ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އަދި ސެންޓްރަލް ފޮރިން އެފެއާޒް ކޮމިޝަންގެ އޮފީހުގެ ޑިރެކްޓަރު ވަންގް ޔީ (މ) އާއި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ޝަމްޚާނީ (ކ) އަދި ސައުދީގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު: އީރާނާއި ސައޫދީގެ ގުޅުން ބަދަހިކުރަން ފަށާފައިވަނީ މި ބައްދަލުވުމަށް ފަހު.
11 ނޮވެމްބަރ 2024 - 06:33
އީރާނުގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރުމަށް ސައުދީ އަސްކަރިއްޔާގެ އިސް އޮފިޝަލަކު އަންނަ އާދީއްތަ ދުވަހު ތެހެރާނަށް ވަޑައިގަންނަވާނެ ކަމަށް ސައުދީގެ ރަސްމީ މީޑިއާއިން ބުނެފި އެވެ.
"ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ފައްޔާދު އަލް ރުވައިލީ އާދީއްތަ ދުވަހު އީރާނަށް ވަޑައިގަންނަވާނީ އަސްކަރިއްޔާގެ މަތީ ފެންވަރުގެ ވަފުދެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި،" ތަސްނީމް ނިއުސް އެޖެންސީން ބުންޏެވެ.
އީރާނުގެ ފޮރިން މިނިސްޓަރު މުހައްމަދު ބަގޭރީއާ މި ވަފުދު ބައްދަލުކުރާނެ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް "ދިފާއީ ގުޅުން" ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޣީރީ ވަނީ ސައުދީ އަރަބިއްޔާއާ އެކު އަސްކަރީ ގުޅުން ބަދަހިކުރަން ބޭނުންވާކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސައުދީ ޑިފެންސް މިނިސްޓަރާ ފޯނުން ގުޅުއްވައި ދަންނަވައިފަ އެވެ.
ޝީއީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އީރާނާއި ސުންނީންގެ އަޣުލަބިއްޔަތު އޮންނަ ސައުދީ އަރަބިއްޔާއިން މިދިޔަ އަހަރުގެ މާޗް މަހު ވަނީ ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ބޭއްވި މަޝްވަރާތަކަށް ފަހު، ކުރިން ލަފާކުރެވިފައި ނުވާ ފަދަ ގޮތަކަށް ގުޅުން ބަދަހިކޮށްފަ އެވެ.
ސައޫދީން އީރާނާ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު، އީރާނުގައި ހުންނަ ސައުދީ ޑިޕްލޮމެޓިކް މިޝަންތަކަށް ދިން ހަމަލާތަކަށް ފަހުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯރުނުދޯރު
11 November 2024
ތި މަޝްވަރާތަކުގެ ނާރެސް ހުންނާނީ އެމެރިކާއާ ހުޅަނގު އަދި އިޒްރޭލުގެ ރުއްސުމުގެ މަތީގަކަން އެއީ ޔަގީންކުރެވޭ ކަމެއް. އީރާނާ ސައުދީއާ ދިފާއީގޮތުން ގުޅުނަސް ފަލަސްތީނު މައްސަލައިގަ ސައުދީން ހަނު ތިއްބަސް އީރާނުން ސައުދީއަށް އެއްވެސް ދުލެއް ނުދޭނެ.