އެޗްޑީސީއަށް ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުޅުމާލޭގެ މަޝްހޫރު ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމުގެ އެއްބަސްވުން ބާތިލްކޮށް، އެ ތަނުގައި އެއްވެސް ވިޔަފާރިއެއް ނުކުރަން މިއަދު އަންގައިފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސް އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"ވީމާ މިއަދުން ފެށިގެން މި ބިން ނަގަން ނިންމާފައިވުމާ ގުޅިގެން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑަށް ހުޅުމާލޭގެ ލޮޓް ނަމްބަރު 10877 ގައި އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއް އަދި ހިދުމަތެއް ވެސް ނުދެވޭނެކަން ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.
އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، މިހާތަނަށް ފަސް މިލިއަނެއްހާ ރުފިޔާ އެ ކުންފުންޏަށް ސޮލާރިސްއިން ދައްކަންޖެހޭ ކަމަށެވެ.
"ސީއެސްއާރުގެ ދަށުން ކުރަންޖެހޭ އެއްވެސް ކަމެއް ވެސް ކޮށްފައެއް ނެތް. އެގްރީމަންޓުގެ ދަށުން ސިޓީއެއް ފޮނުވީމާ ވެސް ދެއްކީ ކުލީގެ ތެރެއިން ބައެއް. ފެށުނީއްސުރެ ނެތް ބަރާބަރަށް ކުލި ދައްކާފައެއް،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އެޗްޑީސީ ހިންގުމާ މިދިޔަ އެކި ސަރުކާރުތަކުގައި އެކިއެކި މެނޭޖުމަންޓުން ހަވާލުވެފައިވީ ނަމަވެސް ހުޅުމާލޭ ރުއްގަނޑު 1 ގައި ހުންނަ ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުނިން އެއްބަސްވުމާ އެއްގޮތަށް ކުލި ނުދެއްކުމުން މާ ބޮޑު އަޅާލުމެއް ނެތި ދޫކޮށްފައިވާކަން ފާހަގަވެ އެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ، ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، އެ އެެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ގިނަ ފުރުސަތުތަކެއް ދީ، އެއްބަސްވުމުގެ އިޖުރާއަތުގެ ތެރޭގައި ކަމަށެވެ.
"މި ކޯޕަރޭޝަނުން މިފަދަ ނިންމެއް ނިންމަނީ އާންމުންނަށް ހިދުމަތް ދޭން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހުގައި ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ،" އެޗްޑީސީން ބުންޏެވެ.
"މި ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް ވީހާ ވެސް ފަހި ފުރުސަތުތަކެއް އަބަދުވެސް ފަހިކޮށްދިނުމެވެ."
އެޗްޑީސީއަަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ކުލި ބަރާބަރަށް ނުދައްކާ މައްސަލަ ބޮޑުވެ، އެ ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އޭގެ ތެރޭގައި ބައެއް ވިޔަފާރިތަކާއި ފްލެޓުތަކުގެ ކުލި ވެސް ހިމެނެ އެވެ.