ލިވަޕޫލުގެ ކުޅުންތެރިއެއް ކައިރިން ރެއާލުގެ އެމްބާޕޭ ދެމިގަންނަނީ: އޭނާ އަށް ރޭގެ މެޗުގައި ތަފާތެއް ނުދެއްކުނު. --ފޮޓޯ: އޭއެފްޕީ
28 ނޮވެމްބަރ 2024 - 09:31
އަމިއްލަ ދަނޑުގައި ޗެމްޕިއަން ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް ލިވަޕޫލުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ އެއް ވަނަ މަގާމަށް އެރިއިރު، މި މެޗުން ބަލިވުމުން ރެއާލަށް އަނެއް ބުރަށް ދިއުމަށް ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ލިވަޕޫލް އެއް ވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. އެ ޓީމާ އެންމެ ކައިރީގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާ ރެއާލް އޮތީ ހަ ޕޮއިންޓާ އެކު 24 ވަނައިގަ އެވެ.
މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 8 ޓީމަށެވެ. އަދި ނުވަ ވަނައިން ފެށިގެން 24 ވަނައާ ދެމެދުގައި ހިމެނޭ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް ކުޅެގެން ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދާށެވެ. މުބާރާތުން ކަޓާނީ އެންމެ ފުލަށްދާ 12 ޓީމެވެ.
މި މޮޅާ އެކު ލިވަޕޫލުން މިވަނީ ރެއާލް އަތުން މޮޅުނުވުމުގެ ސިލްސިލާ 8 މެޗަށް ފަހު ނިމުމަކަށް ގެނެސްފަ އެވެ. މޮޅުނުވެވި ދިޔަ ސިލްސިލާގައި 2018 އާއި 2022 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް ހިމެނެ އެވެ.
ރޭގެ މެޗަށް ރެއާލް ނުކުތީ އަނިޔާގެ ސަބަބުން ބަލިކަށި ސްކޮޑަކާ އެކު އެވެ. އެގޮތުން ވިނީޝިއަސް ޖޫނިއާ އާއި، ރޮޑްރިގޯ އާއި، ޑެނީ ކަރްވަހާލް އާއި އެޑާ މިލިޓާއޯ، އަދި އޯރެލިއެން ޗޫމެނީ ފަދަ ކުޅުންތެރިން ތިބީ ކުޅިބަލާށެވެ.
ލިވަޕޫލުން މި މެޗުގައި ލީޑު ނެގީ 52 ވަނަ މިނެޓުގައި އެލެކްސިސް މެކް އެލިސްޓާގެ ގޯލުންނެވެ. ރެއާލްށް 60 ވަނަ މިނެޓުގައި އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު، ވިނީޝިއަސް ނެތުމުން އެޓޭކް ލީޑުކުރަމުން ދިޔަ ކީލިއަން އެމްބާޕޭ އަށް ލިބުނު ޕެނަލްޓީ އޭނާ އަށް ކާމިޔާބެއް ނުކުރެވުނެވެ. ލިވަޕޫލުން ލީޑު ފުޅާކުރީ 76 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ޖެހި ގޯލުންނެވެ.
މެޗަށް ފަހު ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މިއީ އެމްބާޕޭ އަށް އުނދަގޫ ދުވަސްކޮޅެއް ކަމަށާއި ނަމަވެސް އޭނާއާ މެދު ކެތްތެރިވާން ޖެހޭ ކަމަށެވެ.
"އޭނާ އަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް. އޭނާ އަދި ތަފާތު ދައްކާނެ،"
އަންޗެލޮޓީ ބުނީ ލީގު ބުރުގައި ދަށް ނަތީޖާތަކެއް ނުކުތަސް ޓީމާ މެދު އިތުބާރު އެބައޮތް ކަމަށާއި، މި ފަހަރު ވެސް ރެއާލުން ޗެމްޕިއަންކަމަށް ވާދަކުރާނެ ކަމަށެވެ. އެ ޓީމު ވަނީ މުބާރާތުގައި މިހާތަނަށް މޮނާކޯ އާއި އޭސީ މިލާން އަތުން ވެސް ބަލިވެފަ އެވެ.
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނީ މުބާރާތް އެތައް ފަހަރަކު ކާމިޔާބުކޮށްފައިވާ ޓީމަކާ ދެކޮޅަށް ކުޅުމަކީ ހާއްސަކަމެއް ކަމަށާއި، އަދި އެ ޓީމު އަތުން މޮޅުވުމަކީ ޓީމަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮހޮޑާ
30 November 2024
ރެއާލް މެޑްރިޑް މޮނާކޯއަކާ ނުކުޅޭ. ދެން ކިހިނެއް މޮނާކޯއަތުން ބަލިވީ؟ މޮނާކޯ އަތުން ބަލިވީ ބާސެލޯނާ
ލެއްގިކޮމިޝަނަރ
28 November 2024
އެއްޗިލޮޓީ އެބުނީ ވަރަށް ރަނގަޅުވާހަކައެއް. ޔޫއެފާއާ ރެފްރީއާ އަދި ވީޢެއާރުގެ އެހީތެރިކަމާއެކު މިފަހަރުވެސް ލީގުނަގާ 16 ތަށި ހަމަކުރުން އެންމެގާތީ ހަމަ ރެއާލް މެޑްރިޑް. މަމެން އަބަދުވެސް މިކަހަލަ ކަންކަމުގަ ޕަޕާ ޕެރޭޒަށް އިތުބާރުކުރަން. ރެއާލް މެޑްރިޑަކީ ފައިސާއަށް ޗެމްޕިއަންސްލީގު ގަންނަން ފަރިތަކުލަބެއް.
ޣަނިއަ
28 November 2024
ކުރީރޭ ކުޅުނި މެޗްތައް މިމީހުންނަކަށްނުފެނުނި.