ރަޝިޔާގެ ރައީސްކަމުގައި ހުންނެވުމަށް ފަހު އިއްޔެ ފިއްލެވި ބައްޝާރުލް އަސަދު. -- ފޮޓޯ: އޭއެފްޕީ
09 ޑިސެމްބަރ 2024 - 05:56
ސީރިއާގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު ބައްޝާރުލް އަސަދު މިއަދު ގައުމު ދޫކޮށް ވަޑައިގެންފައިވާ ކަމަށާއި ސުލްހަވެރިކަމާ އެކު ބާރުތައް ބަދަލުކުރުމަށް އަމުރުކުރެއްވި ކަމަށް ބައްޝާރާ ގާތް ގުޅުމެއް އޮންނަ ރަޝިޔާއިން ބުނެފި އެވެ.
ސީރިއާގައި ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ފެށި މުޒާހަރާތައް ދާހިލީ ހަނގުރާމައަކަށް ބަދަލުވެ 13 އަހަރަށް ފަހު މިއަދު ވެރިކަން ވެއްޓުނީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ކުއްލިއަކަށް ހޯދަން ފެށި ކުރިއެރުންތަކަށް ފަހު، ވެރިރަށް ދިމިޝްގަށް އެރުމާ އެކުގަ އެވެ. އެއާ އެކު ބައްޝާރު ވަނީ ގައުމު ދޫކޮށް ވަޑައިގެންފަ އެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށް ދިޔައީ ހަނގުރާމަވެރިންނާ ގުޅުން އޮންނަ ފަރާތްތަކާއި ބައްޝާރާ ދެމެދު ބޭއްވި މަޝްވަރާތަކަކަށް ފަހު ކަމަށެވެ. މި މަޝްވަރާތަކަށް ފަހު ބައްޝާރު ނިންމެވީ ރައީސްކަމުން އިސްތިއުފާ ދެއްވަން ކަމަށާއި ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާ އެކު ހަވާލުކުރަން އަމުރުކުރެއްވި ކަމަށް ބަޔާނުގައިވެ އެވެ.
"މި މަޝްވަރާތަކުގައި ރަޝިޔާ ބައިވެރިއެއް ނުވަން،" ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ބަޔާނުގައި ބުނީ ސީރިއާގައި ހިނގަމުންދާ ކަންކަމާ މެދު ރަޝިޔާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އެއްވެސް ބަޔަކު މި ހާލަތުގައި ހަމަނުޖެހުންތަކަށް މަގު ފަހިކޮށްގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.
ސީރިއާގައި ގާއިމުކޮށްފައި ރަޝިޔާގެ އަސްކަރީ މަރުކަޒުތައް މިހާރު ވަނީ ކުއްލި ހާލަތުގައި ކަމަށާއި އެކަމަކު އެ ތަންތަނަށް މި ވަގުތު ބޮޑު ނުރައްކަލެއް ކުރިމަތިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބައްޝާރުގެ ވެރިކަން ވެއްޓުނު އިރު އޭނާގެ ވެރިކަމަށް 24 އަހަރު ވެއްޖެ އެވެ. އޭނާ ރައީސްކަމަށް އިންތިހާބުކުރީ ބައްޕާފުޅު ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަވުމުން، ރިޔާސީ އިންތިހާބުގައި އެކަނި ވާދަކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް