އެޗްޑީސީއަށް ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުޅުމާލޭގެ މަޝްހޫރު ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމުގެ އެއްބަސްވުން ބާތިލްކޮށް، އެ ތަނުގައި އެއްވެސް ވިޔަފާރިއެއް ނުކުރަން އެންގި އެންގުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކޮށްފި އެވެ. 

އެޗްޑީސީން ރިވެލި ރެސްޓޯރެންޓްގެ ބިމާ ގުޅޭ ގޮތުން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސް އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން ސިޓީއަކުން އަންގާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. 

އެ ސިޓީއަށް ފަހު، އެޗްޑީސީން ރިވެލި ރެސްޓޯރެންޓް ހުސްކުރަން އެތަނަށް ވަނެވެ. ނަމަވެސް، މައްސަލާގައި އެޗްޑީސީގެ ނިންމުން ބާތިލު ކުރަން ސިވިލް ކޯޓަށް ހުށަހަޅައި ވަގުތީ އަމުރަކަށް ސޮލާރިސްއިން އެދުނެވެ. ފުރަތަމަ އެދުނު ވަގުތީ އަމުރު ނެރެނުދޭން ނިންމުމަށް ފަހު، ފަހުން ވަނީ ސިވިލް ކޯޓުން އަމުރެއް މައްސަލާގައި ނެރެފަ އެވެ. 

އެ އަމުރުގައި އެޗްޑީސީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އެންގީ ރިވެލި ރެސްޓޯރެންޓްގެ ހިންގުން ހުއްޓޭނެ އެއްވެސް އަމަލެއް ނުކުރުމަށާއި އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެކަމެއް އިޔާދަކުރުމަށެވެ. 

އެ އަމުރު މުރާޖައާ ކުރަން އެޗްޑީސީން އެދުމުން ސިވިލް ކޯޓުން މިއަދު ވަނީ އަމުރު ބާތިލުކުރަން ނިންމައިފަ އެވެ. އަމުރު މުރާޖައާ ކުރަން ނިންމި ގޮތުގެ ނިންމުމުގައި ސިވިލް ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ނެރެފައިވާ ވަގުތީ އަމުރު ދެމިއޮތުމުގެ ސަބަބުން، އެޗްޑީސީއަށް ހައްގު ނޫން ބުރައެއް އުފުލަންޖެހެ އެވެ.

މައްސަލައިގެ މައުޟޫއަށް ގޮތެއް ކަނޑައަޅާއިރު އެއްފަރާތަށް ލިބިދާނެ ގެއްލުމަކީ މިހިނދުގައި މިންނުކުރެވޭ ފަދަ ގެއްލުމަކަށް ވެދާނެތީ އެ އަމުރު ދެމެހެއްޓުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ވެސް ނިންމުމުގައިވެ އެވެ. 

މި މައްސަލައިގެ ދައުވާ ފޯމާއެކު، އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މީގެ ކުރިން ނިންމާފައިވާކަމާއި އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް ނަމަވެސް، އެ މިހާތަނަށް އެކަމާމެދު ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ކަން ވެސް ސިވިލް ކޯޓުން ފާހަގަކުރި އެވެ. 

އަދި ފުރަތަމަ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ފަހުން ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އެންގުމުގެ ބަދަލުގައި، އެއްބަސްވުމާ ހިލާފަށް ނޯޓިސް ދީފައިވާކަމަށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ ސޮލާރިސްއަށް ލިބޭ ގެއްލުމަށް މާލީ ގޮތުން ބަދަލު ލިބޭނެ ފުރިހަމަ އިންތިޒާމު އޮތްކަން ވެސް ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކުރި އެވެ. 

އެހެންވެ ވަގުތީ އަމުރު ރިވިއުކޮށް މިއަދުން ފެށިގެން އެ އަމުރު ބާތިލުކުރެވިފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، އެ އެެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ގިނަ ފުރުސަތުތަކެއް ދީ، އެއްބަސްވުމުގެ އިޖުރާއަތުގެ ތެރޭގައި ކަމަށެވެ. 

އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ހުންނަ ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުނިން މިހާތަނަށް ކުލީގެ ގޮތުގައި ފަސް މިލިއަނެއްހާ ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. އަދި އެއްބަސްވުން ހެދި ފަހުން ކޮންމެ މަހަކު ގަވާއިދުން ކުލި ނުދައްކާ ކަމަށާއި އެކަން އެންގުމުން އެންމެ ފަހުން ވެސް ދެއްކީ ކުލީގެ ބައެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، އެއްބަސްވުމުގައި ބުނާ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަންޖެހޭ އެއްވެސް ކަމެއް ވެސް ރިވެލި ރެސްޓޯރަންޓު ހިންގާ ކުންފުނިން ނުކުރެ އެވެ.  

އެޗްޑީސީއަަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ކުލި ބަރާބަރަށް ނުދައްކާ މައްސަލަ ބޮޑުވެ، އެ ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އޭގެ ތެރޭގައި ބައެއް ވިޔަފާރިތަކާއި ފްލެޓުތަކުގެ ކުލި ވެސް ހިމެނެ އެވެ.