ފިނޭންސް މިނިސްޓްރީން 94.5 މިލިއަން ރުފިޔާއަށް ހުޅުމާލޭން ބިމެއް ގަނެފި އެވެ.
އެ މިނިސްޓްރީން ގަނެފައިވަނީ ހުޅުމާލެ އެކެއްގެ 25،011 އަކަފޫޓުގެ ބިމެކެވެ.
އެޗްޑީސީގެ މިލުކުގެ ދަށުގައި އޮތް އެ ބިން އެ ކުންފުނިން ފިނޭންސް މިނިސްޓްރީއަށް ވިއްކާފައިވާއިރު، މިހާރު ވަނީ އަގު ވެސް އެއްކޮށް ދައްކައި ނިންމައިފަ އެވެ.
މި މުއާމަލާތް ރަޖިސްޓަރީކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި މިއީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅައި، އެޗްޑީސީގެ މިލުކުން އެ ބިން ވަކިކޮށް، ފިނޭންސް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން މިއީ ކޮން ބޭނުމަކު ގަތް ނިމެއް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް، އެ މިނިސްޓްރީގެ އާ އިމާރާތް ހުޅުމާލޭގައި ހެދުމުގެ ވާހަކަ މީގެ ކުރިން ދެއްކެވުނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަޝްރޫއު ހަވާލުކުރީ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ އެވެ. މާލޭގައި އިމާރާތް ކުރަން ނިންމި 25 ބުރީގެ އޮފީސް އިމާރާތް ފަހުން ހުޅުމާލެ އަށް ބަދަލުކުރަން ނިންމިޔަސް، އެ މަޝްރޫއަށް ލޯނު ލިބުމުގައި މައްސަލަތަކެއް ދިމާވުމުން މަޝްރޫއު މަޑުޖެހުނެވެ.