުރެވިގެން
01 August 2025
ބަލަ ގައުމުގެ ރައީސް ވަޑައިގަންނަވާ އިވެންޓެއް ކަން ތިކަން އިންތިޒާމް ކުރިބައަކަށް ނޭގެނީތަ. ރައީސް ގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ރޭޑިއޯ ފްރިކުއެންސީ ޖޭމު ކުރުމަކީ ސެކިއުރިޓީ ޕްރޮޓޮކޯލް ގަހިމެނޭ މުހިއްމުކަމެއް. ގެއްލުމުގެ ބަދަލޭ ކިޔާފަ ލާރިފޮއްޗެއްވެސް ދީގެން ނުވާނެ. ތިކަމުގެ ޒިންމާ ނަގަންޖެހޭނީ ތިކަމެެއް އިންތިޒާމު ކުރިބަޔަކު. އެމީހުނާ ހަވާލުކުރީ ލާރިދީފަ ކަން ކުރުމަށް، ކަންކުރެވެން ހުރިގޮތަކަށް އެކަން ކުރުމަކީ އެމީހުންގެ ކަމެއް.
ސަޅި ގައުމެއް
31 July 2025
ގެއްލުމުގެ ބަދަލް މިފަހަރު ބޮޑުކޮން ދޭންޖެހޭ ގޮތައްތ ތިކަން ނިމިގެން ދާނީ.. ހުދު ގަމީސް ގުރޫޕް އެންމެން ގުޅިގެން ކުޅޭ ކުޅި ގަނޑެއްމީ
ސަމހ
31 July 2025
ވަރަށް ރަނގަޅު ނިންމުމެއް
އެސްފީނާ އާއި ޙަސަދަ ޖެހުނީ
31 July 2025
الحمد لله ނުރައްކާތެރި ކަމެއްވެ ބޮޑު ގެއްލުމެއް ނުވީތީ ﷲ އަށް ޙަމްދު ކުރަމެވެ! އާ ޓާރމިނަލް ހުޅުވަނިއްޔޭ ކިޔާފައި ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. މަހުރީ ނުރައްކާތެރި ކަމެއް ވެދާނެ ކަމުގެ ބިރުހީވެފަ އެވެ. ތިވަރުން ވެސް ތިކަން ނިމުނުކަން އެއީ ﷲ ގެ ރަޙުމަތްފުޅެވެ.
ގަންގްނަމް
31 July 2025
ޑްރޯންތަކާ ގުޅޭ ގްރައުންޑް ކޮންޓްރޯލް ސޮފްޓްވެއާތަކުގައި ދުނިޔޭގެ އެއަރޕޯޓްތަކާއި ނޯފްލައި ޒޯންތައް ހުންނާނީ ޖިއޯފެންސްގެ ޒަރީޢާއިން ލޮކް ކުރެވިފައި. މިއީ ނޯމަލް ސެޓިންއަކީ. ސޮފްޓްވެއާތައް ކޮމާޝަލީ ބޭނުން ކުރުމުގެ ކުރިން ވަކި ކަންޑިޝަންތަކެއް ފުރިހަމަވާންޖެހޭ. އެފްއޭއޭ ގެ ރެގިއުލޭޓަރީ ރިކުއާމެންޓާ އެއްގޮތަށް އޮޕަރޭޓްވާނީ. ނަމަވެސް ސެޓިން ކަސްޓަމައިޒްކޮށްފައި ވަނިކޮށް އަޕްޑޭޓަކުން ނަމަވެސް ސްވޯމް ސެޓިން އަޕްޑޭޓް ވެއްޖެނަމަ ޖިއޯފެންސް އެެކްޓިވްވޭ.
ސަރގް
02 August 2025
ކަލޭހީކުރީ އެއީ ޑީޖޭއައި ޑްރޯންކަމަށް ދޯ. އެއީ ވަކިކަމަކަށް ތައްޔާރުކޮއްފަ ހުރި އެއްޗެއް. ތިހުތިހާ ފީޗާއެއް އެޔަކު ނުހުންނާނެ އާންމުކޮށް ޑްރޯންސޯގަ ބޭނުންކުރާ ޑްރޯން އަގުވެސް ހެޔޮވާނެ
ޓެކްނޮލޮޖިސްޓް
31 July 2025
މަގޭ ޕީސީވެސް ސްޓަކްވީމަ، ރީސެޓްކޮށް ނޫނީ ރީސްޓާޓް ކޮށް ހެދީމަ މައްސަލަ ރަނގަޅުވޭ.. ރީސްޓާޓް ކުރީމަ މައްސަލަ ރަނގަޅުވީމަ، އޭގެ މާނައެއް ނޫން، ސިސްޓަމުގެ މައްސަލައެއް ނޫނޭ.. އެ ހުންނަނީ ދައްކާ ހުއްޖަތް..ތިޔަ އުޅެނީ ބަދަލުގެ ގޮތުގައި ދައުލަތުން ރުފިޔާ ގަނޑެއް ހޯދަން ވެގެން..
ޑިރާސާ
31 July 2025
ޑްރޯންތައް ވެއްޓުނު ވަގުތަކީ ރައީސްގެ މޮޓޯ ކޭޑު އެއަރ ޕޯރޓަށް ދަތުރު ކުރި ވަގުތު. މޮޓޯރ ކޭޑުގައި ސިގްނަލް ޖޭމަރ ވެހިކަލް އެއް އޮތް. އެހެންކަމުން ސިގްނަލް ޖޭމަރ އަށް ހިޓްވި ޑުރޯންތައް ސިގްނަލް ކަނޑާލައި ، ވައްޓާލީ ކަމަށް ވުން ގާތް.
ޞުލޭ
31 July 2025
ށިވަން ކިޔާ އެކްސްޕާޓެއް އެސްސްމެންޓް ހަދާފައި ޗީފް ސޭފްޓީ، ސެކިއުރިޓީ، ކޮންފްލަޔަންސް އަދި ދެން ވެސް ޖެހުނު ނަމެއް ކިޔައިގެން އުޅޭ އޮފިސަރ އެޕްރޫވް ކުރީމާ ކޮން މައްސަލަ އެއް އުޅެންވީ....