ރިޕޯޓް

މޫސާ ޖަލީލްގެ ޑައިރީން: ދުޝްމަނުންގެ ކުރިމައްޗަށް ނުކުންނެވި ގޮތް

މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް: އޭނާ ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ޑިފެންސް މިނިސްޓަރުގެ މަގާމް ފުރުއްވާފައި. -- ފޮޓޯ: ގެޓީ އިމޭޖަސް

ނޮވެމްބަރު 3، 1988 ވަނަ ދުވަހުގެ ފަތިހު އަލިވިލެން އުޅެނިކޮށް، ސިފައިންގެ މައިމަރުކަޒު ބަންޑާރަކޮށީގައި ނިދިކުރައްވާފައި އޮންނެވި އޭރުގެ ލެފްޓިނެންޓް މޫސާ އަލީ ޖަލީލަށް ހޭލެވުނީ ބަޑީގެ އަޑުފަށްގަނޑަށެވެ. އެ އަހަރު އޭގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ އަށް ވަނީ މާލެ އަށް ބަޔަކު އަރައި ހަމަލާދޭތަން ހުވަފެނުން ފެނިވަޑައިގެންފަ އެވެ. އެކަމަކު މި ފަހަރު މި އިވުނު އަޑުފަށްގަނޑުން މިއީ ހުވަފެނެއް ނޫންކަން އޭނާ އަށް ޔަގީންވި އެވެ. އެހެންވެ ފުންމައިގެން ތެދުވެވަޑައިގެން، އެނދުގެ ކޮޅުގައި އަޅުވާފައި އޮތް ކޮމްބެޓް ޔުނިފޯމު އަޅުއްވައި، ޓާސްކްފޯހުގެ ބަޑިހަރުން އޭކޭ-47 ރައިފަލެއް ނަންގަވައިގެން، ބަޑީގެ އަޑު އަންނަ ދިމާލަށް މިސްރާބު ޖެއްސެވި އެވެ.

އޭރު ހަމަލާ ދެނީ ކޮން ބައެއްކަމެއް ވެސް އުމުރުން 28 އަހަރުގެ މި ޒުވާން އޮފިސަރަށް އެނގިވަޑައިނުގަންނަވާނެ އެވެ. އެކަމާ ވިސްނަވާކަށް ވެސް ބޭނުމެއް ނުވި އެވެ. ކޮންމެ ބަޔަކު ވިޔަސް ސިފައިންގެ އަށް ހަމަލާދޭ ނަމަ އެ ތަން ދިފާއުކުރުމަކީ ވާޖިބެއް ކަމަށް ދެކެވަޑައިގެން، ލެފްޓިނަންޓް އާދަމް އިބްރާހީމް މަނިކު (ބިލާލު އާދަމްމަނިކު) އާ އެކު، ފުލުސް އޮފީހުގެ ގޭޓުގެ ދެ ފަރާތުން ކަވަރު ނަގައިގެން ތިބެ ހަމަލާދޭން ފެއްޓެވި އެވެ. އެ ވަގުތު ދުޝްމަނުން އެއްލި އަތުބޮމެއް ގޮވައި އޭގެ ޝާޕްނަލްތަކުން މޫސާ ޖަލީލުގެ ވާތުފައިގެ ކަކުލާ ދިމާލުންނާއި ފައިތިލައާ ދިމާލުން ޒަހަމްވެ ލޭ އަންނަން ފެށި އެވެ.

އޭރު، ހާޖަރާގޭ އަބްދުﷲ ލުތުފީގެ މޭސްތިރިކަމުގެ ދަށުން މާލެ އެރި ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތް ޕްލޮޓުގެ ހަނގުރާމަވެރިން ދިޔައީ، އެ މީހުންގެ މަގުސަދު ކަމަށްވާ ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށްޓަކައި، ސިފައިންގޭގެ ކޮންޓްރޯލް ނެގޭތޯ އެކި ދިމަދިމާލުން މަސައްކަތް ކުރަމުންނެވެ. ފުލުސް އޮފީހުގެ ނިދާ ފެންޑާ އިން ބެޑްޝީޓެއް ނަގައި އޭގެ ބަޔެއް ފައިގައި އައްސައި ލޭ މަނާކޮށްގެން މޫސާ ޖަލީލް ވެސް ޓާސްކް ފޯހުގެ ޑިއުޓީ ކައުންޓަރަށް ވަޑައިގެންނެވިއިރު، ދުޝްމަނުން ވަނީ ސިފައިންގޭގެ ހުޅަނގު ދެކުނު ކަނާ ދިމާލުން ބާގަނޑެއް ހެދުމަށްޓަކައި އެއްޗެއް ގޮއްވާލައިފަ އެވެ. އެ ބާގަނޑުން ހަނގުރާމަވެރިން ވަނަނުދިނުމަށްޓަކައި އޭނާ ވަގުތުން ބަޑި ޖަހަން ފެށި އެވެ.

ނަމަވެސް، އެފަދަ ހަމަލާތަކަށް ކުރިމަތިލައިގެން މާގިނައިރު ތިބެވޭނެ ކަމަށް ނުފެންނާތީ އާއި ލިބެން ހުރި ހަތިޔާރާއި ވަޒަނަށް ބަލާއިރު ބޭރުގެ އެހީ ކޮންމެހެން ބޭނުންވާނެ ކަމަށް ފެންނާތީ، ސްރީ ލަންކާގައި ހުންނަވާ އެމެރިކާގެ ޑިފެންސް އެޓާޗޭއާ ގުޅަން މޭޖާ އާދަމް ޒާހިރު އަށް މޫސާ ޖަލީލް ލަފާ ދެއްވި އެވެ. އެޓާޗޭގެ ނަމްބަރު ޒާހިރުގެ ހަނދާނުގައި ނެތް ކަމަށް ވިދާޅުވުމުން، މޫސާ ޖަލީލް ވަޑައިގެން އޭނާގެ އަތަށް އެޓާޗޭ ދެއްވާފައިވާ ވިޒިޓިން ކާޑު އާދަމް ޒާހިރާ ހަވާލުކުރެއްވި އެވެ.

ނޮވެމްބަރު 3 ގެ ހަމަލާއިން ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގެ ސަލާމަތީ ކަންކަން ސިފައިން ބަލަހައްޓަނީ.

އެހީއެއް ލިބެންދެން ވެސް ބާގަނޑު ވަރުގަދަ އަށް ދިފާއު ކުރަން ޖެހޭނެތީވެ، މޫސާ ޖަލީލް އެދިވަޑައިގަތީ މޭޖާ ޝައުކަތު އިބްރާހީމް (ހަބަރު ޝައުކަތު) އެތަނުގައި ހުރެގެން ބާގަނޑަށް މީހުން ޑިޕްލޯއިކޮށް، ހަތިޔާރާއި ވަޒަން ހަވާލުކުރުމަށެވެ. އެގޮތަށް އެދިވަޑައިގަތީ ފެންޑާ އިން ބަޑިގުދަނަށް ފޮނުވަމުން ދިޔަ ސިފައިން ހަތިޔާރު ހިފައިގެން ދިއުމުން ފަސްޖެހި، ގުދަން ކައިރީ ފުނިޖެހެމުންދާތީވެ، އެކަން ހައްލުކުރުމަށްޓަކައި އިސް އޮފިސަރަކު ހުންނެވުން ރަނގަޅު ކަމަށް މޫސާ ޖަލީލަށް ފެނިވަޑައިގަތުމުންނެވެ.

އެކަން ހަމަޔަކަށް އެޅުވުމަށް ފަހު، އޭނާ ދެން އަވަސްވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ މައުމޫން އަބްދުލްގައްޔޫމާއި ސިފައިންގެ ވެރިޔާގެ ނާއިބު އިލްޔާސް އިބްރާހީމްގެ ހާލު ބެއްލެވުމަށެވެ. އޭރު ސިފައިންގެ ތެރޭގައި ފެތުރިފައި އޮތީ އަންހެނުންނާއި ކުޑަކުދިން ހިފައި ހައްޔަރުކޮށް، ފިރިހެނުން އެއްތަންކޮށް ބާރުގެ ދަށަށް ގެންނަން ދުޝްމަނުން މަސައްކަތްކުރާ ކަމުގެ ޚަބަރެކެވެ.

މޫސާ ޖަލީލަށް އޮތް ބިރަކީ ވަރަށް ކުޑަ ތަންކޮޅަކަށް ވެފައި، އާއްމު ރައްޔިތުންނަކީ މިފަދަ ބިރުވެރިކަމެއް ދުވަހަކު ވެސް ދެކެފައި ނުވާ ބަޔަކަށްވެފައި ދެ މީހުންގެ ބޮލަށް ބަޑިޖަހާފައި ތިން ވަނަ މީހާ ކައިރީގައި ސިފައިންގެ ވެރިޔާ ނުވަތަ ވެރިޔާގެ ނާއިބު ވީ ތަނެއްގެ ވާހަކައިން ސުވާލުކޮށްފި ނަމަ އެނގި ހުރި ވަރެއް ބުނެފާނެ ކަމުގެ ހާސްކަމެވެ. އާއްމު މީހެއްގެ އަތުން ގަދަކަމުން މައުލޫމާތު ހޯދައި މައުމޫނާއި އިލްޔާސް ހައްޔަރުކޮށް، އެ ބޭފުޅުންގެ ކަވަރުގައި ދުޝްމަނުން ސިފައިންގެ އަށް ވަނުމަށް މަސައްކަތް ކޮށްފާނެތީ އެކަމާ ވެސް ވިސްނެވި އެވެ. އެ ހުރިހާ ކަމަކާ އެކު، އަދި ދުޝްމަނުން ހަމަލާ ދެމުން އަންނަތާ ހަތަރު ގަޑިއިރު ވީ އިރު ވެސް، އެއްވެސް ވަރަކަށް މައިތިރިކުރެވިފައި ނުވުމުން މޫސާ ޖަލީލަށް ފެނިވަޑައިގަތީ ދުޝްމަނުންނަށް ހަމަލާދޭނެ ބަޔަކު ސިފައިންގެ ތެރެއިން މަގުމައްޗަށް ނެރެންވެއްޖެ ކަމެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ހަމަލަދިން މީހުންގެ ތެރޭގައި ހިމެނޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ.

މޭޖާ މުހައްމަދު ޒާހިރާ ދިމާވުމުން އެ ހިޔާލު ދެއްވައި މޫސާ ޖަލީލް ވިދާޅުވީ ބޭރަށް ނުކުންނަން އޭނާ ވޮލަންޓިއާ ކުރައްވާ ކަމަށެވެ. މުހައްމަދު ޒާހިރު އެކަމަށް ތާއީދު ކުރައްވައި އެދިވަޑައިގަތީ ބަހެއްގައި ނުކުތުމަށެވެ. އެކަމަކު މޫސާ ޖަލީލަށް އެ ހިޔާލު ކަމަކު ނުދިޔަ އެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ދުޝްމަނުން ރަށަށް އެރިތާ ފަސް ގަޑިއިރު ވުމާ އެކު، އެ މީހުން މިހާރު ތިބޭނީ ހަނގުރާމަވެރި މަގާމުތަކުގަ އެވެ. މަގު ހުރަސްވާ ގޮތަށް ބެރިކޭޑްތައް ވެސް ހުންނާނީ ޖަހައިފަ އެވެ. އެހެންވެ، ބަހެއްގައި ނުކުތުން ރައްކާތެރި ނުވާނެ ކަމަށް މޫސާ ޖަލީލް ލަފާ ދެއްވި އެވެ. އެކަމަކު މުހައްމަދު ޒާހިރު އެކަމަށް ތަރުހީބު ނުދެއްވައި، ވިދާޅުވީ ދެ ބަހުގައި ނުކުންނާނީ ކަމަށާއި ފުރަތަމަ ބަހުގައި މޫސާ ޖަލީލުގެ ގޮސް ޚަބަރު ބައްލަވާފައި އެނބުރި ވަޑައިގަތުމުން، ދެ ވަނަ ބަސް ނެރޭނީ ކަމަށެވެ.

ވަށައިގެން ހަމަލާދެމުން ދާއިރު، ބަހެއްގައި ނުކުތުން އެއީ ކިތަންމެ ނުރައްކާތެރި ކަމެއް ކަމުގައި ވިޔަސް އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކޮށްދެވިދާނެ ކިތަންމެ ކުޑަ ނަމަވެސް ކަމެއް އޮވެދާނެތީވެ، މޫސާ ޖަލީލް ބަސް ދުއްވާނެ މީހަކު ހޯދަން މަސައްކަތް ފެއްޓެވި އެވެ. މީހުން ހަމަކޮށްގެން ބަޑިގުދަނަށް މޫސާ ޖަލީލް ވަޑައިގެންނެވިއިރު، ޒާހިރު ގެންދެވީ ޕީކޭއެމް މެޝިން ބަޑިއަކަށް ވަޒަން ފީތާއެއް ލޯޑުކުރަމުންނެވެ.

އެއީ އޭރު ރާއްޖެ އަށް އާ ވައްތަރެއްގެ ބަޑިއަކަށް ވާތީ، އޭގެ ތަމްރީން އެއްވެސް ބަޔަކަށް ލިބިފައި ނެތުމުން މޫސާ ޖަލީލް އެދިވަޑައިގަތީ ބެލްޖިއަމް ޖީޕީއެމްޖީ ބަޑި ގެންދާށެވެ. އެކަމަކު މުހައްމަދު ޒާހިރު ވިދާޅުވީ އޭނާ ވެސް ބަހުގައި ނުކުންނަވާނެ ކަމަށާއި އެހެންވެ އެ ބަޑި ރަނގަޅުވާނެ ކަމަށެވެ.

ނޮވެމްބަރު 3 ގެ ހަމަލާއިން ދިވެހިންނަށް ނަސްރު ހޯދައި ދިނުމަށް އަމަލީ ގޮތުން އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވި މޫސާ ޖަލީލް.

ބޭރަށް ނުކުތުމުގެ ކުރިން ބަހުގެ ފަހަތުގައި ހިލަ ބަސްތާ ޖަހަން އުޅެނިކޮށް، މުހައްމަދު ޒާހިރަށް، އިލްޔާސް ގުޅުއްވައި ވިދާޅުވީ އޭނާ ސިފައިންގޭގައި މަޑުކުރައްވައި، މޫސާ ޖަލީލާއި ބިލާލު އާދަމްމަނިކު ބޭރަށް ފޮނުވުމަށެވެ. ބަހުގައި ބޭރަށް ނުކުންނަން އުޅޭކަން ހަނގުރާމަވެރިންނަށް އެނގިގެން މޯޓަރު ބަޑިން ހަމަލާދީ ސިފައިންގޭގެ ގޭޓު ހަލާކުކޮށްލި އެވެ. ދެން ވިސްނީ ޓްރެކްޓަރެއްގެ ބޯބުރިއާ ގޭޓު އައްސައި، ޓްރެކްޓަރު ފަހަތަށް ޖައްސާލައިގެން ގޭޓު ނައްޓާލާށެވެ. އެކަމަކު ޓްރެކްޓަރުގެ ޑްރައިވަރަށް ހެދުނު ގޮތަކުން އޭތި ގޭޓަށް އަރައި ތާށިވި އެވެ. އެ ވަގުތު ބޭރުން އެއްލި މޯޓަރު ބޮންތަކެއް ގޮވައި، ސިފައިންގެ ދެ މީހުން ޒަހަމްވި އެވެ. ޕްރައިވެޓް އަބްދުއްނާސިރުގެ އަތުން ލޭ އަންނަލެއް ގިނަކަމުން ލޭ ހުސްވެދާނެ ކަމުގެ ބިރަށް މޫސާ ޖަލީލް އޭނާގެ ޔުނިފޯމުގެ ނާޑުވާ ފަށުން އެއްސި އެވެ.

ގޭޓު ނުހުޅުވުމުން ފައިމަގުގައި ނުކުންނަވަން ގަސްދު ކުރައްވައި، އެ ވާހަކަ މުހައްމަދު ޒާހިރަށް ދެންނެވުމަށް ފަހު، މޫސާ ޖަލީލް މަސައްކަތް ކުރެއްވީ ވޮލަންޓިއާ ކުރާނެ މީހުން ހޯއްދެވުމަށެވެ. އަދި 10 މީހުން ހަމަކޮށް ކޮންމެ މީހަކަށް އޭކޭ-48 ރައިފަލަކާއި ހަތް މެގަޒިން ދިނުމަށް ފަހު ޓެސްޓްކުރަން ވަޔަށް ބަޑި ޖެހުމަށް ފަހު، ނުކުންނަން ތައްޔާރުވި އެވެ.

ދެން އައީ ވަރަށް ޖަޒުބާތީ ވަގުތު ކޮޅެކެވެ. މޫސާ ޖަލީލަށް އެންމެ ބޮޑަށް ހިތްވަރު ދެއްވީ މޭޖަ މޫސާ އުމަރު (ހުޅުލޭ މޫސަ) އެވެ. މުހައްމަދު ޒާހިރު ވެސް މޫސާ ޖަލީލުގެ ގައިގައި ބައްދައި ވަރަށް ހިތްވަރު ކުރުމަށް ނަސޭހަތް ދެއްވި އެވެ. އެކަމަކު ފުލުސް އޮފީހުގެ ގޭޓު ކައިރިން އިތުރަށް ކުރިއަށް ވަޑައިގަތުމަށް މޫސާ ޖަލީލަށް އޭނާގެ ސިކުނޑި ހުރަސް އެޅީ އެއީ އެ ދުވަހު ހެނދުނު އޭނާ އަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ދިން ތަނަކަށް ވާތީ އެވެ. އެކަމަކު ހިތްވަރު ކުރައްވައި، މާތްﷲ އަށް ވަކީލު ކުރައްވައި ނުކުމެވަޑައިގަތެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ހަމަލާގައި ޝަހީދުވި ސިފައިން.

އޭނާގެ ލީޑަރުކަމުގެ ދަށުން ނުކުތް 10 މީހުންގެ ގްރޫޕުން ދޭން ފެށި ހަމަލާތަކާ އެކު، ދުޝްމަނުންގެ ގިނަ ހަނގުރާމަވެރިން ފަހަތަށް ޖެއްސި އެ ސަރަހައްދުން އެ މީހުންގެ ބާރުކަނޑުވާލެވުނެވެ. އެކަމަކު ދުޝްމަނުންގެ ހަމަލާތަކެއް އަރައި ޕްރައިވެޓް މުހައްމަދު ހަސަން އާއި ލާންސްކޯޕްރަލް އާދަމް ނަސީރު (ޝޭޑީ) އަދި ޕްރައިވެޓް މުހައްމަދު އިބްރާހީމް (މެކާނޯ) ޝަހީދުވި އެވެ. އަދި އަބްދުﷲ މުފީދުގެ ބަޑި، ދުޝްމަނުންގެ ކިލިން ޒޯނަށް ވެއްޓުމުން، އޭނާ ހުކުރު މިސްކިތުގެ ތެރެއަށް ދޫކޮށްލަން ޖެހުނެވެ.

އެ ގްރޫޕުގެ ބާކީ ހަތް މެމްބަރުން އެނބުރި ސިފައިންގެ އަށް ވަނީ އެ މަރުކަޒުގެ އިރުމަތިންނާއި ދެކުނުން ދުޝްމަނުން ފަހަތަށް ޖައްސާލައި، އަދި ބޭރުގައި މަރަށް ތެޅިތެޅި އޮތް ޕްރައިވެޓް އަހުމަދު ބުޝްރީ އާއި ޑިފެންސް ގޭޓުގައި ފޯރިމަރަން ހުރި ޕްރައިވެޓް މުހައްމަދު އަބޫބަކުރު ސަލާމަތް ކޮށްގެންނެވެ. އެ ވަގުތު ފުލުސް އޮފީހުގެ މަތީބައިގައި ތިބި ސިފައިން ޖަހަން ފެށި ބަޑި އެ މީހުންގެ ގަޔަށް ނޭރީ ކިރިޔާ އެވެ. އެތެރެއަށް ވަދެ، އަލުން ނުކުންނަން މުހައްމަދު ޒާހިރު ގާތު މޫސާ ޖަލީލް އެދިވަޑައިގަތުމުން، އޭރު ފޯނުން ގުޅުއްވައިގެން ހުންނެވި މައުމޫން ލަފާދެއްވީ ގިނަ ބަޔަކު ޝަހީދުވެފައިވާތީ އިތުރު ބަޔަކު އެހާ އަވަހަށް ނުނެރެވުމަށެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ސިފައިންގެ މައި މަރުކަޒުގޭ ގޭޓަށް ވަޒަން އަރައި ހަލާކުވެފައިވާއިރު ސިފައިން އެ ތަނުގައި ހަރަކާތްތެރިވަނީ.

އެކުގައި ނުކުތް ތިން މީހަކު ޝަހީދުވުމުން ހިތްވަރު ދެރަވެފައި ހުރި އެ ވަގުތު މޫސާ ޖަލީލަށް ހިތްވަރެއް ލިބިވަޑައިގަތީ ސިފައިންގެ އަށް ވަދެވަޑައިނުގެންނެވިގެން، މ. ބަގީޗާގޭ ހިސާބުގައި ތާށިވެފައި ހުންނެވި ޑިރެކްޓަ ޖެނެރަލް އޮފް ނޭޝަނަލް ސެކިއުރިޓީ މޭޖާ އަންބަރީ އަބްދުއްސައްތާރު ގުޅުއްވައި ހިތްވަރު ދެއްވުމުންނެވެ.

މޫސާ ޖަލީލް ދެން މަސައްކަތް ކުރެއްވީ ސިފައިންގޭގެ އެތެރެ އަނެއްކާ ހަމަޔަށް އެޅުވުމަށެވެ. ދުޝްމަނުން ގޮއްވާލި ބާގަނޑު ބެއްދުމަށްޓަކައި ސްޓާފް ސާޖެންޓް ހަބަރު ދޮންމަނިކާ ދެ މީހުން ވެގެން ދަގަނޑު ފިލައެއް ފާރުގައި ލައްގައި އޭގައި ވެލިބަސްތާ ޖެއްސި އެވެ. ކޮމިއުނިކޭޝަން ސަރަހައްދާއި ފެންޑާތަކުގެ ބިއްދޮށުގައި ތާނގީ ޖައްސައި އެ އަށް ވެލި އަޅައި ފުރާލި އެވެ.

އެތަންތަނުގައި ބަޑިއާ އެކު، ސިފައިން ބޭތިއްބި ނަމަވެސް ފަހުން ބެލިއިރު ގިނަ މީހުން ތިބީ މަގާމު ދޫކޮށް އެނދު ސެޓްތަކުގެ ދަށުގައި ސީލިން އަށް ބަޑި އަމާޒުކޮށްގެންނެވެ. އެހެން ތިބޭއިރު ބަޑިޖަހާ އަޑުއިވުމާ އެކު، ސިހިގެން ގޮސް އަމާޒެއް ނެތި ބަޑި ޖަހަން ފަށައި އެތައް މެގަޒިނެއް ބޭކާރުވި އެވެ. މޫސާ ޖަލީލް ދެން މަސައްކަތްކުރީ އެ އެންމެން އަލުން މަގާމުތަކަށް ޑިޕްލޯއީކޮށް މެގަޒިން ފޯރުކޮށްދިނުމަށެވެ.

އިރުއޮއްސެން ދަނިކޮށް މޫސާ ޖަލީލަށް ލިބިވަޑައިގަތީ އިންޑިއާ ސިފައިން މަތިންދާބޯޓެއްގައި ރާއްޖެ އަންނަ ޚަބަރެވެ. އެ ވާހަކަ އިވިވަޑައިގަތުމާ އެކު މޫސާ ޖަލީލުގެ ހިތްވަރު އާވެ، އެ ޚަބަރު އެހެން ސިފައިންނަށް ވެސް ދެއްވި އެވެ. އެކަމަކު މަތިންދާބޯޓެއްގެ އަޑުއިވި، އެ ބޯޓު ނުޖައްސައި ދިޔަ ޚަބަރު ލިބިވަޑައިގަތުމުން، ހާސްވެ ކަންބޮޑުވެވަޑައިގަތެވެ. އަނެއްކޮޅުން ފައިގައި އަޅަމުންދިޔަ ވޭން ދިޔައީ ބޮޑުވަމުންނެވެ. އެކަމަކު މޫސާ ޖަލީލް ބެއްލެވީ ވާޖިބު އަދާކުރެއްވޭތޯ އެވެ.

އެރޭ ނުވައެއް ޖަހާ ބޮޑުވެފައިވަނިކޮށް ދުޝްމަނުން ނާކާމިޔާބުވެއްޖެކަން ޔަގީންވުމުން އާގުބޯޓެއް ހޯދައި، ވަރަށް ގިނަ ރަހީނުން ގޮވައިގެން މާލެން ފުރައިފަ އެވެ. އެ ވަގުތު އިންޑިއާ ސިފައިން ގޮވައިގެން އައި މަތިންދާބޯޓު ހުޅުލޭގައި ޖައްސައިފަ އެވެ. އޭރު ދިވެހި ސިފައިން ވަނީ އެއްކޮށް ކޮންޓްރޯލް ނަގައިފަ އެވެ. އިންޑިއާ ސިފައިން އައުމުން އެ މީހުންނަށް މަރުހަބާ ކިޔަން މޫސާ ޖަލީލް ހިމެނޭހެން ވަރަށް ގިނަ ސިފައިން ބަންޑާރަކޮށީގެ ގޭޓުކައިރިއަށް ނުކުތެވެ. އެ ވަގުތު މޫސާ ޖަލީލަށް ފެނިވަޑައިގަތީ، ސިފައިންގެ އަށް އެ ދުވަހު ފަތިހު އެރި ހަމަލާތައް ދިފާއުކުރަން އެންމެ ފުރަތަމަ ބަޑި ޖެހި ބަތަލު ހުސެއިން އާދަމް ޝަހީދުވެގެން ވެއްޓުނު ގޮތަށް ހަރުދަނޑިވެފައި އޮއްވަ އެވެ. އެއީ މޫސާ ޖަލީލަށް ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނު ވަގުތަކަށެވެ.

މީގެ 36 އަހަރު ކުރިން މި ދުވަހު ރާއްޖެ އަށް ކުރިމަތިވި ނުރައްކާތެރި އެ ހަމަލާ އިން ސިފައިންގެ ދިފާއުކުރުމަށް މޫސާ ޖަލީލް ދެއްކެވީ އާދަޔާހިލާފު ލީޑާޝިޕެވެ. އާދަޔާ ހިލާފު ކެރުމެކެވެ. އަދި އާދަޔާ ހިލާފު ހިތްވަރެއް ވެސް މެ އެވެ. އުމުރުގެ ގޮތުންނާއި މަގާމުގެ ގޮތުން ވެސް އޭނާ އަށް އެ ދުވަހު ސަފުގެ ފަހަތުގައި ހުރެވިދާނެ އެވެ. އެކަމަކު ދީނާއި ގައުމާއި ރައްޔިތުންގެ ދިފާއުގައި އޭނާ ހުރީ އެންމެ ކުރީގަ އެވެ. މިރޭ އޭނާ އަށް ދިވެހި ސަރުކާރުން ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އެރުވުމަކީ އެކަމުގެ ވަރުގަދަ ހެއްކެކެވެ.

އެޑިޓަރުގެ ނޯޓް:

މިއީ ނޮވެމްބަރު ތިނެއްގެ ހާދިސާއާ ގުޅޭގޮތުން މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް 1993 ވަނަ އަހަރު ލިޔުއްވި އޭނާގެ ޑައިރީ "އެ ދުވަސްތައް މާޒީވެ ދިޔަސް އެ ހަނދާންތައް ފޮހެވިގެންނެތް ނުދެ އެވެ" އަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބޭނުންކޮށްފައިވަނީ އޭރު އެ ބޭފުޅުން ތިއްބެވި މަގާމުތަކެވެ.

17 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 11%
icon angry icon angry 0%
icon wow icon wow 5%
icon inlove icon inlove 79%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސް

05 November 2024

އިސްލާމީ މަރުކަޒަށް އަރާފައިވާ ވަޒަންތައް އެއީ ކޮންބައެއް ޖެހި ބަޑިއެއްގެ ވަޒަނެއްބާ؟ ހުސެން އާދަމް ކުރި ހިތްވަރަށް އައްސަރިބަހާ ސާބަސް. ހުސެން އާދަމް ޝަހީދު ވެފައިވަނީ އޭރު ސިފައިންގެ (ބަނޑޭރިގެ) ގޭޓް ޕޯސްޓަށް ބޭރުން ވަދެވޭ ގޮތަށް ހުރީމަ. އެތެރެއިން ޕޯސްޓަށް ވަދެ ނިކުމެވޭ ގޮތަށް ހުރިނަމަ އިތުރަށް ވަރުގަދަކޮށް ހަމަލާ ދިނުމުގައި ހުސެން އާދަމް ހުންނާނެކަން ޝައްކެއްނެތް މިންވަރަށް ޔަޤީން. މޫސާ އަލީ ޖަލީލް ދެއްކެވީ ނަމުނާ ހިތްވަރެއް. ސާބަސް.

The name is already taken The name is available. Register?

ކަލަމިިންޖާ

03 November 2024

މަޑުމައިތިރި ޚުލްގުހެޔޮ ފަހުލަވާނެއް ރިޓިޔާޑް މޭޖަރ ޖެނަރަލް މޫސާ އަލީ ޖަލީލަކީ. ލިބިފާހުރި މަޝްހޫރުކަމާ މެޑަލްތަކުގެ ކުރިމަތީގާ ހިތްތިރިކަން އިސްކުރި އިންސާނެއް އެއީ.

The name is already taken The name is available. Register?

ނަސްރުގެ

03 November 2024

މާބޮޑު ޝައުގެއް ެތް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 November 2024

ބިލާލޭ އެދުވަހު އެހާ ޙަރަކާތްތެރިތޯ؟! ޗީފް އޮފް ކޮމާންޑާއި، ވަޒީރުގެ ލަފާނެތި އެމަރިކާގެ ޑިފެންސް އެޓާރޗޭ އަށް ގުޅައިގެން އެހީހޯދީ ކީއްވެ ކޮން އުސޫލަކުން!؟ ޕެސެންޖަރ ބަހެއްގައި ބަނޑި ހިފައިގެން ތިބިބައެއްގެ ކުރިމައްޗަށް ނިކުތީ ރަނގަޅަށްތޯ!؟ ގޭޓްގައި ޓްރަކް ޖައްސާ ގޭޓް ވައްޓާލަން އުޅުމުންތޯ ގޭޓް ހަލާކުވީ ނުވަތަ ނޫންތޯ!؟ ލިއުމުގެ 14 ވަނަ ޕެރަޤްރާފުގައި ހުރީ އެކަން ހިގިގޮތުގެ ޙަޤީގީ ތެދު މައުލޫމާތުތޯ!؟ ފެންނާން އެހުރީ ހުސެން އާދަން ހުންނެވި ގޮޅިތޯ!؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 November 2024

އެދުވަހު މާލެއެރި ސިފައިން ހަތިޔާރާއިއެކު ޤާއިމްވެތިބީ ސަޤަރުޕާކް ކަންމަތި (އޯކިޑްމަގު ފަރީދީމަގު ކަންމަތި) ގައި ހަތުޔާރާއިއެކުގައި. މޫސާއަލީ ޖަލީލު، ރާޝިދު ފިޔަވާ އެފަދަ ކުރިމަތިލުމަކަށް ނިކުތުމަށް ތައްޔާރުވެފައި ނެތް ބަޔަކު ގޮވައިގެން ނިކުތް އިރު މިދެންނެވި ކަންމަތީގައި ތިބި މީހުނަށް އެހެން އެންގަލަކުން ހަމަލާދީ ނިކުންނާން ތިބި މީހުނަށް ރައްކާތެރިކަން ހޯދާދިނުމަށް މަސައްކަތް ކުރަމުންތޯ ނިކުތީ!! ނޫންނަމަ ކީއްވެ އެކަން އެހެން ކުރީ!!

The name is already taken The name is available. Register?

ޑިއުޓީދޮންމަނިކު

03 November 2024

ބާގަނޑު ގޮއްވާލިއަޑަށް މެޝިންބަޑީގައިހުރި ދޮންމަނިކު ސިއްސައިގެންގޮސް އެދިމާލަށް ބަޑިއަނބުރާލެވުނުއިރު ބަޑީގެ ޓްރިގާއަށް އިނީ ފިތިފައެވެ. ވަޒަން ހުސްވިއިރުވެސް ގަތްބިރުންނާއި ލިބުނުސިހުމުގެ ބޮޑުކަމުން ޓްރިގާއިން ދޫކޮށްލަން ހަނދާންނެތިފައެވެ. އިންޑިއާސިފައިން މާލޭގައި އެއްމެފުރަތަމަ ފައިބީއްސާލީ މިހާރުގެ ސޯޝަލްސެންޓަރާ ދިމާލުންތޮށިމައްޗަށެވެ. ހަމަވަގުތުން އެދިމާލަށް އެހެލާފައިހުރި އޮޑިދޯނިފަހަރުތަކުގެ ނިވަލަށް އިންޑިއާސިފައިން ދެމިގަތެވެ.

The name is already taken The name is available. Register?

ޢަލީ ކުރުސީ

03 November 2024

މާރިޔާ ކިޔާލަން ރަގަޅު ލިޔުމެއް މިއީ! އެކަމަނާ ފިނދަނަ ތަކެއްގޮތަށް ސިފަކުރި ސިފައިން މިއީ! ދުވަހަކުވެސް މިފަދަ ކަމެއް ތަޖްރިބާކޮށްފައި ނެއްބަޔެއް ހަނގުރާމައިގެ ތަޖްރިބާ ހުރި ގެރިއްލާ އިންނާ ކުރިމަތިލާ ކާމިޔާބުހޯދި މިފަދަ ބަތަލުންނަށް ފުރައްސާރަ ކުރި މީހުންނާއި ސިފައިންގޭގެ ޗާޓު ކުރަހާ ޚާއިންނާއި ހަވާލުކުރި މީހުންނަށް އެމް.ޑީ.ޕީ އިން ޑިފެންސްް މިނިސްޓްރީ ހަވާލުކުރީ! މިއީ އެމީހުން އަދިވެސް ބާޣީންނަށާއި އެދުވަހުގެ އުދުވާނަށް ތާއީދު ކުރާތީ!

The name is already taken The name is available. Register?

ނިބިހޫރު.

03 November 2024

އެބޭފުޅާ ބުނާނީ އަވަހަށް އަމާންދޭން. އިންޑިޔާވެސް ބޭނުން އިރަކު ހިފައިފާނޭބުނީވެސް އެބޭޅާ. ދީނާއި ވަތަނަށްޓަކައި ހަށިފޮޅަައި ނުކުންނަންމިތިބީ ތައްޔާރުގައި. މާރިޔާ ކަހަލަ ފިނޑިންނެއް ނޫންމީކި މަރަށްބިރުން އަޅުވެތިވަާކަށް.

The name is already taken The name is available. Register?

ހުސެންސްކި

03 November 2024

ޝަހީދު ކޯޕްރަލް ހުސައިން އާދަމުގެ މި މަތިވެރި ޚިދުމަތުގެ އަގު ދައުލަތުން ވަޒަންކުރައްވައި މޭޖަރ ރޭނކު ނުދަެންވީނސަބަބއެ ނެތް.. މާލެ ބޭފުޅަކަށް ނުވާތީތޯ؟

The name is already taken The name is available. Register?

ތަފްސީލ

03 November 2024

ގައުމަށްޓަކައި ގުރުބާންވި ބަތަލަށް ކޯޕްރަލް ރޭންކް، ވިސްނާލަންޖެހޭ ކަމެއް،

The name is already taken The name is available. Register?

އެދުރު1

03 November 2024

މިދިޔަ ވެރިކަމުގައި ވަކި ޤައުމެއްގެ ބަނޑު ދަށަށް ރާއްޖޭގެ މުހިންމު ހުރިހާ ކަމެއް ފުރޮޅައިލާން ދެއްކި ވާހަކައަކީ ނޮވެމްބަރ 3 ގެ ހަމަލާއިން ސަލާމަތް ކޮށްދިނީ އެމީހުންނޭ އެކަމަކު ހަޤީޤަތަކީ “ އިންޑިއާ ސިފައިން ގޮވައިގެން އައި މަތިންދާބޯޓު ހުޅުލޭގައި ޖައްސައިފަ އެވެ. އޭރު ދިވެހި ސިފައިން ވަނީ އެއްކޮށް ކޮންޓްރޯލް ނަގައިފަ އެވެ. ”

The name is already taken The name is available. Register?

ހުސެއިން އާދަމް

03 November 2024

ޝަހީދު ކޯޕްރަލް ހުސައިން އާދަމް އަށް އޮނަރަރީ ޖެނެރަލް ކަން އަރުވާ ދައުލަތުން އެ ދަރީގެ މައިންބަފައިންނަށް ހައްގު އިއްޒަތާއި ގަދަރު ދޭން ޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454