ހުޅުމާލޭގެ 17 ބިމެއް 800 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ސަރުކާރުން ގަނެފި އެވެ.
ހުޅުމާލެ 2 އިން 17 ބިމެއް ސަރުކާރުން ގަތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަތުންނެވެ. ހުޅުމާލޭ ބިމުގެ މިލްކުވެރިކަން އޮންނަނީ އެޗްޑީސީ އަށް ކަމަށް ވާތީ މީގެ ކުރިން ވެސް ދައުލަތުގެ ބޭނުންތަކަށް އެ ކުންފުނީގެ އަތުން ސަރުކާރުން ބިން ގަނެފައިވެ އެވެ.
މި ފަހަރު ދައުލަތުން ގަތީ 15،000 އަކަފޫޓާއި 66،000 އަކަފޫޓާ ދެމެދު 17 ބިމެކެވެ. އެ ބިންތަކުގެ އަގަށް 878 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވާތީ އެ މުއާމަލާތް ސައްހަ ކަމަށް ނިންމައި، އެ ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިފައިވާ ކަމަށް ކޯޓުން މި ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.
ނަމަވެސް އެ ބިންތައް ސަރުކާރުން ގަތީ ކޮން ބޭނުމަކު ކަމެއް ސާފެއް ނުވެ އެވެ.
މީގެ ކުރިން ޑިޕްލޮމެޓިކް ބޭނުންތަކަށް ބިލިއަނެއްހާ ރުފިޔާ އަށް ސަރުކާރުން ހުޅުމާލެއިން ބިން ގަނެފައިވެ އެވެ.