އެޗްޑީސީއަށް ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުޅުމާލޭގެ މަޝްހޫރު ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމުގެ އެއްބަސްވުން ބާތިލްކޮށް، އެ ތަނުގައި އެއްވެސް ވިޔަފާރިއެއް ނުކުރަން އެންގި އެންގުން މަޑުޖައްސާލަން ސިވިލް ކޯޓުން އަންގައިފި އެވެ.
އެޗްޑީސީން ރިވެލި ރެސްޓޯރެންޓްގެ ބިމާ ގުޅޭ ގޮތުން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސް އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން ސިޓީއަކުން އަންގާފައިވަނީ މިދިޔަ ހަފުތާގަ އެވެ.
އެގޮތަށް އެންގީ ކުލި ދެއްކުމާ ގުޅޭ ގޮތުން ދެ ފަރާތުން ވަކި ގޮތްތަކަކަށް އެއްބަސްވެފައިވަނިކޮށް ކަމަށް އެނގިފައިވެ އެވެ.
އެ ސިޓީއަށް ފަހު، އެޗްޑީސީން ވަނީ ރިވެލި ރެސްޓޯރެންޓް ހުސްކުރަން މިދިޔަ ހޯމަދުވަހު އެތަނަށް ވަދެފަ އެވެ. ނަމަވެސް، އެކަމާ ދެކޮޅަށް ސޮލާރިސް ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައިގައި އެދުނީ އެޗްޑީސީގެ ނިންމުން ބާތިލު ކަމަށް ކަނޑައަޅައިދޭށެވެ.
އަދި، އެޗްޑީސީން ތަން ހުސްކުރަން ކުރާ މަސައްކަތް ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް އެދުނެވެ.
ސިވިލް ކޯޓުން އެކަމާ މެދު ގޮތެއް ނިންމައި ނެރެފައިވާ އަމުރުގައި ވަނީ މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ތަން ހުސްކޮށް ވިޔަފާރި ހުއްޓުވައިފި ނަމަ ސޮލާރިސްއަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް ވާނެ ކަމަށެވެ.
އެހެންވެ، ރިވެލި ރެސްޓޯރެންޓްގެ ހިންގުން ހުއްޓޭނެ އެއްވެސް އަމަލެއް ނުކުރުމަށާއި އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެކަމެއް އިޔާދަކުރަން އެޗްޑީސީގެ މައްޗަށް ޣައރު ހާޒިރުގައި ސިވިލް ކޯޓުން އެންގި އެވެ.
އެޗެޑީސީން ރިވެލި ރެސްޓޯރަންޓަށް ވަނުމާ އެކު، ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލި ނަމަވެސް އަމުރާ އެކު، އެ ރެސްޓޯރެންޓްގެ ހިދުމަތް އަލުން ވަނީ ދޭން ފަށައިފަ އެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ، ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، އެ އެެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ގިނަ ފުރުސަތުތަކެއް ދީ، އެއްބަސްވުމުގެ އިޖުރާއަތުގެ ތެރޭގައި ކަމަށެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ހުންނަ ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުނިން މިހާތަނަށް ކުލީގެ ގޮތުގައި ފަސް މިލިއަނެއްހާ ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. އަދި އެއްބަސްވުން ހެދި ފަހުން ކޮންމެ މަހަކު ގަވާއިދުން ކުލި ނުދައްކާ ކަމަށާއި އެކަން އެންގުމުން އެންމެ ފަހުން ވެސް ދެއްކީ ކުލީގެ ބައެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެއްބަސްވުމުގައި ބުނާ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަންޖެހޭ އެއްވެސް ކަމެއް ވެސް ރިވެލި ރެސްޓޯރަންޓު ހިންގާ ކުންފުނިން ނުކުރެ އެވެ.
އެޗްޑީސީއަަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ކުލި ބަރާބަރަށް ނުދައްކާ މައްސަލަ ބޮޑުވެ، އެ ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އޭގެ ތެރޭގައި ބައެއް ވިޔަފާރިތަކާއި ފްލެޓުތަކުގެ ކުލި ވެސް ހިމެނެ އެވެ.