ނޫސްވެރިން ކުރި ބޭއްވި މުޒާހަރާއެއް: މީޑިއާ ކޮމިޝަންގެ ބިލާ މެދު އައިއެފްޖޭއިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި --- ފޮޓޯ/މިހާރު
15 ނޮވެމްބަރ 2024 - 22:40
މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް އޮތްގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ނޫސްވެރިންނަށް ލިބިފައިވާ ފުރުސަތު ގެއްލިގެންދާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އިން ބުނެފި އެވެ.
އައިއެފްޖޭއާއި ރާއްޖޭގައި އެ ޔުނިއަން ތަމްސީލުކުރާ ޖަމިއްޔާ ކަމަށްވާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި މިއަދު ބުނީ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަކީ މީޑިއާގެ މިނިވަން ކަމަށާއި މީޑިއާ ރެގިއުލޭޝަނަށް އޮތް ބިރެއް ކަމަށެވެ.
އެއްވެސް ބަޔަކާ މަޝްވަރާ ކުރުމެއް ނެތި ހުށަހަޅާފައިވާ މި ބިލުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އޮންނަ ނޫސްވެރިންގެ މުހިންމު ދައުރު ނިގުޅައިގަތުމަށް މަގުފަހިވެގެން ދާނެ ކަމަށް އައިއެފްޖޭއިން ބުނެފައިވެ އެވެ. އަދި ޑިމޮކްރަސީ އާއި މީޑިއާގެ މިނިވަންކަމަށް އިހުތިރާމްކޮށް، އެ ބިލް އިސްލާހު ކުރުމަށް މީޑިއާގެ ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކާއެކު އަވަސް މަޝްވަރާތައް ފެށުމަށް އައިއެފްޖޭއިން ވަނީ ގޮވާލައިފަ އެެވެ.
އެމްޖޭއޭއިން ބުނީ މީޑިއާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި އިސްވެރިން ޖަވާބުދާރީ ކުރުވުން ހިމެނޭތީ މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ހައްގު އޮންނަން ޖެހޭނީ އިތުރު އެއްވެސް ބައެއްގެ ނުފޫޒެއް ނެތި، މީޑިއާތަކުން އެކަން ކުރެވޭނެ ގޮތެއްގައި ކަމަށެވެ.
މީގެ ކުރީގެ ސަރުކާރުތަކުގެ ނުފޫޒު މީޑިއާއަށް ކުރިމަތިވެ ރާއްޖޭގެ ބައެއް މީޑިއާތައް ބަންދު ކުރަންޖެހުނުކަން ފާހަގަކޮށް، މި ޖޮއިންޓް ސްޓޭޓްމެންޓުގައި ވަނީ އެ ބިލް ފާސްކޮށްފިނަމަ މީޑިއާގެ މިނިވަންކަން ގެއްލި މީގެ އެތައް އަހަރެއް ކުރީގެ ހާލަތަށް ގޮސްދާނެ ކަމަށެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އަމިއްލަ ގޮތުން ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ނަމުގައި ކޮމިޝަނެއް އުފައްދުމުގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވައިފަ އެވެ.
ބިލްގައިވާ ގޮތުން، ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ ކޮމިޝަނުގައި ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެކެވެ.
މީޑިއާ ތަމްސީލުކުރާ ތިން މެމްބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.
އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު، ބިލުގައި ދީފައިވަނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށެވެ.
އޭގެ އިތުރުން މީޑިއާތަކުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުއުމާން
16 November 2024
މިނިވަން ނޫސްވެރިކަން ކޮށްބަލަ މީހުންގެ ޒާތީ ކަންތަކާ ނުބެހި
ރާވެރިބެ
16 November 2024
މީހުންގެ އަބުރު ކަތިލާ ފިތުނަ އުފައްދާ ސަރުކާރު ވައްޓާލަން ގޮވީމަ އައިއެފްޖޭ ކީއްތޯ ކުރާނީ؟ މީ ބައެއް ނޫހޭ ކިޔާ މީޑިއާ ތަކުން އަމަލުކުރާ ގޮތް.
ޑައިޖިން
16 November 2024
މީޑިއާގެ ބިލް އޮތްގޮތް ރަގަޅެކޭ ނުވަތަ ގޯހެކޭ ނުބުނަން! އެކަމަކު ތިޔަ އައި.އެފް.ޖޭ ތިޔައީ ކޮންބައެއް؟ ކޮބާ އިޒްރާއީލުގެ ޚަބަރުތައް ބަކި ގޮތަކަށް ފަލަސްތީނުގެ ޚަބަރުތައް ވަކިގޮތަކަށް ގެނެދޭއިރު ތިޔަ ގްރޫޕް؟ ނޫސްވެރިންގެ ބޮލަށް ޔަހޫދީން ބަޑިޖަހާ މަރާއިރު ތިޔަ ގްރޫޕް ކޮބާ؟ އަހަރެމެން ކަހަލަ ކުޑަ ޤައުމަކުން ކަމެއްކުރަން އުޅޭނަމަ ހާދަ ފޯރިއެކޭ ހުންނަނީދޯ؟
މުލޭ
16 November 2024
މީޑިއާއަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މެންޑޭޓް އޮތް ބައެއްނޫން. އެކަމަށް ގާނޫނީގޮތުން އުފެދިފައި ހުރޮ ތަންތަން ހުންނާނެ. މީޑިއާގެ ދައުރަކީ މަޢުލޫމާތު ހާމަކުރުން. ބުހުތާބު ދޮގު ފެތުރުމާއި ސާބިތު ނުހިފޭ ވާހަކަތައް ހަދަހަދައިގެން ދެއްކުމާއި މީހުންގެ އަބުރު ކަތިލުމާއި ހަމަނުޖެހުންތަކަށް ގޮވާލުމަކީ މީޑިއާގެ ދައުރެއްނޫން. އެކަންކަން ކުރާނަމަ ފިޔަވަޅު އެޅެންވާނެ. އެއީ ނޫސްވެރިކަމެއްނޫން. ހޮޅުއަށީގައި ދައްކާ ވާހަކަ ލިޔާއެއްޗެއްނޫން ނޫސްތަކަކީ.
ކުޑަކަތީބުއަބުދުއްރައްޒާގުއަލީ
16 November 2024
މިނިވަން ނޫސްވެރިކަމަކީ ގައުމެއްގެ މިނިވަންކަމާއި ފަރުދުންގެން ހައްގު ރައްކާކުރަން އޮންނަ ވަރުގަދަ ވަސީލަތެއްް. ނަމަވެސް އެއްވެސް ގައުމެއްގައި ފުރިހަމަ މިނިވަންކަމާއި އެކު ކުރެވޭ ނޫސްވެރިކަމެއްނެތް. އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް، މަސްހޫރު ނިއުސްޗެނެލްތަކުގެ ހާލަތަކީވެސްމިއީ. އަމުދުން ރާއްޖޭގައި ޒަމާނުއްސުރެން މިއުޅެނީ ވަކިބަޔަކު ބުނާގޮތަކަށް ލިޔެދޭ ކިޔާލަދޭން ތިބޭބައެއް. ހަސަނާއި ހުސޭނު ގެންގުޅޭ ބައެއްވީމަ ވާނީއެހެން. ނޫސްވެރިޔަކުނެތް.
އަބީލް
16 November 2024
މިނިވަން މެންބަރަކު އަމިއްލަޔަށް ތިކަން ކުރާނެ ކަމަކަށް ގަބޫލެއް ނުކުރަން..އަދި އެވެސް ހުރިހާ ބާރެއް ރައީސްއަށް ލިބޭގޮތަށް..މިނިވަންކަން ގެއްލިފަ ހުރި މެންބަރެއްތީ..ސަރުކާރުން ސްޕޮންސަރ ކޮށްފަ ކަމަށް ފެންނަނީ..ހުރިހާ ތަނަކުން ދެކޮޅު ހަދާއިރުވެސް ގޮތްދޫނުކޮށް އެހުރީ ބަޔަކު އަޑީގަ ތިބީމަ.
އެޗް އެމް
15 November 2024
ނޫސް މީޑިއާ އަކީވެސް ވިޔަފާރިއެއް. ފަންޑުކުރާ ފަރާތް އެދޭގޮތަކަށް ހަބަރުތަށް ބައްޓަން ވެގެންދާނީ. ހަބަރު ބަލައި އަޑުއަހާ ފަރާތްތަކުންވެސް ބޮޑަށް ހިޔާރުކުރާނީ އެބަޔަކު އަހަން ބޭނުންވާގޮތަށް ހަބަރުފަތުރާ ޗެނެލްތަށް. ރައްޔަތުމީހާގެ މިސްޓޭންޑް ބަދަލުވެގެން ނޫނީ ނޫސްވެރިކަން ވެސް މިނިވަނެއްނުވާނެ. ބާރު ހޯދަނީ ރައްޔަތުމީހާގެ ވިސްނުމުގެ ކޮންޓްރޯލް ނަގައިގެން އެމީހުން ބައިބައި ކޮށްގެން. .