މީޑިއާތަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ނޫސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
20 އޯގަސްޓް 2025 - 22:04
ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު އަނބުރާ ގެންދަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން މިއަދު ގޮވާލައިފި އެވެ.
އެ ޖަމާއަތުން އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޔޫނިއަނާއި ރާއްޖޭގައި އެ ޔުނިއަން ތަމްސީލުކުރާ ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަޖިލީހަށް މީޑިއާގެ މިނިވަންކަން ގެއްލޭ ގޮތަށް އޮތް އެ ބިލު މަޖިލީހަށް ހުށަހެޅުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ބިލު އަނބުރާ ގެންދަން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"މީޑިއާ ރެގިއުލޭޓްކުރުމަށް މި ދާއިރާގެ ފަންނީ މީހުންގެ މަޝްވަރާ އާއި ބައިވެރިވުން ބޭނުންވާނެ. ނޫސްވެރިންނާއި އެ މީހުންގެ ޔޫނިއަންތަކުގެ ބައިވެރިވުން ނެތި ބާރުގަދަ އިދާރާއަކުން މިފަދަ ނިންމުންތައް ނިންމަން އުޅުމަކީ ނޫސްވެރިން ބާރުވެރިކުރުމާއި ޑިމޮކްރަސީ ހިމާޔަތް ކުރުމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅި އެ އިދާރާގެ ހަގީގީ މަގުސަދާ މެދުގައި ސުވާލު އުފެދޭ ސަބަބެއް،" އައިއެފްޖޭ އިން ބުންޏެވެ.
މީޑިއާތަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ނޫސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.
އެ ބިލުގައިވާ ގޮތުގައި، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.
އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑެތި އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000ރ. އާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000ރ. އާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ފެށިއިރު، ބިލުގައި ބަޔާންކުރާ ކަންތައްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ މަޖިލީހާއި މަޖިލިސް ބޭރުގައި ވެސް އިހުތިޖާޖުކޮށްފަ އެވެ.
ނޫސްވެރިންނަށް ލިބިފައިވާ ގިނަ ބާރުތަކެއް ހިފަހައްޓާފައިވާ މި ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
21 August 2025
ބަލަ ރައްޔިތުން އެދޭބަދަލުތައް ގާނޫންތައް ހެދުމުން އެކަމާނުބެހޭ ބޭރުގެ މީހުން ތިޔައަރުވަނީ ކޮންވަރެއް. އެއީ ރައްޔިތުންގެ ތަރައްގީއަށް ރައްޔިތުން އެދޭވަދަލުތަކޭ ގާނޫނަށް ގެންނަނީ.
އަހުމަދޭ
21 August 2025
ރައްޔިތުން އެދިގެންނެނޫ. ސަރުކާރުން އެދިގެން. ބަލަ ސަރުކާރާ ދެކޮޅަށް އަޑު އުފުއްލުމުގެ ފުރިހަމަ ހައްގު ރައްޔިތު މީހާއަށް ލިބިގެންވޭ.
ސުން
20 August 2025
މިނިވަންކަމަކީ ހިތުހުރި ހަގީގަތެއްނެތް ވާހަކަ ފެތުރުމެއްނޫން. މީހުންގެ އަނބުރު ކަތިލާ އެއްވެސް ހަގީގަތެއްނެތް ވާހަކަ ފަތުރާނަމަ ފިޔަވަޅު އަޅަން ޖެހޭނެ.
އަހުމަދޭ
21 August 2025
އެހެންވީޔާ އަވަހަށް ފިޔަވަޅު އަޅާ އަޒާން އަށް. އެންމެ ގިނައިން މީހުންގެ އަބުރު ކަތިލުމުގަ އުޅުނު އެކަކު، އަދި ނުވިތާކަށް ދޮގު މައުލޫމާތު އެންމެ ގިނައިން މިގައުމުގަ ފެތުރި މީހަކީވެސް ހަމައެއީ. ކެރެންޔާ އަވަހަށް ފިޔަވަޅު އަޅާ.
އަލީ ސުލައިމާން
20 August 2025
ރާއްޖޭގެ ރައްޔިތުންގެ ކަންކަން ނިންމަން ޖެހޭގޮތް އެނގޭ އައިއެފްޖޭ އަކަށް ނޫން، އެމީހުނެއް ނާންނާނެ ދިވެހިރައްޔިތުންގެ އަބުރު ހިމާޔަތް ކުރާކަށް