ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އެ ކޮމިޝަނަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި. -- ފޮޓޯ/ބްރޯޑްކޮމް
18 ނޮވެމްބަރ 2024 - 13:11
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ ބްރޯޑްކޮމްގައި މި ވަގުތު ތިއްބެވި ހަތް މެމްބަރުންގެ ތެރެއިން ދެ މެމްބަރެއްގެ ދައުރު ހަމަވާން ކައިރިވެފައިވާތީ، އެ ކޮމިޝަނަށް އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.
ޓީވީތަކާއި ރޭޑިއޯ ރެގިއުލޭޓްކުރާ ކޮމިޝަނުން އެންމެ އަވަހަށް ހަމަވަނީ ރައީސް މަރިޔަމް ވަހީދާ އާއި މެމްބަރު އަލީ ޔޫސުފްގެ ދައުރެވެ. އެ ދެ ބޭފުޅުންގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 5 ގައި ހަމަވާނެ އެވެ.
މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ދައުރު ހަމަވުމުގެ މަހެއް ކުރިން، އެ މަގާމުތަކަށް މީހުން ހޯދަން އިއުލާންކުރި ނަމަވެސް، މި ފަހަރު އިއުލާންކުރީ ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެެވެ. ބްރޯޑްކޮމް އަދި އޮންލައިން މީޑިއާތައް ރެގިއުލޭޓްކުރާ އެމްއެމްސީ އުވާލުވުމަށްފަހު މީޑިއާ ކޮމިޝަނެއް އުފައްދަން ޖެހޭ ކަމަށް ވާހަކަ ދެކެވެނިކޮށް އަމިއްލަ ގޮތުން ތުޅާދޫ ދާއިރާ އަށް ހޮވިވަޑައިގަތް އަބްދުލް ހަންނާން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ.
އެ ބިލާ މެދު ނޫސްވެރިން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އެ ބިލް މަޖިލީހުން ފާސްނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މީޑިއާތައް ކޮންޓްރޯލް ކުރަން ބޭނުންފުޅު ނުވާ ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅަކީ މިހާރަށް ވުރެ ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދިނުން ކަމަށެވެ.
ރޭގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިން ވަނީ އަމިއްލަ މެމްބަރަކު ހުށަހެޅުއްވީ މީޑިއާ ކޮމިޝަންގެ ބިލާ ގުޅޭގޮތުން ރައީސްއާ ސުވާލު ކޮށްފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލް ބޭރުކުރާނެ ކަމަށެވެ. "އޭތި ބޭރުކުރާނެ،" ރައީސް ވިދާޅުވި އެވެ.
އެމްއެމްސީގެ ގިނަ މެމްބަރުންގެ ދައުރު ވެސް އަންނަ މަހުގެ 14 ގައި ހަމަވާނެ އެވެ. އެހެންވެ، އެ ކައުންސިލަށް މެމްބަރުން ހޮވުމުގެ މަސައްކަތް ޔޫތު، އެމްޕަވަމަންޓް މިނިސްޓްރީން ފެށުމަށް ފަހު ވަކި ހިސާބަކުން މަޑު ޖެހުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީީް
18 November 2024
ތީ މީޑިއާނެޓްގެ ބްރާންޗެއް... ތިމީހުން ޖެހޭ ބަދަލް ކުރަން
ސަލީލް
18 November 2024
ބްރޯޑްކޮމް އަކީ މާ ބޮޑު ކަމެއްކުރާ ތަނެއް ނޫން. އެމީހުން ކަމެއް ކުރިޔަސް ނުކުރިޔަސް ރައްޔިތުންނަށް ލިބޭނެ އެއްވެސް ފަސޭހައެއް އަދި ދައްޗެއްވެސް ނެތް. ތިތަން އުވާލުން ހަމަ ރަގަޅު.
ގުއިއްޒު
18 November 2024
އުވާލަން އުޅޭިއރުވެސް މެމްބަރުން ހޯދަން އިއުލާނުކުރަނީ؟
މުހައްމަދީ
18 November 2024
ރައީސްއަށް ނޭގި އޭޖީ އަމިއްލައަށް ދެއްކި ވާހަކައަކާ ވައްތަރީ، އަނެއްކާ އެހެން ނޫނަސް ކޮންމެ މިނިސްޓްރީއަކީވެސް ވަކިން ހިގާ ސަރުކާރެއްތާ
މުނާލް
18 November 2024
ބޭކާރު ތަނެއް!
އަން ކަ ބޫތު
18 November 2024
ބްރޯޑުކޮމްގެ މުސާރަ ކިހައި ވަރެއް؟
ބައިތް
18 November 2024
40 ހާސް ޕްލަސް