ރިތިކް ރޯޝަން އާއި އަޖޭ ދޭވްގަން.
01 ޑިސެމްބަރ 2024 - 06:14
އަޖޭ ދޭވްގަން ލީޑު ރޯލު ކުޅޭ ފިލްމެއްގެ ވިލަންގެ ރޯލު ރިތިކް ރޯޝަން ކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި އެ ފިލްމަކީ މީގެ ހަތަރު އަހަރު ކުރިން ގެނެސްދިން އަދި އަޖޭއަށް އިންޑިއާގެ އެންމެ މޮޅު އެކްޓަރުގެ ގައުމީ އެވޯޑު ވެސް ލިބުނު ފިލްމު "ތަނާޖީ: އަންސަންގް ވޮރިއާ"ގެ ސީކުއެލް އެވެ. އެއީ އިންޑިއާގެ ތާރީހާ ގުޅޭ ހަނގުރާމަވެރިއެއްގެ ވާހަކައެއް ގެނެސްދިން ފިލްމެކެވެ.
އެ ފިލްމު ޑައިރެކްޓުކުރާނީ ފުރަތަމަ ފިލްމު ވެސް ގެނެސްދިން އޯމް ރައުތު ކަމަށް ރިޕޯޓްތައް ބުންޏެވެ.
ރިޕޯޓްތައް ބުނީ އެ ފިލްމުގެ ވިލަންގެ ރޯލަށް ރިތިކް ހަމަޖައްސައި، ސްކްރީންޕްލޭ ނިންމުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރިތިކް ވަނީ މީގެ ކުރިން ވެސް ދެ ފިލްމެއްގައި ވިލަންގެ ރޯލު ކުޅެފަ އެވެ. އެއީ 2006 ގައި ގެނެސްދިން "ދޫމް 2" އާއި 2022 ގައި ގެނެސްދިން "ވިކްރަމް ވޭދާ"ގަ އެވެ.
"ތަނާޖީ: އަންސަންގް ވޮރިއާ"ގައި ވިލަންގެ ރޯލު ކުޅުނީ ސައިފް އަލީ ހާނެވެ.
މި ފިލްމު ވާނީ އަޖޭ އާއި ރިތިކް އެކުގައި މަސައްކަތްކުރާނެ ފުރަތަމަ ފިލްމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy