އިޒްރޭލާއި ސީރިއާ ގުޅޭ ބޯޑަރު ކައިރީގައި އިޒްރޭލުގެ ޓޭންކުތައް އަތުރާފައި: އިޒްރޭލުން ވަނީ މި ސަރަހައްދުގައި އޮންނަ ބަފަ ޒޯން ހިފަން ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
09 ޑިސެމްބަރ 2024 - 05:55
ސީރިއާގައި އެތައް އަހަރެއް ވަންދެން ވެރިކަންކުރެއްވި ބައްޝާރުލް އަސަދުގެ ވެރިކަން އިއްޔެ ވެއްޓުމުގެ ފަހަތުގައި ވަނީ އިޒްރޭލުން ހިޒްބުﷲ އާއި އީރާނަށް ދިން ގެއްލުންތައް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
އިޒްރޭލުން ހިފާފައި، ސީރިއާގެ ހުޅަނގު ދެކުނުގައި އޮންނަ ގޯލާނަށް ކުރި ދަތުރެއްގައި ނަތަންޔާހޫ ބުނީ ބައްޝާރުގެ ވެރިކަން ވެއްޓުމަކީ އީރާންގެ "ޝައިތާނީ ނާރެހުގެ މައިބަދަ ވަކިވުން" ކަމަށެވެ.
"މިއީ ބައްޝާރަށް އެންމެ ބޮޑަށް ވާގިވެރިވާ އީރާނާއި ހިޒްބުﷲ އަށް އިޒްރޭލުން ދިން ގެއްލުންތަކުގެ ސީދާ ނަތީޖާ. މުޅި މެދުއިރުމައްޗަށް ގުޅިގެންދާ ގޮތަށް މި ކަންކަމުގެ އަސަރު ވަނީ ކޮށްފައި. އަނިޔާވެރި ސަރުކާރުތަކުގެ ދަށުން ނުކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބުނު،" ނަތަންޔާހޫ ބުންޏެވެ.
ސީރިއާގެ ރައީސްކަން ދޫކޮށްލައްވައި ބައްޝާރު ގައުމު ދޫކޮށް ވަޑައިގެންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިޒްރޭލުން ވަނީ ސީރިއާގެ މައި އެއާޕޯޓް ކައިރީގައި ހުންނަ ހަތިޔާރު ގުދަނަކަށް ބޮން އަޅައިފަ އެވެ. އިޒްރޭލުން ބުނީ މިއީ އެ ހަތިޔާރު، ނުރައްކާ ބައެއްގެ އަތްދަށަށް ގޮސް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެތީ އެޅި ފިޔަވަޅެއް ކަމަށެވެ.
ނަތަންޔާހޫ ވަނީ ސީރިއާ އާއި އިޒްރޭލާ ދެމެދު އޮންނަ ބަފަ ޒޯން ހިފަން ވެސް އިޒްރޭލުގެ އަސްކަރިއްޔާ އަށް އަމުރުކޮށްފަ އެވެ. ނަތަންޔާހޫ ބުނީ ސީރިއާއާ އެކު މީގެ 50 އަހަރު ކުރިން ހެދި އެއްބަސްވުމެއްގެ ދަށުން އެ ސަރަހައްދު ބަލަހައްޓަމުން ދިޔަ ސީރިއާ ސިފައިން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި ކަމަށެވެ.
ސީރިއާގެ ހަނގުރާމަވެރިންގެ ކުރިއެރުން އަވަސްވުމާ އެކު އިޒްރޭލުން ކުރިން ވެސް ވަނީ އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ފަށާފައިވާ ކަމަށް ބުނެފަ އެވެ.
ގޯލާންގެ ބޮޑު ބައެއް 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހިފައި އަދި ފަހުން އެ ސަރަހައްދު ވަކިކޮށްލާފައި ވާއިރު އެއީ ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ބަޔަކު ބަލައިގަންނަ ނިންމުމެއް ނޫނެވެ. އޭގެ ފަހުން 1974 ވަނަ އަހަރު ބަފަ ޒޯނެއް ގާއިމުކޮށް، އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކާއި ސީރިއާގެ ސަރަހައްދުތައް ވަކިކޮށް، އޭގެ ފަހުން އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން އެތަނުގައި ތިއްބެވެ.
އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ތަރުޖަމާނަކު ހޮނިހިރު ދުވަހު ވިދާޅުވީ ޔޫއެންޑީއޯއެފްގެ ސިފައިން ތިބޭ ސަރަހައްދުން "ތިޔާރު އެޅި ބަޔަކު" ފެނިފައިވާ ކަމަށާއި އދ.ގެ މިޝަނެއް ގާއިމުވެ ތިބޭ ތަނަކަށް އޭގެ ތެރެއިން ވިއްސަކަށް މީހުން ދިޔަ ކަމަށެވެ. އިޒްރޭލުން ބުނި ގޮތުގައި އެއީ އދ.ގެ ސިފައިންނަށް އެހީވާން ދިޔަ އިޒްރޭލު ސިފައިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަލިމޯޑު
09 December 2024
ބައްޝާރުގެ ކިބައިން ސީރިއާ ސަލާމަތްވީއެވެ.ދެން އޮތީ އިޒްރޭލުގެ ކިބައިން ސީރިއާ ސަލާމަތްވޭތޯ ހަނގުރާމަކުރުމެވެ.
އަބޫބަކުރުބެ
09 December 2024
އެޗްޓީއެސްއަކީ އިޒްރޭލުގެ ޖާސޫސީއިދާރާގެ ގޮތްޕެއްނޫންބާ؟
ނަތަނިޔާހޫ
09 December 2024
އިޒްރޭލުވެސް ވެއްޓޭނީ އިޒްރޭލުގެ ސަބަބުން.