ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހަދަމުންދާ ފްލެޓްތަކެއް: ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ހިއްސާގެ ބަދަލަށް ފިނޭންސް އިން 19 ބިމެއް ވަނީ ދީފައި - ފޮޓޯ: މިހާރު
19 ނޮވެމްބަރ 2024 - 10:18
ފަހި ދިރިއުޅުން ކޯޕަރޭޝަންގައި ދައުލަތުގެ ހިއްސާގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ ބިން ފިނޭންސް މިނިސްޓްރީން އެ ކޯޕަރޭޝަނަށް މިލްކުކޮށްދީފި އެވެ.
ސަރުކާރުން 100 ޕަސެންޓް ހިއްސާވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ މިހާރު 200 މިލިއަން ހިއްސާ އެކުލެވޭ ކުންފުންޏެކެވެ. އެ ހިއްސާގެ އަގަށްވާ ދެ ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ސަރުކާރުން އަގު އަދާނުކޮށް 107 މިލިއަން ހިއްސާ އެބަ އޮތެވެ.
އެހެންވެ ފިނޭންސުގެ ނަންމަތީ އޮތް 19 ބިމެއް ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ދިނީ އަގު އަދާނުކޮށް އޮތް ހިއްސާގެ ތެރެއިން 103 ހިއްސާއަށްވާ އަގުގެ ގޮތުގަ އެވެ. އެ 19 ބިމުގެ އަގުގެ ގޮތުގައި ދެ ފަރާތުން އެއްބަސްވެފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.
ސިވިލް ކޯޓުން ވަނީ މި މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅައި، ފިނޭންސް މިނިސްޓްރީގެ 19 ބިން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް މިލްކުކޮށްދީފަ އެވެ.
އެ ކޯޓުން ކުރި ހުކުމްގައި ބުނީ ވިއްކުމުގެ ކުރިއަށް ބަންޑާރަ ގޯތި އަމިއްލަކުރަން ސަރުކާރަށް ދައްކަން ޖެހޭ އަގު ފައިސާއިން ދެއްކުން ފިޔަވައި އެހެން އެއްވެސް ކަމެއްގައި، ވިއްކުމުގެ އަގު އަދާކުރަން ޖެހޭނީ ފައިސާއިން ކަމަށް ގަވައިދުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.
ހުކުމްގައި އިޝާރާތްކޮށްފައިވަނީ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެ ވިއްކުމާ ބެހޭ ގަވައިދަށެވެ.
ފަހި ދިރިއުޅުމާއި ފިނޭންސް މިނިސްޓްރީގެ މުއާމަލާތަށް ބަލާއިރު މައްސަލާގައި ހިމެނޭ މުގާބިލަކީ މަގުބޫލު ނުވަތަ ފުދޭނެ، އެ ލިބިގަންނަ ފަރާތަށް އަގުކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަން އެނގެން އޮންނަ ކަމަށާއި ގަނެ ވިއްކުމުގެ މި މުއާމަލާތުގެ އިޖާބާއި ގަބޫލު ފުރިހަމަވެ، ވިޔަފާރީގެ އަގު ހަލާސްވެގެންވާ ކަމަށް ބަލަން ޖެހޭ ކަމަށް ހުކުމްގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްތަފާ އަލީ
19 November 2024
މިދިޔަ ސަރުކާރުތަކުން ކަން ކުރަން ނޭގުމުން އެކަން ކުރާނެ ގޮތް މިސަރުކާރުން މިދައްކަނީ.
ހަސަން އަޝްފާގް
19 November 2024
ރަނގަޅު ނިންމުމެއް. ފަހުން ނުދުވާނެ ސަރުކާރު ފަހަތުން
މިހާލި
19 November 2024
މީ ކިހިނެއް ވާ ކަމެއް .ދެން ބޮޑު އަގުގަ ވިއްކާ ރައްޔިތުންނަށް