އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަދައްކަނީ.-- ފޮޓޯ: އެމްޑީޕީ
06 ޑިސެމްބަރ 2024 - 10:42
ވެރިކަމެއް ވައްޓާލުމަކީ އެމްޑީޕީން ކުރާނެ ކަމެއް ނޫން ކަމަށާއި މަގުސަދަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް އެ ޕާޓީގެ ޗެއާޕާސާން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަންގާރަ ދުވަހު އެމްޑީޕީން މާލޭގައި ބާއްވާ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން"ގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ރޭ ބޭއްވި އެ ޕާޓީގެ ޖަގަހަ ޖަލްސާގައި ފައްޔާޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މި ސަރުކާރުގެ ސިޔާސަތުތައް ހުރީ އާންމު ރައްޔިތުންނަށް ވަރަށް އުނދަގޫވާ ގޮތަށް ބައްޓަންކޮށްފައި ކަމަށާއި އެ އުސޫލު ކަންކަން ކުރުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާ "ހިތުހުރި ގޮތަކަށް" ކުޅެމުން އަންނަ ކަމަށާއި އެއީ އެ ގާނޫނުއަސާސީ ގެންނަން އެމްޑީޕީން ކުރި ބުރަ މަސައްކަތާ މުޅިން ދެކޮޅު ކަންތައްތައް ކަމަށެވެ. އެހެންވެ، އެމްޑީޕީން މި ނުކުންނަނީ އެ ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ
ސަރުކާރަށް ވިސްނައިދެވޭތޯ އެކިއެކި ފޯރަމްތަކުގައި، އެކި ގޮތްގޮތަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އެކަމަކު އެކަން ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ އެގޮތަކަށް ނޫން. އަޅުގަނޑުމެން މަގުމަތިން ދާއިރުގައި، މިސްކިތަކަށް އަރާއިރުގައި، ހޮޓަލަކަށް ވަންނައިރުގައި، މުސްކުޅި އުމުރުން ފެށިގެން އައިސް ޒުވާނުންނަށް ދަން ދެން މި ބުނަނީ މި މީހުން މި ވެރިކަމުން ބާލަން އެބަޖެހޭނުންހޭ،" ފައްޔާޒް ވިދާޅުވި އެވެ.
"އާދެ، އަޅުގަނޑު އެބަ ދަންނަވަން، އަޅުގަނޑުމެންނަކީ މީހުން ވެރިކަމުން ބާލާ ބައެއް ނޫނޭ. އަޅުގަނޑުމެންނަކީ ހަމަ މަގަށް މީހުން އަޅުވާ ބައެކޭ. އަޅުގަނޑުމެން ކުރަން މި އުޅޭ މަސައްކަތަކީ ގާނޫނު އަސާސީގެ އިމުގެ ތެރެއިން މި ސަރުކާރު ޖަވާބުދާރީކުރުވުން."
ގާނޫނުއަސާސީގެ ދިފާއުގައި ބާއްވާ ބޮޑު ސައްލާ އެމްޑީޕީ ހަރުގޭގަ ކުރިއަށްދަނީ. #QAgeDhifaaugai pic.twitter.com/TC6Bcuj8cc
— MDP Secretariat (@MDPSecretariat) December 5, 2024
ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހެނީ ޖަލްސާ ބާއްވައިގެން ކަމަށް ވިޔަސް ނުވަތަ މަގުމައްޗަށް ނުކުމެ މުޒާހަރާ ކޮށްގެން ކަމަށް ވިޔަސް، އެމްޑީޕީން އެކަން ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި ހަމަ އެ ދުވަހު ފާސްކޮށް އަދި ތަސްދީގުކުރި ކަންކަމުގެ ތެރެއިން ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އިރު ހުރި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ އަދި އަމިއްލަ ގޮތުން ހޮވުމަށް ފަހު ޕާޓީއަކަށް ވަދެއްޖެ ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވަނީ އެ ދުވަހު ބަދަލުކޮށްފަ އެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އެމްޑީޕީން ޖަލްސާ ބާއްވަން ނިންމާފައި ވަނީ ޑިސެމްބަރު 10 ވާ އަންނަ އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. އެއީ ރާއްޖޭގެ މަސްވެރިންގެ ދުވަހާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ވެސް މެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާލިމް
08 December 2024
ތިމީހުންގެ ޖަވާބްދާރީ ކުރުވަން މަސައްކަތް ކޮށްގެނ މި މުޅި މާލެތެރެއަށް ވާނެ ގޮތްތައް އަހަރެމެންނަށް އޮތީ ކުރިންވެސް ފެނިފަ. އެހެންވީމަ ބުނެލަން އޮތީ ޕްލީސް ނުނުކުނާށޭ.
ޖޯކް
07 December 2024
ޖަގަހަޔަށް 20 މީހުން އެއްކޮށް ނުލެވޭ. ދެން ކިހިނެތް ބަގާވާތް ކުރަން ބޭނުންވިޔަސް ކުރާނީ.
އައްބެ
07 December 2024
ބަލަ ގާނޫނު އަސާސީން ގާނޫނު އިސްލާހުކުރުމުގެ ޒިންމާ އޮންނަނީ ރައްޔިތުން އިންތިޚާބުކުރާ މެންބަރުންނަށޭ. އެމީހުންގެ އިސްލާހަށް ރުހުނަސް ނުރުހުނަސް ޖެހޭނީ ބޯލަބަން. އެއީ ހަމަ ތިޔަޕާޓީގެ ބައިވެރިވުމާއިއެކު ފާސްކޮށްފައިވާ ޤާނޫނު އަސާސީއެއް. ތިޔަޕާޓީގެ މެޖޯރިޓީ އޮވެގެން ކުރާކަންކަން ކިތަންމެ ގޯހަސް އެހެންމީހުން ޖެހޭ ތަބާވާން. މިއީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯ.
އަަސިފް
07 December 2024
އެމްޑީޕީ އަކީ ވެރިކަން ވައްޓާލަން މަސައްކަތް ކުރާބައެއް. އެތައްފަހަރަކު ޕާޓީ ކުދިން ޖަލަށް ދާނެ ޖެހެނީ ސަރުކާރު ވައްޓާލަން ބޭނުމްވެގެން މަގުމައްތީ ހަލަބޮލިކޮށް ފުލުހުންނާ ދެކޮޅަށް ނުކިތުމުން. ތިމީހުންނަށް އަދި ސަރުކާރެއް ވައްޓާލެވޭ ވަރަށް ގުދާރުގެ ހިތްވަރު ނުލިބެނީ. ތިވެސް ބަޔަކަށް އޮޅުވާލަން ބުނާ ވާހަކައެއް.
ޢަލީ ބުނީ.
07 December 2024
ތިޖަލްސާގަ ތިބި މަދު މީހުންކޮޅު އަންގާރަ ދުވަހު ބާއްވާ ބޮޑު ޖަލްސާ އައް ދާނެކަމައް އުންމީދުކުރަން. ޥަރައްސަލާން
ބަޝީރުު
06 December 2024
އަސްލު ކަންކަމުގެ މައްސަލަ ހައްލުކުރުމުގަ ފިޔަވަޅު އެޅިފަހުރީ.
ކިނާނު
06 December 2024
ފައްޔާޒުމެން ދައްކާ ވާހަކަ ބަލައިގަންނާނެ ބަޔެއް ނެތް މިހާރަކު.
ލަލީގާ
06 December 2024
ހެހެހެ. ރޭގަވެސް އަޑު އިވުނީ ހަޅުތާލު ކުރަން އުޅޭ ވާހަކަ އެމްޑީޕީ މީހުން. ނުދާނަން
އައްބާސް
06 December 2024
ގަބޫލެއް ނުކުރެވޭނެ މިއަދު އެމްޑީޕީއިން ދައްކާ ވާހަކައެއް.
ނަޖީބުު
06 December 2024
ވަރަށް ރީއްޗަކަށްނުން ޖަވާބުދާރީ ތި ކުރުވަނީ! ގައުމު ހަލަބޮލި ކޮއްލާގެން.