އީރާނަށް ހަމަލާ ނުދީ ހައްލު ހޯދުމަށް ވާހަކަ ދެއްކުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވިސްނައިދިނީ ސައޫދީ، ގަތަރު އަދި އޮމާންގެ މަސައްކަތުން ކަމަށް ސައޫދީގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވެއްޖެ އެވެ. 

ގަލްފުގެ ގައުމެއްގެ އެހެން އިސް އޮފިޝަލަކު ވެސް ވަނީ މިކަން އޭއެފްޕީއަށް ކަށަވަރުކޮށްދީފަ އެވެ. 

ނަން ނުޖެހުމަށް ޝަރުތުކޮށް ސައޫދީ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގަލްފުގެ ތިން ގައުމުން ވަނީ ރަނގަޅު ނިޔަތް އޮތްކަން އީރާނަށް އަންގައި އެ ގައުމަށް ފުރުސަތު ދިނުމަށް ރައީސް ޓްރަމްޕަށް ވިސްނައިދިނުމަށް ޑިޕްލޮމެޓިކް ގޮތުން އެންމެ ފަހު ވަގުތު ވެސް މަސައްކަތް ކޮށްފަ އެވެ.

ޓްރަމްޕު އީރާނަށް ދެމުން ގެންދެވި އިންޒާރުތަކަށް ފަހު، ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކުން ބައެއް ސިފައިން އެހެން ތަނަކަށް ބަދަލުކޮށް، ސައުދީ އަރަބިއްޔާ އާއި ކުވައިތުގައި ހުންނަ އެމެރިކާގެ މިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރައްކާތެރިވެ ތިބުމަށް އޮތީ އެމެރިކާއިން އިލްތިމާސްކޮށްފަ އެވެ.

އީރާން ސަރުކާރާ ދެކޮޅު މުޒާހަރާތަކުގެ ބައިވެރިންނަށް އެހީވެ އެކަމުގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު އެމެރިކާއިން ކެނޑިނޭޅި ދެމުން ދިޔައިރު އީރާނުން ވަނީ އެފަދަ ހާލަތެއްގައި އީރާނުން ވެސް ރައްދު ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. 

އެމެރިކާގެ ވަރަށް ގިނަ އަސްކަރީ ބޭސްތަކާއި ވަސީލަތްތައް ގަލްފުގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވެ އެވެ. 

ޑިޕްލޮމެޓިކް ދެ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި ގޮތުގައި ގަތަރުގެ އަލް އުދައިދުގައި ހުންނަ އެމެރިކާގެ އެއާބޭސް އިން ސިފައިން މަދުކުރުމަށް ފަހު މިހާރު ވަނީ އެތަނުގެ  ސެކިއުރިޓީ ލެވެލް ދަށްކޮށްފަ އެވެ. އެހެން އޮފިޝަލަކު ވިދާޅުވީ އެ މަރުކަޒަށް އޮތް ނުރައްކަލުގެ ހާލަތު މިހާރު ކުޑަވެފައިވާ ކަމަށާއި އެހެންވެ މަތިންދާބޯޓުތައް ވެސް އެތަނަށް އަލުން ދަތުރުތައް ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެތަނުން ދިޔަ ސިފައިން ވެސް އެނބުރި އަންނަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. 

އީރާނަށް އިންޒާރު ދެމުން ގެންދެވުމަށް ފަހު ބުދަ ދުވަހު ޓްރަމްޕު ވަނީ އީރާނުން މުޒާހަރާގެ ބައިވެރިން މެރުން ހުއްޓާލާފައިވާ ކަމަށެވެ. ހަމަލާއާ މެދު ވިސްނާނީ ދެން ކަންތައް ބަދަލުވާ ގޮތަކުން ކަމަށް ވިދާޅުވި އެވެ. 

އޭއެފްޕީއާ ވާހަކަ ދެއްކެވި ސައޫދީގެ އޮފިޝަލް ވިދާޅުވީ ގަލްފުގެ ގައުމުތަކުން މަސައްކަތްކުރީ ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ހާލަތެއް ހުއްޓުވުމަށް ކަމަށެވެ. 

"އަޅުގަނޑުމެން އެމެރިކާއަށް ބުނަމުން ދިޔައީ އީރާނަށް ހަމަލާ ދީފި ނަމަ މުޅި ސަރަހައްދަށް އެތައް ގެއްލުމެއް ވެދާނެ ސިލްސިލާ ހަމަނުޖެހުންތަކެއް އަތުވެދާނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ. 

"އެތައް ރެއެއްގެ ނިދި ނަގާލައިގެން މި ހުއްޓުވުނީ މި ސަރަހައްދަށް ވެއްޓޭނެ އެތައް ބޮމެއް ... ލިބުނު ކުރިއެރުމާއި އިތުބާރު އަދި ހެޔޮ ނިޔަތުގެ ޔަގީންކަން އިތުރަށް ވަރުގަދަކުރުމަށް އަދިވެސް މި ގެންދަނީ ވާހަކަ ދައްކަމުން."

އެހެން އޮފިޝަލަކު ވިދާޅުވީ އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ވަސީލަތްތަކަށް ހަމަލާ ދީފި ނަމަ ގުޅުމަށް ކުރާނެ ނޭދެވޭ އަސަރުގެ މެސެޖު އީރާނަށް ވެސް ދީފައިވާ ކަމަށެވެ. -- އޭއެފްޕީ