އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. --ފޮޓޯ:އޭއެފްޕީ
24 ނޮވެމްބަރ 2024 - 06:15
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ އަމުރުތަކަށް އިނގިރޭސި ވިލާތުން ތަބާވާނެ ކަމަށް ބުނި ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރާނެތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ދޭން އިނގިރޭސި ވިލާތުން އިންކާރުކޮށްފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ހިންގާފައިވާ އަދި ހިންގަމުން ގެންދާ ޖަރީމާތަކުގެ މައްސަލައިގައި ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީން ބުރާސްފަތި ދުވަހު އަމުރު ނެރުމާ އެކު އެކި ގައުމުތަކުން ވަނީ ނަތަންޔާހޫ އެ ގައުމަކަށް ހިނގައްޖެ ނަމަ އަމުރު ތަންފީޒުކުރާނެ ކަމަށް ބުނެފަ އެވެ. ނަތަންޔާހޫގެ އިތުރުން އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އާއި ހަމާސްގެ އަސްކަރީ ގޮފީގެ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރުމަށް ވެސް ވަނީ އަމުރު ނެރެފަ އެވެ.
އިނގިރޭސި ވިލާތަށް ނަތަންޔާހޫ ހިނގައްޖެ ނަމަ އިފުލުހުން އޭނާ ހައްޔަރުކުރާނެތޯ ސުވާލުކުރުމުން ބޮޑުވަޒީރު ކިއާ ސްޓާމާގެ ތަރުޖަމާނު ވިދާޅުވީ ވަކިވަކި މައްސަލަތަކާ މެދު ކުރިމަގުގައި ވެދާނެ ގޮތަކާ މެދު ވާހަކަ ދައްކައި އެ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށެވެ.
ނަމަވެސް އިނގިރޭސިވިލާތުން އަބަދުވެސް އެ "ގައުމުގެ ގާނޫނުތައް އަދި ހަމަ އެގޮތަށް ބައިނަލްއަގްވާމީ ގާނޫނުތަކުން ކަނޑައަޅާފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރާނެ" ކަމަށް ވިދާޅުވި އެވެ.
އައިސީސީ އުފެއްދި ބައިނަލްއަގްވާމީ މުއާހަދާ ކަމަށްވާ ރޯމް ސްޓެޓިއުޓްގައި އިނގިރޭސިވިލާތުން 1998 ވަނަ އަހަރު ސޮއިކުރުމަށް ފަހު އޭގެ ތިން އަހަރު ފަހުން އެ މުއާހަދާ ތަސްދީގު ކުރި އެވެ.
އިނގިރޭސިވިލާތުގެ "އައިސީސީގެ ގާނޫނު 2001" ގައި ބުނެފައި ވަނީ ދައުވާ ލިބޭ މީހަކު ހައްޔަރު ކުރުމަށް އައިސީސީން އެދި ސަރުކާރުގެ ވަޒީރަކަށް ހުށަހެޅުމުން، ކަމާ ގުޅޭ ލިޔެކިޔުންތަކާ އެކު އެ ހުށަހެޅުން، އެކަމާ ގުޅޭ ކޯޓަކަށް ފޮނުވަންޖެހޭނެ ކަމަށެވެ.
"އެއީ ހައްޔަރުކުރުމުގެ އަމުރަކާ އެކު އައި ހުށަހެޅުމެއް ނަމަ އަދި އެ އަމުރަކީ އައިސީސީން ނެރެފައިވާ އަމުރެއް ކަމަށް ގަބޫލުކުރެވޭ ނަމަ އެ އަމުރު އިނގިރޭސި ވިލާތުގައި ތަންފީޒުކުރުމުގެ އަމުރެއް ނެރެންވާނެ" ކަމަށް ވެސް އެ ގާނޫނުގައި އޮވެ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، އައިސީސީން އެފަދަ އަމުރެއް އޮތް މީހަކު މިހާތަނަށް އިނގިރޭސި ވިލާތަށް ގޮސްފައި ނުވާތީ އެ ގައުމުގައި އަދި ދުވަހަކު ވެސް މި ގާނޫނަށް އަމަލުކޮށްފައެއް ނުވެ އެވެ.
މިފަދަ މައްސަލަތަކުގައި އިނގިރޭސި ވިލާތުގެ ކޯޓު މަރުހަލާ ފެށެނީ އައިސީސީން ހައްޔަރު އަމުރު ނެރުމާ އެކު ކަމެއް ނުވަތަ ދައުވާ އުފުލާފައިވާ މީހާ އިނގިރޭސި ފަސްގަނޑަށް އެރުމާ އެކު ކަމެއް ސާފެއް ނުވެ އެވެ.
"ހަމަ ޔަގީން. އެ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރާނެ،" ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
25 November 2024
ގައްޒާ ހަނގުރާމައިން އެމެރިކާ އާއި އިނގިރޭސިން އަދި ޖަރުމަނު ފަދަ ގައުމުތަކުގެ މުނާފިގުކަން އިތުރަށް ދުނިޔެއަށް އެނގި ފަލީހަތްވެއްޖެ. މިވެރިންގެ ޑިމޮކުރަސީ އަދި އިންސާނީ ހައްގުތަކަކީ ބިލާހެއްކަން ވެސް އެނގި މުންޑުބޮލާ ފޮށާ އެޅިއްޖެ. އަޅުގަނޑުމެން ބޭނުމެއްނޫން ހުޅަނގާ އެމެރިކާގެ ޑިމޮކުރަސީ އާއި އިންސާނީ ހައްގުތަކެއް.
ބެންޖޯ ބެންޖަމިން
24 November 2024
ސުވާލަކީ އައިސީސީގެ ހުކުމް އިގިރޭސި ވިލާތުގައި ތަންފީޒު ކުރާނެތޯ ނުވަތަ ނުކުރާނަންތޯއެއްނޫން. ސުވާލަކީ ނަތަންޔާހޫ ފަލަސްތީނުގައި މިހިންގި ޖެނޮސައިޑަށް ހަތިޔާރާއި އަދި އެހެނިހެން ތާއީދެއް ވެސް ދިންތޯ ނުވަތަ ނޫންތޯ؟ ޖަވާބަކީ ، އިގިރޭސި ވިލާތަކީ ، "އިޒުރޭލަށް އަމިއްލައަށް ދިފާއުވުމުގެ ހައްގު އޮންނާނެކަމަށް" ބުނެ ގައްޒާއާއި ހުޅަނގު އައްސޭރީގައި ނަތަންޔާހޫ ހިންގާ ޖަރީމާތަކަށް ފާޅުގައި ހަތިޔާރާއި އެހެނިހެން އެހީތެރިކަން ވެސް ދެމުންގެންދާ ގައުމެއްކަން.
raajje
24 November 2024
ބޮޑުވަޒީރު ކިއާ ސްޓާމާގެ ތަރުޖަމާނު ވާހަކަދަށްކާފައި މިވަނީވަރަށް ހިކުމަތްތެރިކަމާއެކުކަން ފާހަގަކޮށްލަން! މީއަޅުގަނޑުމެންއެންމެންވެސް ދަސްކުރަންޖެހޭހުނަރެއް، އެކަށީގެންވާވަރަށްވުރެން އިތުރަށްވާހަކަނުދެއްކުމާ ޔަގީންނުވާކަމެއް ކުރާނެކަމަށް ނުވަތަ ނުކުރާނެކަމަށް މީޑިޔާގައިހާމަނުކުރުން، އަދި އެހެންބަޔަކާގުޅޭ މައްސަލައެއްގައި ބޭނުމެއްނެތި އެމީހަކާ ނުވަތަ އެބަޔަކާ ޖެހިގަނެވޭފަދަ ވާހަކައެއްނުދެއްކުން
ބޒބސވ
24 November 2024
ޔޫކޭ އަދި އެމެރިކާ ވެގެން ކުރިކަމެއްވިއްޔާ
ގޮރުނުދޯރު
24 November 2024
ދުނިޔޭގަ ޑިވައިޑް އެންޑް ރޫލްގެ އުސޫލު ގެންގުޅޭ ބަޔަކަށް އަދި އަމުދުން އެބަޔަކު އުފެއްދި އެއްޗަކާ ދެކޮޅަށް ބަހެއް ބުނެ ކަމެއް ކުރެވޭނެތަ؟ އިޒްރޭލަކީ މިބުނި ޑިވައިޑް އެންޑް ރޫލްގެ ދަށުން ފާއިތުވި 1000 އަހަރުތެރޭ އިނގިރޭސީންނަށް އުފެއްދުނު އެންމެ މޮޅު އީޖާދުކަމަށް އިނގިރޭސީން ދެކެނީ. އިނގިރޭސީންނަށް ނޭނގެނީ އިޒްރޭލަކީ ދުވަހަކުވެސް ހަމަޖެހުމެއް އަމާންކަމެއް ނެތް ގައުމެއްކަން.