އޭއެމްޑީސީން ހެލްތު މިނިސްޓަރު ނާޒިމަށް ހާއްސަ ޓޯކަނެއް ރޭ އަރުވަނީ.--- ފޮޓޯޯ: އޭއެމްޑީސީ
07 ޑިސެމްބަރ 2024 - 08:53
ފެނާއި ކޯބާތަކެތި ތަހުލީލު ކުރެވޭ ގޮތަށް އޭއެމްޑީސީން ހުޅުވި "ލައިފް ސައިންސް ލެބް" އަށް އައިއެސްއޯ ސެޓްފިކެޓް (ISO/IEC 17025:2017) ލިބިއްޖެ އެވެ.
އެކަން ފާހަގަކުރުމަށް ޖެން ހޮޓަލުގައި ރޭ ބޭއްވި ހާއްސަ ހަފުލާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ކާބޯތަކެތި އުފައްދައި، މާކެޓަށް ނެރޭއިރު އެ ތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތަކާއި ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާފައި ނުހުންނަ ކަމަށެވެ. އެކަމަކު، އެކަން ހައްލު ކުރުމަށް ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭއެމްޑީސީ ސައިންސް ލެބްގައި މީހަކު މަސައްކަތް ކުރަނީ: އެ ލެބުން ކާބޯތަކެތީގެ ފެންވަރު ކަށަވަރު ކުރެވޭނެ --- ފޮޓޯ: މިހާރު
"ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގާނޫނެއް ތަސްދީގު ކުރެވުނީ މި އަހަރުގެ އޮގަސްޓް މަހު. އަދި އަޅުގަނޑުމެންގެ ލެބޯރެޓްރީތަކުގައި ކާބޯތަކެތި ޓެސްޓު ކުރެވެން ހުރި މިންވަރަކީ ވަރަށް އާދައިގެ މިންވަރެއް. ނެޝަނަލް ލެބޯރެޓަރީގައި ވެސް އެމްއެފްޑީއޭގައި ވެސް އެންމެ ބޮޑު ގޮންޖެހުން މިއީ،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، އޭއެމްޑީސީގެ ލެބޯޓްރީއަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ. ޑަބްލިއުއެޗްއޯ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، ނުރައްކާތެރި ކާބޯތަކެތި ބޭނުންކުރުމުގެ ސަބަބުން ދުނިޔޭގައި ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން މަރުވާ ކަމަށެވެ. ހާއްސަކޮށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެކަން ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭއެމްޑީސީގެ ސީއީއޯ ކިޝޯރު އަސޯކަން ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އޭއެމްޑީސީ
އޭއެމްޑީސީގެ ސީއީއޯ ކިޝޯރު އަސޯކަން ވިދާޅުވީ، އޭއެމްޑީސީ ލައިފް ސައިންސް ލެބުން އައިއެސްއޯ ސްޓޭންޑާޑަށް ފިޓުވާނެ ގޮތަށް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އެ ހިދުމަތުގެ ސަބަބުން ފެނާއި ކާބޯތަކެތި ޓެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭއެމްޑީސީގެ ޗެއާމަން އާދަމް ނައީމް، އައިއެސްއޯ ސްޓޭންޑަޑް ސެޓްފިކެޓް ލައިފް ސައިންސް ލެބާ ހަވާލު ކޮށްދެއްވަނީ.--- ފޮޓޯ: އޭއެމްޑީސީ
އޭއެމްޑީސީގެ ކްލިނިކުން ކާބޯތަކެއްޗާއި ފެން ތަހުލީލް ކުރުމަށް ލައިފް ސައިންސަސްގެ ފުޑް އެންޑް ވޯޓާ ޓެސްޓިން ލެބޯޓްރީއެއް ހުޅުވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ރިސޯޓުތަކުގެ އިތުރުން އެހެނިހެން ވިޔަފާރިތަކުން ބޭނުންވާ ހާލަތުތަކުގައި އެ ލެބޯޓްރީން ފެނާއި ކާބޯތަކެތި ޓެސްޓު މިހާރު ކޮށްދެ އެވެ.
އޭއެމްޑީސީން ހުޅުވި ލެބުގައި ރާއްޖެ އިން ބޭރަށް ފޮނުވައިގެން ހަދާ ލިޖީއޯނޭއްލާ އަށް ހަދާ ޓެސްޓް ފަދަ ގިނަ އަދަދެއްގެ ޓެސްޓްތައް ހެދުމުގެ ގާބިލްކަން އެބަހުއްޓެވެ. ރާއްޖެ އިން ބޭރަށް ސާމްޕަލް ފޮނުވައިގެން އެތައް ދުވަހެއް ވަންދެން ނަތީޖާ އަށް އިންތިޒާރު ކުރަންޖެހޭ ޖެހުމަށް ވެސް އޭއެމްޑީސީގެ ސަބަބުން މިހާރު ނިމުމެއް އަންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ އަހާލީ
08 December 2024
ބިދޭސީންގެ ހެލްތް ޗެކަޕް ނަޒާހާތްތެރިކޮށް ނުހެދިގެން އިމިގްރޭޝަނުން ބްލެކްލިސްޓްކުރި ތަނަކީ މީތަ؟
އަދާލަތު
07 December 2024
މަރުޙަބާ ތިޔައީ ކުރިެރުމަކީ. ޞިއްޙީ އިތުރު ކުރިއެރުންތަކެއް، ފުރިހަމަ ކޮލިތީއާއެކު، ދައްކަވާށި. އާމީން ޝުކުރިއްޔާ! އޭއެމްޑީސީ މެނޭޖްމަންޓް.