ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުން ކުރާ މުޒާހަރާއެއް ހުއްޓުވަން ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފައި. --ފޮޓޯ: އޭއެފްޕީ
26 ނޮވެމްބަރ 2024 - 09:02
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަން ކުރުމަށް ގޮވާލައި، ޕާކިސްތާނުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާގައި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ޖަލަށް ލާފައިވާ އިމްރާން ޚާންގެ މަނާކޮށްފައިވާ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު، ވެރިރަށް އިސްލާމްއާބާދުގެ މައި ސަރަހައްދުތަކަށް ވަނުން ހުއްޓުވަން ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ވެސް ބޭނުންކޮށްފަ އެވެ.
އެ ކުރިމަތިލުންތަކުގައި ފުލުހަކު މަރުވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވާ އިރު، އިތުރު ނުވަ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
އެ މުޒާހަރާތައް ހުއްޓުވަން، އިންޓަނެޓުގެ ހިދުމަތް ލިމިޓުކޮށް، 20،000 އެއްހާ ފުލުހުން ދަނީ މައި މަގުތަކުގައި ފޯރިމަރަމުންނެވެ. އަދި އިސްލާމްއާބާދުގައި މީގެ ދެ ހަފްތާ ކުރިން ވަނީ އެއްވުންތައް ވެސް މަނާކޮށްފަ އެވެ.
ޕާކިސްތާނުގައި 2018 އިން 2022 އަށް ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ޖަލަށް ލާފައިވަނީ ކޮރަޕްޝަންގެ ކުށްތަކާއި ހަމަނުޖެހުން އުފެއްދުން ފަދަ އެކި ކަންކަމާ ގުޅުވައި އިއްވި ހުކުމްތަކަށެވެ. އެކަމަކު އިމްރާން އަބަދުވެސް ވިދާޅުވަނީ މި ހުރިހާ ކަމެއް ގުޅިފައިވަނީ އޭނާ ވެރިކަމުން ދުރުކުރުމާއި އަލުން އެނބުރި ވެރިކަމަށް އަޔަ ނުދިނުމާ ކަމަށެވެ.
އޭނާ މިނިވަންކުރަން ގޮވާލައި ސަޕޯޓަރުން ކުރާ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ހުރަސްއަޅަމުންދާތީ، މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ކުރުސީ
26 November 2024
ޕާކިސްތާނުރައްޔިތުން ކިހިނެއްވެގެންތޯ މިއުޅެނީ؟
މުލޭ
26 November 2024
މިއީ ޕާކިސްތާނުގެ ރައްޔިތުންގެ ކަމެއްނޫން. މިއީ ސިޔާސީ މީހުންގެ އަމިއްލަ އެދުމާހުރެ ހިނގާ ހަމަނުޖެހުން. އަބަދު ވެސް ފެންނަނީ ބަދަލުހިފަން ނުވަތަ އަނެކަކުގެ ސިޔާސީ ކެރިއަރު ދުއްވާލަން ކުރާ މަސައްކަތް.