އެޓަލާންޓާގެ ފޯވާޑް ލުކްމަން؛ އޭނާ ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައިފަ.-- ފޮޓޯ: އޭއެފްޕީ
04 ނޮވެމްބަރ 2024 - 11:01
ނޭޕްލްސް (ނޮވެމްބަރު 4) - އެޓަލާންޓާއިން އަންނަނީ އެ ޓީމާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމެއް ބިރު ގަންނަވާލައި ކުޅެން ޖެހިލުންވާ ވަރު ކުރަމުން ކަމަށާއި ނަޕޯލީއަށް ވެސް ވީ އެހެން ކަމަށް، ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ކޮންޓޭގެ ނަޕޯލީގެ މައްޗަށް، އެޓަލާންޓާއިން ރޭ މޮޅުވީ 3-0 ންނެވެ. އެއްވަނައިގައި އޮތް ނަޕޯލީ ބަލިވުމުން، އެ ޓީމުގެ އަތުގައި އޮތް ފަރަގު ވަނީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ.
އޭނާ ބުނީ އެހެން ޓީމުތައް ކުޅެން ޖެހިލުވުން އެއީ އެޓަލާންޓާގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އެހެން ޓީމުތަކުން އެކަން ނަމޫނާ އަކަށް ނަގަން ޖެހޭ ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.
ދިހަ ގޯލު ޖަހައިގެން ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް އެޓަލާންޓާ އަށް ކުޅެމުން އަންނަ މަޓެއޯ ރެޓޭގީ ފުރަތަމަ 11 ގައި ނުހިމެނުނު ނަމަވެސް، ނައިޖީރިއާގެ އަޑެމޯލާ ލުކްމަން ވަނީ ރޭގައި ދެ ގޯލު ޖަހައިފަ އެވެ.
ފަހު 15 މިނިޓަށް ކުޅެން ނުކުމެ ރަޓޭގީ ވަނީ، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލީގުގައި އޭނާގެ 11 ވަނަ ގޯލު ކާމިޔާބު ކޮށްފަ އެވެ.
ނަޕޯލީ އަށް ކުޅެމުން އަންނަ ރޮމެލޫ ލުކާކޫ އާއު ސްކޮޓް މެކްޓޮމިނޭ އަދި ޑޭވިޑް ޒަޕަކޮސްޓާ އާއި ސައީދު ކޮލާސިނެކް އަށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.
ނަޕޯލީ ވަނީ މިދިޔަ ހަފްތާ އޭސީ މިލާނާ ވާދަކޮށް 2-0 އިން މޮޅުވެފަ އެވެ. އެޓީމަށް ދެން އޮތީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.
ލީގުގެ ދެވަނައިގައި އޮތް އިންޓަ މިލާން ވަނީ ރޭ ވެނީޒިއާއާ ވާދަކޮށް 1-0 އިން މޮޅުވެފަ އެވެ. ދެވަނަ ހާފުގައި އިންޓަ ގެ ހަމައެކަނި ގޯލު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ.
އިންޓަ މޮޅުވި ނަމަވެސް، އެއްވަނައިގައި އަދި ވެސް އޮތީ މިހާތަނަށް ކުޅުނު 11 މެޗުން 25 ޕޮއިންޓް ހޯދާފައިވާ ނަޕޯލީ އެވެ. ރޭގެ މޮޅާ އެކު އިންޓަ އަށް ވަނީ 11 މެޗުން 24 ޕޮއިންޓް ހަމަކުރެވިފަ އެވެ.
ލީގުގެ ތިންވަނައިގައި އޮތް އެޓަލާންޓާ އާއި ހަތަރުވަނައިގައި އޮތް ފިއޮރެންޓީނާ އަށް ވެސް ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް އޮތީ 21 ޕޮއިންޓާ އެކު ތާވަލްގެ ފަސްވަނައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy