އާ ޓާމިނަލް ހުޅުވި ފަހުން އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަހުގެ އިތުރުން މިއަދަކީ އެ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަހަށް ވާނެ
އެއާޕޯޓުގައި ފަސިންޖަރުންތަކެއް މަޑުކޮށްލައިގެން -- ފޮޓޯ: ނިޝާން އަލީ / މިހާރު
28 ޑިސެމްބަރ 2025 - 10:25
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށް އެ އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، މިއީ މި އަހަރުގެ ޖުލައި 26 ގައި އާ ޓާމިނަލް ހުޅުވި ފަހުން އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަހުގެ އިތުރުން، އެ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމަށެވެ. ގާތްގަނޑަކަށް 11،035 ފަސިންޖަރުން މިއަދު ފުރާއިރު 11،107 ފަސިންޖަރުންނަށް އަންނާނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހާ ގިނަ އަދަދެއްގެ ފަސިންޖަރުން މިއަދު ފުރަނީ ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ފުރާތީ އެވެ. މިއީ، ފެސްޓިވް ދުވަސްވަރަށް ވުމާ އެކު، އަބަދުވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް އާ އަހަރު ފާހަގަކުރުމަށް ވެސް އާދެ އެވެ.
ޝަރީފް ވިދާޅުވީ އެއާޕޯޓުގައި މިއަދު ހިދުމަތް ދޭނީ ޝިފްޓުތަކަށް އިތުރަށް މީހުން ނެރެގެން ކަމަށެވެ. އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް، ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ "އެކްސްޕީރަންސް" ރަނގަޅުވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގެ ޓާމިނަލުން ގިނަ އަދަދެއްގެ ފަސިންޖަރުން ބޭރަށް ނުކުންނަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެއާޕޯޓުގެ އެންމެ ބާރު ބޮޑުވާ ވަގުތަކީ ހެނދުނު 8 އިން މެންދުރު ފަހު 2 އާ ދެމެދެވެ. އެ ވަގުތުތަކުގައި ތިން ވައިޑްބޮޑީ އެއާކްރާފްޓް ޖައްސައިފި ނަމަ ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވެ އެވެ. އެ ކަންކަން އަވަސް ކުރުމަށް ވެސް، ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެންމެ ގިނަ ފަސިންޖަރުން އެއް ދުވަހެއްގައި ރާއްޖެ އައީ ފެބުރުއަރީ 10، 2024 ގަ އެވެ. އެ ދުވަހު ރާއްޖެއަށް 11،200 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންވެ، މިއަދު ވާނީ މިހާތަނަށް އެއާޕޯޓަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ދުވާލެއްގެ މައްޗަށް އަންނާނެ ދުވަހަށެވެ.
މިދިޔަ އަހަރުގެ ޕީކް ސީޒަންގައި އެންމެ ބާރު ބޮޑުވީ ޑިސެމްބަރު 30 ގަ އެވެ. އެ ދުވަހު ވަނީ 10،300 އެއްހާ މީހުންނަށް ހިދުމަތް ދީފަ އެވެ. އެހެންވެ މިއަދަކީ، ޕީކް ސީޒަންގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ދުވަހެވެ.
މި އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،100 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސަ
28 December 2025
ރާއްޖޭގެ ޓޫރިޒަމް މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އޭގެނަފާ ލިބޭގޮތް ހަދަންޖެހޭ! އައްޑޫ ގަން އިންޓަރނޭޝަނަލް އެއަޕޯޓް ފުރިހަމަ މާނައިގައި އޮޕަރޭޓްކޮށް އަދި ސީޕްލޭން ޚިދުމަތް އެތާ ގާއިމުކޮށް ގއ އަދި ގދ އަތޮޅުގައި އެހަރަ ރީތި ފަޅުރަށްތަށް ރިސޯޓްތަކަށް ބަދަލުކޮށްލަބަލަ! އެއިރުން އައްޑޫ އެއަރޕޯޓުން ފަތުރުވެރިން އެސަރަޙައްދުގެ ރިސޯޓްތަކަށް އުފުލޭނެ މިހާރު މާލެއިން ކަންކުރާގޮތަށް! ރާއްޖެއަށް ވަންނަ ނަފާ ތިންގުނަ އިތުރުވާނެ!
ނަންނުޖަހަން
28 December 2025
މިދާ ވަރުން ދަންޏާ މިހާރު ހުޅުވި ޓާމިންލްވެސް ކުޑަވާނެ އަދި ޔަގީން
ފަހު ނޭވާ
28 December 2025
ގިނަ އިން އެރައިވަލްވެ ޑިޕާޗރވާނީ ފަރަންޖީން ކަމަށް ލަފާ ކުރެވެނީ
އާޅޭ
28 December 2025
ތި އާ ޓާމިނަލެއްގެ ހަބަރު ފެނިފެނި ހޮޑުލަވާ މިހާރު
ރަދީފްއޮފިޝަލް ފޑއ
28 December 2025
11 ހާސް މީހުން އަޔަސް ރައްޔިތަކަށް ޑޮލަރެއް ނުލިބޭ.