އެމްޖޭއޭގެ ރައީސް ކަމަށް އިންތިހާބުކުރި ނާއިފް - ފޮޓޯ: ނިޝާން އަލީ / މިހާރު
12 ސެޕްޓެމްބަރ 2025 - 12:25
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް ކަމަށް އަހުމަދު ނާއިފް އަދި ނައިބު ރައީސްގެ މަގާމަށް މުހައްމަދު ޝަހުޒާން ރޭ އިންތިހާބުކޮށްފި އެވެ.
އެމްޖޭއޭގެ މިހާރު ހިނގަމުންދާ ދައުރު އަންނަ ހަފުތާ ހަމަވާތީ އާ އެކްސްކޯއެއް އިންތިހާބު ކުރަން ރޭ ވަނީ ކޮންގްރެސް ބާއްވައިފަ އެވެ. އެ ކޮންގްރެސްގައި އެމްޖޭއޭގެ ރައީސް ކަމަށް ކުރިމަތިލީ "ދައުރު" ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް އެކަންޏެވެ.
އޭނާ އެ މަގާމަށް އިންތިހާބު ކުރަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިން އެމްޖޭއޭގެ އާންމު މެންބަރުންގެ 95 ޕަސެންޓް މެންބަރުން ވޯޓު ދިނީ ފެންނަ ކަމަށެވެ. ނާއިފަކީ އެމްޖޭއޭގެ މިދިޔަ ދެ ދައުރުގައި ސެކްރެޓްރީ ޖެނަރަލްގެ މަގާމު ފުރި ނޫސްވެރިއެކެވެ.
މީގެ 15 އަހަރު ކުރިން ނާއިފް ނޫސްވެރިކަން ފެށީ "ސަން އޮންލައިން" އިންނެވެ. އޭގެ ފަހުން "ހަވީރު" ނޫހުގައި މަސައްކަތް ކުރުމަށް ފަހު "އަވަސް އޮންލައިން"ގެ ނަމުގައި އޮންލައިން ނޫހެއް އުފައްދައި އެ ނޫހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި އެވެ.
އެމްޖޭއޭގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލީ "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެކަންޏެވެ. އޭނާ އެ މަގާމަށް ގެންނަން ފެންނަ ކަމަށް 79 ޕަސެންޓް މެންބަރުން ތާއިދު ކުރި އެވެ.
އެމްޖޭއޭގެ ނައިބު ރައީސް ކަމަށް އިންތިހާބުކުރި ޝަހުޒާން
އެ ދެ މަގާމުގެ އިތުރުން ސެކްރެޓްރީ ޖެނަރަލްގެ މަގާމަށް "ވަން" އޮންލައިންގެ އަލީ ރިފްޝާން އިންތިހާބުކޮށްފައިވެ އެވެ. އޭނާއަކީ މިދިޔަ ދެ ދައުރު އެމްޖޭއޭގެ ރައީސެވެ.
މީގެއިތުރުން އެކްސްކޯގައި އިންނަ އާންމު މެންބަރުގެ ގޮތުގައި މުހައްމަދު މާހިލް އިންތިހާބުކޮށްފައިވާއިރު، ބަޖެޓް ސެކްރެޓްރީގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ ދައުރު ނޫހުގެ މުހައްމަދު އުޝާމެވެ. އެކްސްކޯގައި ތިބޭ އަންހެން ދެ މެންބަރުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ މަރިޔަމް ޒަހާ އަދި ނަޝާމާ މުހައްމަދެވެ.
އެމްޖޭއޭގެ ދައުރަކީ ތިން އަހަރުގެ ދައުރެކެވެ. މިހާރު ކުރިއަށްދާ ދައުރު އަންނަ އަންގާރަ ދުވަހަށް ހަމަވާއިރު، އެ ދުވަހު އާ އެކްސްކޯ އިން މަގާމާ ހަވާލުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy