ރިޕޯޓް

ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ

ފެމިލީ ކޯޓު --- ފޮޓޯ/މިހާރު

ދަރިންގެ ހަރަދު ނަގައި ދިނުމުގެ މައްސަލައަކީ ރާއްޖޭގައި އަބަދުވެސް ޝަކުވާ ބޮޑު މައްސަލައެކެވެ. އެއްކޮޅުން ދަރިންގެ ހަރަދުގެ ގޮތުގައި ނަގައިދޭ އަދަދު އެކަށީގެން ނުވާ ކަމުގެ ފާޑުކިޔުން އޮންނައިރު، އަނެއްކޮޅުން ހަރަދު ހޯދުމަށް އުފުލަންޖެހޭ ތަކުލީފުތަކުގެ ޝަކުވާ ވެސް ވަކި ކުޑައެއް ނޫނެވެ. މިއީ ކޯޓުތަކުގެ ހިންގުން އެކަނި ހަލުވި ކޮށްގެން ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު އަދި ނިޒާމު އޮތްގޮތުން ހައްލު ހޯދަން އުނދަގޫ މައްސަލަ އެކެވެ.

ދަރިންނަށް ހަރަދު ނަގައި ދިނުމުގެ ގަވާއިދުތައް މިހާރު އޮންނަ ގޮތުން މިހާރު ނަގައިދެނީ އެންމެ ކުއްޖެއް ހުރި ނަމަ މަހަކު 2،000ރ. އާއި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000ރ. ގެ ރޭޓުންނެވެ. ކުއްޖާގެ ބައްޕަގެ ތަނަވަސްކަން ހުރި ނަމަ ނުވަތަ ކުއްޖާ އަށް އިތުރު ހަރަދުތަކެއް ކުރަންޖެހޭ ނަމަ އެ އަށް ވުރެ އިތުރަށް ހަރަދު ނަގައި ދެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. ނަމަވެސް އިތުރަށް ހަރަދު ނަގައިދެވޭނީ އެކަންކަން ކޯޓުގައި ސާބިތު ކޮށްދީގެންނެވެ.

މި އަދަދުތައް މުރާޖައާ ކުރަން ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، މިއީ ހިޔާލު ތަފާތުވުން ބޮޑު މައްސަލަ އެކެވެ. ދިރިއުޅުމުގެ ހަރަދުތަކާއި މުދަލާއި ތަކެތީގެ އަގު ބޮޑުވަމުންދާއިރު، މި ޒަމާނުގައި ކުއްޖަކަށް ދަރިންގެ ހަރަދުގެ ގޮތުގައި މަހަކު ދޭ 1،000ރ. އަކީ ބޭހަކަށް ނުވެ އެވެ. ނަމަވެސް އަނެއްކޮޅުން ބައްޕައިން އެހެން ދިރިއުޅުމެއް ފަށައިގެން އުޅޭތީ އެކަމަށް ކުރަންޖެހޭ ހަރަދުތައް ގުރުބާން ކުރަން ޖެހުމަކީ ވެސް އެ މީހުންގެ ނަޒަރުގައި އެ މީހުންނާ މެދު ވެވޭ ބޭ އިންސާފެކެވެ.

ދަރިންގެ ހަރަދުގެ ގޮތުގައި ނަގައިދޭ އަދަދަކީ އެންމެ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެކަމަކު، ހަރަދުގެ މިންވަރު ގާނޫނަކުން ނުވަތަ ގަވާއިދަކުން ބޮޑު ކުރުމަކީ މިކަމަށް އޮތް ހަމައެކަނި ހައްލު ކަމާ މެދު ސުވާލު އުފެދެ އެވެ. އޭގެ މައިގަނޑު ސަބަބަކީ ނިޒާމު މިވަގުތު އޮތްގޮތުން ދަރިން ހަރަދުގެ ގޮތުގައި ލިބޭ އަދަދަށް ވުރެ އެ ހަރަދު ހޯދަން އުފުލަންޖެހޭ ތަކުލީފު ބޮޑުވުމެވެ. މިއީ އެތައް ޒަމާނެއްވީއިރު ވެސް ހައްލު ނުވި ބޮޑު މައްސަލަ އެކެވެ.

"ކޮންމެހެން ބޭނުންވާ އަސާސީ ބައެއް ކަންކަން ދައުލަތުން ފޯރުކޮށް ދިނުމަށްފަހު ދައުލަތުން، އެ ހަރަދު ދޭންޖެހޭ މީހެއްގެ ފަހަތުން ދިއުން އެއީ ވެސް ކުރެވިދާނެ ކަމެކެވެ."

ދަރިންގެ ހަރަދު ނުދެއްކުމަކީ މިހާރު ވެސް ހަރުކަށި ފިޔަވަޅު އެޅޭ ކަމެކެވެ. އެކައުންޓް ފްރީޒް ކޮށްގެން ފައިސާ އަތުލުމާއި ފުރުން މަނާކުރުމާއި މުސާރައިން އުނިކުރަން އެންގުމުގެ އިތުރުން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ގޭ ބަންދާއި ޖަލު ހުކުމްތައް ވެސް އިއްވޭ ކަމެކެވެ. ދާދި ފަހުން ވެސް އެފަދަ މައްސަލައެއްގައި މީހަކު ޖަލަށްލާން ރަށެއްގެ ކޯޓަކުން ހުކުމްކުރި އެވެ. އެކަމަކު، ހަރުކަށި ފިޔަވަޅު އެޅި ނަމަވެސް ނިޒާމުގެ ތެރެއިން ކޮންމެވެސް ބަހަނާއެއް ހޯދައިގެން އުޅޭ މީހުން އަދިވެސް މަދެއް ނޫނެވެ.

އަނެއްކޮޅުން ޖަލަށްލުމާއި ގޭ ބަންދު ފަދަ އަދަބުތަކަކީ ވެސް މުޅިއަކުން ހައްލެއް ނޫނެވެ. ސަބަބަކީ ޖަލަށްލި ނަމަވެސް ހަރަދުގެ ފައިސާ ލިބުން އިތުރަށް ލަސްވުން ނޫން ކަމެއް އޭގެ ސަބަބުން ނުނިކުންނާތީ އެވެ. ޖަލަށްލުން ފަދަ އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާ ގެއްލި، އާމްދަނީ އަށް ހުރަސް އެޅުމުން އިތުރު އިޖްތިމާއީ މައްސަލަތަކެއް ވެސް ނުކުމެވެ. ނަތީޖާއަކަށް ވަނީ އާހިރުގައި ހުރިހާ ގެއްލުމެއް ނުސީދާ ގޮތުން ކުދިންނަށް ލިބުމެވެ.

ފެމިލީ ކޯޓް --- ފޮޓޯ/މިހާރު

ދަރިންގެ ހަރަދު ގޮތުގައި ކޯޓުން ނަގައިދޭ ފައިސާ ނުދައްކާ ކޮންމެ ފަހަރަކު ކޯޓަށް ދާން ޖެހުމަކީ ގިނަ މީހުންގެ ޝަކުވާ އެވެ. ދަރިންނަށް އުމުރާއި މާހައުލަށް އަންނަ ބަދަލުގެ ސަބަބުން އިތުރު ހަރަދެއް ކުރަން ޖެހުނަސް، ބައްޕަ އެއްބަސްނުވާ ހާލަތުގައި އިތުރު ހަރަދެއް ނަގައިދޭން އަނެއްކާވެސް ކޯޓަށް ދާން ޖެހުމަކީ ވެސް ގިނަ މަންމައިންގެ ކަންބޮޑުވުމެވެ. ނަމަވެސް ނިޒާމު އޮތްގޮތުން އެ ނޫން ގޮތަކަށް ބައްޕަގެ ނުރުހުމުގައި ފައިސާ އަތުލެވޭނެ ގޮތެއް ނެތެވެ.

"ދޮން ބައްޕައަށް ވެސް މާލީ ޒިންމާއެއް އޮންނަ ގޮތަށް ލާޒިމް ކުރުވުން އެއީ ވެސް ބައެއް ގައުމުތަކުގެ ގާނޫނުތަކުގައި އޮންނަ ގޮތެކެވެ."

ގަވާއިދުން ހަރަދު ކުރާކަން ކަށަވަރު ކުރުމަށްޓަކައި މިހާތަނަށް އޮންނަ އުސޫލަކީ ދަރިންގެ ހަރަދު ކޮންމެ މަހަކު ކޯޓަށް ދައްކަން އެންގުމެވެ. އޭރުން ކޯޓުން އެ ފައިސާ މަންމައިންނަށް ކޮންމެ މަހަކު ދޫކުރެ އެވެ. ނަމަވެސް މިގޮތަށް ކޯޓަށް ޖަމާކުރާ ފައިސާތައް ވަންނަނީ ދައުލަތުގެ ޕަބްލިކް އެކައުންޓްތަކަށް ކަމަށް ވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދުތައް ހުންނަ ގޮތުން އެ ފައިސާ ދޫކުރުމުގައި ބައެއް ފަހަރު ލަސްވެ އެވެ. އެހެންވެ، ކޯޓު މެދުވެރިނުކޮށް ބައެއް މީހުން ދަރިންގެ ހަރަދުގެ ފައިސާ ދޭ ގޮތަށް ހަދަ އެވެ.

އެކަމަކު، ކޯޓު މެދުވެރިނުކޮށް ހަރަދު ދޭން އެއްބަސްވުމަށް ފަހު ވަކި ހިސާބަކުން ހަރަދު ދިނުން ހުއްޓާލައިފި ނަމަ މައިންނަށް އަނެއްކާވެސް ޖެހެނީ ކޯޓަށް ދާށެވެ. ގިނަ ބަޔަކު އުފުލަންޖެހޭ ތަކުލީފަކީ މިއީ އެވެ. އެފަދަ ކޮންމެ ހާލަތެއްގައި، ކޯޓުތަކުން ވަގުތުން ވަގުތަށް ފިޔަވަޅު އެޅޭ ވަރަށް ވުރެ ކޯޓުތަކުގައި މައްސަލަތައް ގިނަ އެވެ. އެހެންވެ، މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ހަރަދު ނުދައްކާ ނަމަ އެހެން ނިޒާމެއްގެ ތެރެއިން ހަރަދު ހޯދޭނެ މަގު ތަނަވަސްކޮށް ދިނުމެވެ.

"ބައެއް މީހުން ކޯޓަށް ދާން އެބަ ޖެހިލުންވޭ އަޅާ ފިޔަވަޅެއްގެ ސަބަބުން އިތުރަށް މަސްލަހަތު ގެއްލިދާނެތީ ބިރުން."

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން ހަރަދު ނަގައި ދިނުމާއި އަދި ހަރަދު ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދުމުގައި މިހާރު އޮންނަ ނިޒާމު އެހާ ފުރިހަމައެއް ނޫނެވެ. ކޮންމެ ފަހަރަކު ކޯޓަށް ދާން ޖެހޭ ގޮތަށް އޮންނަ ނިޒާމު ބަދަލުކޮށް، ދައުލަތުން މެދުވެރިއެއްގެ ރޯލު އަދާކުރެވިދާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"ކޯޓަށް ސާބިތުވެ، ހަރަދު ނުދައްކާ ނަމަ ކުދިންގެ މަންމަގެ ފަރާތުން އެކަން ކުރަން ކޯޓަށް ދުވުމުގެ ބަދަލުގައި ކުދިންނަށް ކޮންމެހެން ބޭނުންވާ އަސާސީ ބައެއް ކަންކަން ދައުލަތުން ފޯރުކޮށް ދިނުމަށް ފަހު ދައުލަތުން، އެ ހަރަދު ދޭންޖެހޭ މީހެއްގެ ފަހަތުން ދިއުން އެއީ ވެސް ކުރެވިދާނެ ކަމެކެވެ،" ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުން ބައްޕަގެ އިތުރުން ދޮންބައްޕައިންގެ މައްޗަށް ވެސް މިކަމުގައި ޒިންމާތަކެއް މަތި ކުރުމަކީ ގާނޫނަކުން ކުރެވިދާނެ ކަމެކެވެ. އާއިލާއާ ބެހޭ ގާނޫނު މިހާރު އޮތީ އެންމެ ފުރިހަމަ ގޮތަކަށް ނޫން ކަމަށް ސަމީރު ދެކެވަޑައިގަންނަވަ އެވެ.

"ކުއްޖާގެ މަންމައާ ކައިވެނި ކޮށްގެން އުޅޭ ނަމަ ކުއްޖާގެ މައްޗަށް ދޮންބައްޕަ އަށް ވެސް މާލީ ޒިންމާއެއް އޮންނަ ގޮތަށް ލާޒިމް ކުރުވުން އެއީ ވެސް ބައެއް ގައުމުތަކުގެ ގާނޫނުތަކުގައި އޮންނަ ގޮތެކެވެ،" ހައި ކޯޓުގައި ގިނަ އާއިލީ މައްސަލަތަކެއް ވެސް ބެއްލެވި ސަމީރު ވިދާޅުވި އެވެ.

ގާނޫނީ އެހެން ބައެއް ބޭފުޅުން ވެސް އެކަމަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ހަރުކަށި ފިޔަވަޅު އެޅުމަށް ވުރެ، ކޯޓުތަކާ ވަކިން ހިނގާނެ އެހެން ނިޒާމެއް ދައުލަތުގެ ތެރެއިން އެކަމަށް ވަރަށް މުހިންމެވެ.

"މުހިންމު ވަނީ އަދަބެއް ދިނުމެއް ނޫން. ބޭނުމަކީ ގަވާއިދުން ހަރަދު ކުރުވަން ލާޒިމްކުރުން. ބައެއް މީހުން ކޯޓަށް ދާން އެބަ ޖެހިލުންވޭ އަޅާ ފިޔަވަޅެއްގެ ސަބަބުން އިތުރަށް މަސްލަހަތު ގެއްލިދާނެތީ ބިރުން. އެހެންވީމަ ކޯޓުން ބޭރުން މިކަމަށް ނިޒާމެއް އޮތުން މަސްލަހަތު އޮތްގޮތަކީ،" އެހެން ވަކީލަކު ވިދާޅުވި އެވެ.

ދަރިންގެ ހަރަދުގެ ގޮތުގައި ނަގައިދޭ އަދަދު ބޮޑު ކުރުމަކީ މުޅި މައްސަލައިގެ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި އެ އަދަދުތައް މުރާޖައާ ކުރުމާ އެކު ހަރަދު ހޯދުމުގައި ކޮންމެ ފަހަރަކު އުފުލަންޖެހޭ ތަކުލީފުތައް ކުޑަ ކުރުމަށްޓަކައި ކޯޓުތަކާ ވަކިން ދައުލަތުގެ އެހެން ނިޒާމެއް އޮތުން މުހިންމެވެ.

34 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަރީރު

06 December 2024

ބަފާއަތުން ހުރިހާ ހަރަދެއް ހޯދަންވީމަ އިސްލާމީ ޝަރީއަތް. އެނޫން ހުރިހާކަމެއްގަ އަންހެނުންނާ ފިރިހެނުން ހަމަހަމައޭ ކިޔާފަ އެންމެން މި ވާހަކަދައްކަނީ. ދަރިންނަށް ހަރަދު ކުރަންޖެހޭނެ ބައްޕަވެސް މަންމަވެސް އެއްވަރަށް. ދަރިން ބަލަހައްޓަންޖެހޭނީ އެތަނުން އެކަކު. ބަލަހައްޓާ މީހާއަށް ޚަރަދު ދޭކަށް ނުޖެހޭނެ. ބަލަހައްޓަންވާނީ އެ ޚަރަދު ކުރެވޭނެ ގާބިލްކަން ހުންނަ މީހާ. އެއީ މަންމައަށް ވާކަށްނުޖެހޭ. ބައްޕައަށްވެސް ބެލެހެއްޓެންވާނެ

The name is already taken The name is available. Register?

ހުދުވަސް

04 December 2024

ކާވެނިކުރުމުގެ ހައްގު ލިބިގެންވަނީ ފުދޭމީހުން ނުވަތަ ލިބޭމީހުންއައް އެކެންޏެއްނޫން. ރަގަޅުތައުލީމެއް ނެތްމީހުންއަށް ހުންނަ ފުރުސަތުތައްކުޑަ މިކަހަލަމީހުން ދިރިއުޅެނީ ތަންތަނުގާ މަސަތްކަތްކޮއްގެން މިފަދަމީހުންގެ އާމުދަނީއަކީ މަހުންމަހައް ކަޑައެޅިފަހުންނަ އާމްދަނީއެއްނޫން. މިބުނެވުނުމީހުންގެ ދިރިއުޅުމުގެވެސް ހާލަތައް އައްނަ ނުތަނަވަސްކަމުގާ ވަރިހިގާ. ދަރިންދެކެލޯބިވާ ދަރިންގެކަންކަމައް ބުރުލެއްނާރުވާ ވޭތޯބަލާ ދެރަނިކަމިތިން މީހުންވެސް މީގެތެރޭގަވޭ

The name is already taken The name is available. Register?

ލިނބޯ

04 December 2024

ފުރަތަމަ ކަމަކަަށް ވަރި ކުރުން މަދުކުރެވޭނެ ގޮތްތައް ބަލާ މަދުކުރަން އެބަޖެހޭ. މައިގަނޑު މައްސަލައަކީ ކައިވެނީގެ ބޭރުން ހިންގޭ ގުޅުންތައް. ހުރިހާ ކުށަކަށްވެސް އިސްލާމީ ޝަރީއަތުގެ މަގުން އަދަބުދޭނަމަ ވަރިވެސް މިހާ ގިނައެއް ނުވާނެ.

The name is already taken The name is available. Register?

ޕޮލިޓިކަލް ޗިޕް

04 December 2024

އަހަންނަށް ވެރިކަން ދީފިނަމަ ތިކަން ހައްލުކުރާނަން އެންމެ ފޯން ކޯލަކުން ބޭންކް ކާރޑް ބްލޮކް ކުރުމަށްފަހު އެމީހެއްގެ މުސާރަ ކޯޓަށް ޖަމާވާގޮތަށް ހެދީމަ ނިމުނީ އޭރުން ޚަރަދު ކަނޑާފައި އޭނާއަށް މުސާރަ ލިބޭނީ ތިކަން ހައްލުކުރަން ބަޔަކު ނޫޅެނީ

The name is already taken The name is available. Register?

ބައްޕަ

04 December 2024

ކައިވެނި ރޫޅުމުން ދަރިންގެ ކަންކަމުގައި ދެމީހުންވެސް ޒިންމާ ނަގަންޖެހޭ. ޒިންމާނެގުމަކީ ހަމައެކަނި ފައިސާ ދިނުމެއްނޫން. ޚަރަދުކުރުމަކީ އެންމެ ކުޑަމިންވަރު. މަންމަ ކައިރީގައި ކުދިން އުޅުނަސް އަދި ބައްޕަ ކައިރި އުޅުނަސް ކުދިންގެ މަސްލަހަތު އެންމެ ކުރިޔަށް ނެރެ ކުދިންގެ ކަންކަމުގައި އެއްބާރުލާން ޖެހޭ. މިގޮތަށް ނޫޅޭ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ. އެއީ ހަމައެކަނި ބައްޕަ ޚަރަދޔު ދޭތޯ ބެލުމެއްނޫން. ކުދިންބެ މަންމަ ކަންކުރާ ގޮތްވެސް ބަލަންޖެހޭ.

The name is already taken The name is available. Register?

ޝޯމޭން

04 December 2024

ކުއްޖާގެ ބައްޕަޖެހޭ ކިޔެވުމުގެ ހުރިހާ ހަރަދެއްކުރަން، ހުރިހާ އަންނައުނެއް ގަންދޭން، ހުރިހާ ބޭސްފަރުވާއެއް ކޮށްދޭން. މިހުރިހާ ކަމެއްގެ އިތުރުންދޭންޖެހޭ ފައިސާއެއް ތި 2000ރ ތިއީ. އަޅުގަނޑު ދަންނަން މިހުރިހާ ހަރަދެއް ކޮށްފަ ވަރިކުރި އަންހެންމީހާއަށް ކޯޓައް ފައިސާ ޖަމާކުރަމުން ދަރި ބަލާ ފިރިހެނެއްވެސް. ބައެއް އަންހެނުންނަކީވެސް ވަރަށް ވިޔާނުދާ ނާޖާއިޒު ފައިދާނަގާ ބައެއް. މިފަދަ ކަންކަމަށްވެސް ރިއާއަތް ކުރަންވާނެ ގާނޫނު ބަދަލުކުރާއިރު.

The name is already taken The name is available. Register?

އިދްރީސް

04 December 2024

އެހެން ގައުމު ތަކުގަ އޮންނަ ގޮތަށް ކައިވެނި ރޫޅޭ ސަބަބަށް ވެސް ރިޔާޔަތް ކުރަން ޖެހޭ އަންހެން މީހާގެ ކުށުން ކައިވެނި ރޫޅިއްޖެނަމަ ދަރިއަށް ހަަރަދު ކުރުން އަންހެން މީހާގެ މައްޗަށް ލާޒިމް ކުރަންޖެހޭ އަދި އަންހެން މީހާ އަކީ ވަޒީފާ އަދާ ކުރާ އަންހެނެއް ނަމަ އަދި ގެދޮރާއި ތަނަވަސް ކަން ހުރި ނަމަ އަންހެން މީހާގެ މައްޗަށް އެހަރަދު ކުރަން ގާނޫނަކުން ލާޒިމް ކުރެވިދާނެ

The name is already taken The name is available. Register?

ދޮންމަނިކެ

04 December 2024

އަސްލު ހަގީގަތުގައި ދަރިންނަކީ އެހޯދާ ބައެއްގެ ޒިންމާ ދަށުގައި ތިބެންޖެހޭ ބައެއް ދަރިން ހޯދާ ބައަކު އެކުދިންގެ ހަރަދު ތަކަށްވެސް ޒިންމާ ވާންޖެހޭނީ ނުބެލޭ ވަރަށް ކުދިން ނުހޯދީމަ ނިމުނީ ދައުލަތުން ކިހިނެތް ވަރިވެފައި ތިބޭ ހުރިހާ އެންމެންގެ ދަރީންގެ ހަރަދުބަލާނީ މިރާއްޖޭގައި އަންހެން ކުދިން ގެ ކަމަކީ މީހަކާ އިނދެފަ ދަރިއެއް ލިބޭ އިރަށް އެހެން ފިރިހެނަކު ފެނިގެން ފިރިމީހާ ކައިރިން ވަރިވުން

The name is already taken The name is available. Register?

އެމްވައްޑެ

04 December 2024

ޖަލައްލާ، ޖަލުން އެބަ ހަރަދުކުރޭ ގައިދީ އަކަށް 2000ރ ކެއުމަށް ބައްޕައަށް 500ރ ކެއުންދީފަ އަނެތް 1500ރ ދަރީގެ ހަރަދު ގޮތުގަ މަންމައަށް ދީ.

The name is already taken The name is available. Register?

ދޮން ހުސޭން

04 December 2024

ކުއްޖާއާ ލޭގެ ގުޅުމެއް ނެތް މީހެއްގެ މައްޗަކަށް ކުއްޖާއަށް ޚަރަދުކުރަން ލާޒިމެއް ނުކުރެވޭނެ. ކުއްޖާގެ ބައްޕަ ޚަރަދު ނުދެންޏޭ ކުއްޖާގެ ކާފަ ނުވަތަ ބައްޕަ ފަރާތު އާއިލާ ޒިންމާކުރުވަންވީ.

The name is already taken The name is available. Register?

ދޮންބައްޕަ

05 December 2024

ޔެސް. ދޮންބައްޕަ ވެސް ޚަރަދު ކުރަންޖެހޭ ކުރީގެ ކައިވެންޏަށް ލިބިފަ ތިބި ދަރިން ތިބުން އެކަށީގެންވޭ. ދެން ފިރިހެނުން ހަފުސްވާނީ، ވަރިކުރި ފުޅުގެ ދަރިންނާ އަނބިގޮއްޔެގެ ދަރިންނާ، މިހާރު ކޮށްގެން އުޅޭ ކައިވެންޏަށް ލިބޭ ދަރިންނަށް ޚަރަދު ކުރުމުގަ. އަދި އޭގެ ނިކަމެތިކަން ލިބޭނީ އަންހެނުންނަށް. ކުދިން ތިބޭ އަންހެނުންނާ ފަހުން ފިރިހެނުން އިންނާކަށް ބޭނުމެއް ނުވާނެ. އެހެންޏާ، ކާކު އެހެން ބައެއްގެ ދަރިންގެ ޒިންމާ ނަގަން ބޭނުންވާނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454