ބައެއް ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހިންގަމުންދާ ފުރައްސާރަ އާއި އަބުރު ކަތިލުމުގެ ކެމްޕޭނުތައް ތަހުގީގުކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އެމްޖޭއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީގެ ޑިވެލޮޕަރު، އީގަލް ހިލްސް އިން އިންތިޒާމުކުރި މީޑިއާ ދަތުރެއްގައި އެ ގައުމަށް ދިޔަ ނޫސްވެރިންނަށް އަމާޒުކޮށް ނަފުރަތު އުފެއްދުމަށް ހާއްސަ ވީޑިއޯތައް އުފައްދައި، ފުރައްސާރަ ކުރަމުންދާ ކަމަށެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެ ނޫސްވެރިންގެ ފޮޓޯ ޖަހައި، "ޔަހޫދީން" އަދި "ގައްދާރުން" ކަމަށް ބުނެ އެކި ބަސްތައް ދަނީ ރައްދު ކުރަމުންނެވެ.
އެ ނޫސްވެރިޔަކު މަސައްކަތްކުރާ މީޑިއާއެއްގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރަމުން ދާއިރު، އެފަދަ ފުރައްސާރަތައް ކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އަދި އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމްޖޭއޭގެ ސިޓީގައިވެ އެވެ.
އޭގެ ސަބަބުން އެ ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކުގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ނުރައްކާތަކާ ކުރިމަތިވަމުންދާ ކަމަށް އެ ސިޓީގައިވެ އެވެ.
ހަމައެއާއެކު، އޭގެ ކުރިން ވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންނަށް ފުރައްސާރަކުރާ މައްސަލަތައް ގިނަކަން އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.
ޔޫއޭއީގެ އެ ދަތުރާ ގުޅިގެން ނޫސްވެރިންނަށް ކުރިމަތިކުރުވާ ފުރައްސާރައިގެ މައްސަލަތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށާއި އެ ނޫސްވެރިންގެ ސެކިއުރިޓީ އެސެސްމަންޓެއް ހަދައި ފުލުހުންގެ ރައްކާތެރިކަން ހަމަޖައްސައިދިނުމަށް އެދިފައިވެ އެވެ.
ނޫސްވެރިންނަށް ފުރައްސާރަކޮށް ރައްދުކޮށްފައިވާ ބަސްތައް ހިމެނޭ ބައެއް ސްކްރީންޝޮޓްތައް ވެސް އެ ސިޓީއާއެކު އެ ޖަމިއްޔާއިން ވަނީ ފުލުހުންނަށް ފޮނުވައިފަ އެވެ.