ފެނަކަ: އެޕޯލޯއަށް 27 މިލިއަން ރުފިޔާ ދޭން ފެނަކައިގެ މައްޗަށް ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
26 ނޮވެމްބަރ 2024 - 14:37
ފެނަކަ ކޯޕަރޭޝަނުން އެޕޯލޯ ހޯލްޑިންސް އަތުން ކްރެޑިޓް އުސޫލުން ނަގާފައިވާ މުދަލަށްވާ ފައިސާގެ ތެރެއިން މިހާތަނަށް ނުދީ ހުރި 27.1 މިލިއަން ރުފިޔާ ތިން މަސް ތެރޭ ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެޕޯލޯއިން ފެނަކައާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރީ 2020 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏަށް ފެނަކައިން ދޭންޖެހޭ ފައިސާ ހޯދުމަށެވެ. އަދި އެ ފައިސާ ދޫނުކޮށް ލަސްކުރަމުންދާތީ ލިބެމުންދާ ގެއްލުމުގެ ބަދަލާއި ގާނޫނީ ހަރަދަށް ދިޔަ ފައިސާ ނަގައިދިނުމުގެ ހައްގު އޮތްކަން ކަނޑައަޅައިދޭން އެދިފައިވެ އެވެ.
މި މައްސަލާގައި ޖަވާބުދާރީވާން ފެނަކައަށް ދިން މުއްދަތުގައި ޖަވާބު ހުށަހަޅާފައެއް ނުވެ އެވެ. މައްސަލާގައި ގިނަ އަދަދެއްގެ ލިޔުންތައް ހިމެނޭ ކަމަށް ބުނެ އެ ތަކެތި ދިރާސާކުރަން އިތުރު މުއްދަތަށް ފެނަކައިން އެދުނީ ވެސް މުއްދަތު ހަމަވި ފަހުންނެވެ. އެހެންވެ، ކޯޓުން މައްސަލަ ކުރިއަށް ގެންދިޔައީ ފެނަކަގެ ދިފާއު ބަލައިނުގަނެ އެވެ.
ސިވިލް ކޯޓުން ހުކުމް ކުރީ އެޕޯލޯއިން ފޯރުކޮށްދިން މުދަލަށްވާ 27.1 މިލިއަން ރުފިޔާއަކީ ފެނަކައިން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ. އެހެންވެ، އެ ފައިސާ ތިން މަސް ތެރޭ ދައްކަން އަމުރު ކޮށްފައިވެ އެވެ.
ނަމަވެސް، ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ހުކުމްގައިވެ އެވެ. އަދި ވަކީލުންގެ ފީ ވެސް ނަގައިދޭނެ ތަނެއް ނެތް ކަމަށް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
ފެނަކައިގެ ހަތަރު ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތްއިރު، ގިނަ ފަރާތްތަކުން ވަނީ ފައިސާ ހޯދަން ފެނަކައާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކާ ގުޅިގެން ފެނަކައިގެ އެކައުންޓްތަކުން ވަކި އަދަދަކަށް ފައިސާ ހިފަހައްޓަން ވެސް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓުއްތޯންބެ
27 November 2024
ގައުމު ދަރުވާލި މީހުން ކޮބާ ؟ ބަގުރޫޓޫ ވިޔަފާރިވެރިޔާ ކޮބާ؟ އެންޑީޕީ ލީޑަރޝިޕް ކޮބާ؟
އެމްސް
26 November 2024
މުޅި ސަރުކާރުވެސް އޮތީ ޢާއްމު އެތައް ދިމާލަކަށްވެސް ދަރައެވެ! ބޮޑެތި އެތައްވިޔަފާރިތަކެއް އޮތީ ޢާއްމުންނަށްވެސް ދަރައެވެ!
ވަތަންގެދަރި
26 November 2024
ކޮންރައްޔިތަކަށް މިގައުމު ވައްޓާލާފަ އޮތްއަނދަވަޅު ނޭނގެނި. އެކަމަކު ސިގިރެޓު އަޓުބޮޑުކުފުމާ ވޭޕު މަނާ ކުރުމާ އެއްބަޔަކަށް ބޯންބޭނޖންވާއެތިކޮޅު ލިބުން ދަތިވުމާ ، ލިބެމުން ދިޔަ ނާޖާއިޒު ލިބުންތައް ހުއްޓުނީމަ މިސަރުކާރުގޯސްވީ. ސަލާމަތުން ލޯ ހުރިބަޔަކަށް ހެޔޮބަދަލު ފެންނާނެ. މިހާރުވެސް މަގުމަތި ހާވިޔާ ވެލާފި. މަގުމަތީ އެނބުރުނު ބޯމީހުންނުފެނޭ.
ހާއިބްރީ
26 November 2024
ފެނަކަ ނެތެންނު މިއިން ޒަމާނަކު މިންޖުވާކަށް؟!؟!
ރެޑްނޯޓިސް
26 November 2024
މިހިރީ ދައުލަތުގެ ޙާލަތު!
ާއަލާން ވަލާނ
26 November 2024
އެޙާލަތް އެ ދިޔައި ދާދި ދެންމެދޯ!! 2020 ން ފެށިގެން!! ވީމާ ގޮވާނެ ކުރީ ސަރުކާރު! ޢަދި އަވަސް ކޯޓަށް މައްސަލަ ވައްދަން! 2050 އަށް މަޑުކޮށްލިނަމަ. އޭރަށް ބަދަލާއެކު ފަހަރުގަައި 3 ބިލިޔަން!.