ހުރާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު އަރީން އުފާފާޅު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ނޮވެމްބަރ 2024 - 19:05
އަރީން އަބްދުﷲ އިބްރާޙީމް ކާމިޔާބު ކޮށްދިން ގޯލުން 1-0 އިން ޅ. ކުރެންދޫ ބަލިކޮށް ކ. ހުރާ، ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެވަނަ ބުރުގެ އުންމީދު އާކޮށްފި އެވެ.
ހުރާގެ ހަމައެކަނި ގޯލު 74 ވަނަ މިނިޓުގައި އަރީން ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ކުރެންދޫގެ މުހައްމަދު ނަބީހު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކެޕްޓަން އަރީން އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މިއީ ހުރާ މުބާރާތުގައި ކާމިޔާބު ކުރި ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުގައި އެޓީމު ވަނީ ކ. ގުރައިދޫއާ ވާދަކޮށް ބަލިވެފަ އެވެ. މި މޮޅާ އެކު ހުރާ އޮތީ ދެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު ގުރޫޕް ސީގެ ދެވަނައިގަ އެވެ.
ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތް ގުރައިދޫން ރޭ އައްޑޫ ސިޓީއާ އެއްވަރު ކޮށްގެން ހަތަރު ޕޮއިންޓް ހޯދާފައި ވާއިރު، އައްޑޫ ސިޓީ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ކުރެންދޫއަށް އަދި ލިބުނީ ފުރަތަމަ މެޗުގައި އައްޑޫ ސިޓީ އަތުން ހޯދުނު ހަމައެކަނި ޕޮއިންޓެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް، ހުރާގެ މުހައްމަދު ތަޝްމީން ހުއްޓުވަން އުޅުމުގެ ތެރޭގައި ކުރެންދޫގެ އަބްދުﷲ ނަބާހް އަހުމަދު އޭނާ ވައްޓާލުމުން، ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ނަބާހް އަށް ރަތް ކާޑު ދައްކައިފަ އެވެ.
ފުރަތަމަ ހާފުގައި ހުރާ އިން ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އެގޮތުން އަރީން އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލު މަތިން ފޮނުވާލެވުނު އިރު، ތަޝްމީން އާއި މުހައްމަދު ޝާން ފޮނުވާލި ހަމަލާ ވެސް ގޯލާ އަމާޒުކޮށެއް ނުލެވުނެވެ. އަދި ތަޝްމީން ފޮނުވާލި ހަމަލާއެއް ކުރެންދޫގެ ކީޕަރު، ލަންކާގެ ސުޖަން ޕެރޭރާ ވަނީ ދިފާއު ކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއް ތެރޭ ކުރެންދޫ އަށް ވަނީ ގޯލު ޖަހަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ކެޕްޓަން އަޝްހަމް އިބްރާހިމް މުހައްމަދު ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިފާއު ކުރީ ހުރާގެ ކީޕަރު އަހުމަދު އަރީޝް އެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ޑީގެ ރ. އަލިފުއްޓާއި ޅ. ނައިފަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްޓޫ
28 November 2024
މިމުބާރާތުގެ މެޗް ޝެޑިއުލާއި ޕޮއިންޓް ޓޭބަލް އެނގޭނެ ގޮތެއް ނެތްތަ؟