ބޮލީވުޑްގެ ތަރިންގެ މެދުގައި މަގުބޫލު ފެޝަން ޑިޒައިނަރު ރޯހިތު ބާލް.
01 ނޮވެމްބަރ 2024 - 23:51
ބޮލީވުޑް ތަރިންގެ މެދުގައި މަގުބޫލު، އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ރޯހިތު ބާލަށް ހާޓް އެޓޭކެއް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.
އުމުރުން 63 އަހަރުގެ ބާލް މަރުވީ ދިއްލީގައި ހުންނަ އާޝްލޮކް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ބާލް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ދެ ގަޑިއިރުވީ ފަހުންނެވެ.
އިންޑިއާގެ ފެޝަން ޑިޒައިން ކައުންސިލުން ނެރުނު ބަޔާނެއްގައި ވެސް ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ. ބާލް އަކީ އެ ކައުންސިލްގެ ފައުންޑާ ވެސް މެ އެވެ. އޭނާގެ ޖަނާޒާ މާދަމާ ބާއްވަން ވަނީ ނިންމައިފަ އެވެ.
އިންޑިއާގެ ސަގާފީ ފޭރާމުގެ ވައްޓަފާޅިތަކާއި މި ޒަމާނުގެ ސްޓައިލް އެއްކޮށްލައިގެން ހެދުންތައް ޑިޒައިންކުރުމަށް މަޝްހޫރު ބާލް އަކީ އިންޑިއާގެ ފެޝަންގެ ދުނިޔެއަށް އިންގިލާބެއް ގެނެސްދިން ހުނަރުވެރި، ފަންނުވެރިއެކެވެ.
ބާލްގެ ފަންނުވެރިކަމާއި ރީތި، މޮޅު ޑިޒައިންތައް އުފަންކުރުވުމުގެ ވިސްނުމާއި ހުނަރު އަދި މި ދާއިރާގެ ކުރިމަގަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކަކީ ތާއަބަދަށް ދެމިގެންދާނެ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް އިންޑިއާގެ ފެޝަން ޑިޒައިން ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.
މީގެ ދެ ހަފުތާ ކުރިން ބާލް ވަނީ މުމްބާއީގައި ބޭއްވި ލެކްމޭ ފެޝަން ވީކްގައި އޭނާގެ އެންމެފަހުގެ ހެދުން ކަލެކްޝަން "ކާއިނާތު" ވެސް ދައްކާލައިފަ އެވެ. އެ ކަލެކްޝަންގެ ޝޯ ސްޓޮޕާއެއްގެ ގޮތުގައި ބައިވެރިވީ ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭ އެވެ. އަނަންޔާ ލައިގެން ހުރި ބާލްގެ ޑިޒައިނަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އިޝާ އަމްބާނީ ވެސް މީގެ ކުރިން ލާފައިވާ ޑިޒައިނެކެވެ.
ބާލްގެ މެޔަށް ތަދެއް އަރައިގެން މިދިޔަ ޑިސެމްބަރު މަހު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިނެވެ.
ބާލް އަކީ ދެ ޖިންސުގެ މީހުންނަށް ވެސް ތަފާތު ޑިޒައިންތަކުގެ ހެދުންތައް ފަރުމާކުރުމުގައި މަޝްހޫރު ފަންނުވެރިއެކެވެ. ފެޝަންގެ ދުނިޔެއަށް ބާލް ނުކުތީ 1986 ވަނަ އަހަރު އޭނާގެ ބޭބެއާ އެކު އޯކިޑް އޯވަސީ ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏެއް އުފައްދައިގެންނެވެ. އަދި 1990 ވަނަ އަހަރު އޭނާގެ ފުރަތަމަ އަމިއްލަ ކަލެކްޝަން ތައާރަފުކުރި އެވެ.
ފެޝަން ޑިޒައިނިންގެ އިތުރުން އޭނާ ވަނީ ގަހަނާ ޑިޒައިންކުރުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.
ބާލް އަކީ އިންޑިއާގެ ސެލެބްރިޓީން އަދި ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު ޑިޒައިނަރެކެވެ. ބާލްގެ ޑިޒައިންތައް އެންމެ ގިނައިން ލާ އެއް ތަރިއަކީ ސޯނަމް ކަޕޫރެވެ.
ސޯނަމްގެ އިތުރުން ކާޖޮލް، ޝަބާނާ އަޒްމީ، ރަންވީރް ސިންގް، ރިތޭޝް ދޭޝްމުކް، ބޫމީ ޕަޑްނޭކަރު، މަލައިކާ އަރޯރާ އަދި ސިތާދު މަލްހޯތުރާ ކަހަލަ އެތައް ފަންނާނުންނަކަށް އޭނާ ހެދުން ޑިޒައިންކޮށްދީފައިވެ އެވެ.
ބާލް ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީމަން78
03 November 2024
ނުދަންނަން،