"ގާލްސް ޓު ކޯޑު" ދިއްދޫ އެޑިޝަންގެ ބައިވެރިން.
20 ނޮވެމްބަރ 2024 - 11:50
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ހއ. ދިއްދޫގައި އަންހެން ކުދިންނަށް ކުރިއަށް ގެންދިޔަ "ގާލްސް ޓު ކޯޑް" ޕްރޮގްރާމް ނިންމާލައިފި އެވެ.
މި ޕްރޮގްރާމަކީ ކޯޑިންގެ ދާއިރާގައި އަންހެނުންގެ ޝާމިލުވުން އިތުރުކޮށް، އަންހެން ކުދިން ބާރުވެރި ކުރުވުމުގެ ގޮތުން ދިރާގާއި ވިމެން އިން ޓެކްއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިންގްގެ ހުނަރު ދަސްކޮށްދެ އެވެ.
"ގާލްސް ޓު ކޯޑް" ހއ. ދިއްދޫ އެޑިޝަންގައި އިސްކަން ދީފައިވަނީ 10 އަހަރާއި 13 އަހަރުގެ ދެމެދުގެ ކޯޑިންގްގެ ތަޖުރިބާ ނެތް އަންހެން ކުދިންނަށެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ކޯޑިންގެ ހުނަރު ތަރައްގީކޮށްދީ އަމިއްލަ ވެބްސައިޓް ފަރުމާކޮށް ޑިޒައިންކުރުމަށް ވަނީ ދަސްކޮށްދީފަ އެވެ.
ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި އެޑިޝަންގައި 20 ކުދިން ބައިވެރިވި އެވެ.
ދިރާގުގެ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ އެ ޕްރޮގްރާމްގެ ބޭނުމަކީ ކުދިންގެ ޅަ އުމުރުގައި ކޯޑިން ދާއިރާއަށް ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.
"މި ޕްރޮގްރާމްގެ އެންމެ މުހިންމު މަގުސަދަކީ ކުދިންގެ ޅަ އުމުރުގައި މި ދާއިރާއަށް ލޯ ހުޅުވި، ޝައުގުވެރިކަން އުފެދި، މިއީ ކުރެވިދާނެކަމެއް ކަމަށް އަމިއްލައަށް ގަބޫލު ކުރެވި އަދި އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެގެން ދިޔުން،" އޭނާ ވިދާޅުވި އެވެ.
ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް، ނަހުޒާ އިބްރާހިމް ވިދާޅުވީ އެ ޖަމްއިއްޔާގެ އުންމީދަކީ އެ ޕްރޮގްރާމްގެ ސަބަބުން އެ ކުދިންނަށް ފަންނީ ހުނަރުތައް ލިބި، އުއްމީދީ މުސްތަގުބަލެއް ބިނާ ކުރުމަށް މަގު ފަހިވެގެން ދިއުން ކަމަށެވެ.
ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ދިރާގުން ކުރިއަށް ގެންދާ "ގާލްސް ޓު ކޯޑު" ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް އެކުންފުނިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. އަދި މިޕްރޮގްރާމް ހއ. ދިއްދޫގެ އިތުރުން ފުވައްމުލައް ސިޓީ އާޢި ގދ. ތިނަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީ އަދި ލ. އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy